"ރައީސް" އެހެން މީހަކަށް ނުކުޅެވޭނެކަމަށް ޝާހްރުކް ގަބޫލުކުރޭ
"ރައީސް" އެހެން މީހަކަށް ނުކުޅެވޭނެކަމަށް ޝާހްރުކް ގަބޫލުކުރޭ

ޝާހްރުކް ޚާންގެ އަލަށް ރިލީޒްކުރާ ފިލްމު "ރައީސް"ގެ ފުރަތަމަ ޓްރެއިލާއާ އެކު ފިލްމުގެ އަޑުފައްގަނޑު ވަރަށް ގަދަވި އެވެ. ޝާހްރުކް ގޭންގްސްޓާރެއްގެ ރޯލު އަދާކުރާ މި ފިލްމުގެ ލަވަތަކާއި ޑައިލޯގްތައް ވެސް ގިނަ ބަޔަކަށް ވަނީ ވަރަށް ކަމުގޮސްފަ އެވެ.

ފިލްމުގެ ޑައިރެކްޓަރަކީ ނޭޝަނަލް އެވޯޑު ހޯދާފައިވާ ކުޅަދާނަ ރާހޫލް ޑޯލަކިޔާ އެވެ. އެހެންވެ ހުރިހާ ގޮތަކުން ވެސް މި ފިލްމަކީ މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ފިލްމަށް ވަނީ ވެފަ އެވެ.

ޝާހްރުކް މީގެ ކުރިން މިފަދަ ރޯލެއް ކުޅެފައެއް ނުވެ އެވެ. ޑައިރެކްޓަރު ބުނި ގޮތުގައި އޭނާ ފިލްމުގެ ސްކްރިޕްޓް އޮޅުންފިލުވައިދޭން ފުރަތަމަ ފަހަރަށް ޝާހްރުކާ ބައްދަލުކުރަން ދިޔައިރު އޭނާ އުޅެނީ އެވޯޑް ފަންކްޝަނަކަށް ދާން ތައްޔާރުވުމުގަ އެވެ. އަދި އޭނާއަށް ދެވެން އޮތީ އެންމެ 10 މިނިޓް ކަމަށް އެ ދުވަހު ޝާހްރުކް ބުންޏެވެ.

ނަމަވެސް ފިލްމުގެ ވާހަކަ ކިޔައިދޭން ފެށުމުން 45 މިނެޓް ވެގެން ދިޔައިރު ވެސް އޭނާއަކަށް އިހްސާސެއް ނުވި އެވެ. އެންމެ ފަހުން ފިލްމު ނިމޭ ގޮތް ކިޔައިދިނުމަށް އޭނާ އެދުނެވެ. އެއަށްފަހު އޭނާ ފިލްމު ކުޅެން އެއްބަސްވި އެވެ.

"ޝާހްރުކް ގަބޫލުކުރާ ގޮތުގައި އޭނާއަށް ވުރެ މޮޅަށް "ރައީސް"ގެ އެ ކެރެކްޓާ ކުޅެވޭނެ އެއްވެސް މީހެއް ނެތް،" ރާހޫލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފިލްމުގައި ހުންނަ ގޮތަށް ޕަޓާނީ ހެދުން އަޅައިގެން ލޮލުގައި އަނދުން އަޅައިގެން ޝާހްރުކް ފިލްމު ސެޓު ތެރޭއިން ފެނުމުން ވެސް މީހުން އޭނާ ދެކެ ބިރުގަނެ އެވެ. އެހާވެސް އޭނާ އެ ކެރެކްޓާއަށް ތައްޔާރުވެފައިވާލެއް މޮޅެވެ.

ޝާހްރުކްގެ "ރައީސް" ޖެނުއަރީ 25 ގައި ރިލީޒްކުރާއރު ބޮކްސް އޮފީހުގައި ރިތިކް ރޯޝަންގެ "ގާބިލް" އާ ބޮޑު ހަނގުރާމައަކަށް ދަނީ ތައްޔާރު ވަމުންނެވެ. ނަމަވެސް ޑައިރެކްޓަރު އެކަމާ ކަންބޮޑެއް ނުވެ އެވެ. އޭނާ ބުނި ގޮތުގައި އޭނާއަށް ވީ އެންމެ ރަނގަޅަކަށް ފިލްމު އެވަނީ އުފައްދާފަ އެވެ. ދެން އޮތީ ބެލުންތެރިން ނިންމާ ގޮތެކެވެ.

ފިލްމުގެ ޕްރޮޑިސަރު ރިތޭޝް ސިދްވާނީ ބުނީ އާމިރު ޚާންގެ "ދަންގަލް" ރިލީޒްކުރަން އުޅުނުއިރުވެސް މީހުން ތަފާތު ވާހަކަތައް ދައްކަމުން ދިޔަ ކަމަށެވެ. ސަލްމާން ޚާންގެ "ސުލްތާން" އަށް ފަހު ރެސްލިން ތެޅުމުގެ މައްޗަށް ބިނާކޮށް ކުޅޭ ފިލްމެއް ބަލަން ދާނީ ކާކުތޯ ބަޔަކު މީހުން ސުވާޅު އުފެއްދި އެވެ. ނަމަވެސް "ދަންގަލް" މިހާރު ވަނީ މުޅިން އާ ރެކޯޑްތަކެއް ގާއިމްކޮށްފަ އެވެ. މިހާރު އެ ފިލްމާ އެހެން އެއްވެސް ފިލްމަކާ ވާދަވެރިކަމެއް ނެތެވެ.

މިހާރު އޮތީ ރެކޯޑް ގާއިމްވަނީ ކިހާ ހިސާބަކަށްތޯ ބެލުމެވެ. އެގޮތުން "ރައީސް" އާ ބެހޭ ގޮތުން ވެސް މީހުން ތަފާތު ވާހަކަތައް ދެއްކިޔަސް ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން އޭނާ އެފަދަ ކަންކަމަކާ ހާހެއް ނުވެ އެވެ.