ސޮނީ ސްޕޯޓްސްގެ ވޯލްޑްކަޕް ފޯރީގައި އަގުހުރި އިނާމުތައް
ސޮނީ ސްޕޯޓްސްގެ ވޯލްޑްކަޕް ފޯރީގައި އަގުހުރި އިނާމުތައް

ވޯލްޑްކަޕާ ދިމާކޮށް "ސޮނީ ސްޕޯޓްސްގެ ވޯލްޑްކަޕް ފޯރި 2022"ގެ ނަމުގައި އަގުހުރި ގިނަ އިނާމުތަކާ އެކު ހަރަކާތްތަކެއް ފަށައިފި އެވެ.

މީގެ ތެރެއިން 10 ދުވަހަށް ކުރިއަށް ގެންދާ އިންސްޓަގްރާމް ސުވާލު މުބާރާތެއް މިހާރު ދަނީ ކުރިއަށެވެ. އެ މިއީ ވޯލްޑްކަޕާ ގުޅުން ހުރި އެކި މައުލޫމާތު ހިމަނައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މުބަރާތުގެ ބައިވެރިންގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ސޮނީގެ 1،000ރ. ގެ ގިފްޓު ވައުޗަރެއް ލިބޭނެ އެވެ.

ސޮނީ ސްޕޯޓްސްއިން ވަނީ ވޯލްޑްކަޕަށް ހާއްސަކޮށް ފެންޓަސީ ލީގެއް ވެސް ތައާރަފުކޮށްފަ އެވެ. އެ ލީގުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ފެންޓަސީ ލީގުގެ އެއް ވަނަ އަށް އެ ފިހާރައިން ހުށަހަޅާފައި ވަނީ 20،000ރ.ގެ ފައިސާގެ އިނާމެކެވެ. އަދި ދެ ވަނަ އަށް 5،000ރ. ގެ ފައިސާގެ އިނާމެއް ހުށަހަޅާފައި ވާއިރު ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 2،500ރ. ގެ ފައިސާގެ އިނާމެވެ.

ސޮނީ ސްޕޯޓްސްއިން ބުނި ގޮތުގައި ވޯލްޑްކަޕްގެ ކުއާޓާ ފައިނަލް މެޗުތައް ފެށުމުން އެ ފިހާރައިގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ސްކޯ ދިމާކުރުމުގެ ފުރުސަތު ހުޅުވާލާނެ އެވެ. ސްކޯ ދިމާކުރުމުގެ ފުރުސަތު ހުޅުވާލަނީ ކުއާޓާ ފައިނަލް، ސެމީ ފައިނަލް އަދި ފައިނަލް މެޗުތަކަށެވެ. ކޮންމެ މެޗެއްގައި ވެސް ސްކޯ ދިމާކުރަން ހުޅުވާލާ ފުރުސަތުގައި ރަނގަޅު ސްކޯ ދިމާކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނަގާނެ އެވެ.

އެ ލަކީޑްރޯގައި ކުއާޓާ ފައިނަލްގެ މެޗުތަކުގެ ސްކޯ ދިމާކުރާ މީހުންނަށް ހުށަހަޅާފައިވާ އިނާމަކީ 1،000ރ. ގެ ގިފްޓު ވައުޗަރެކެވެ. ސެމީ ފައިނަލްގެ މެޗުތަކަށް ހުށަހަޅާފައި ވަނީ 2،000ރ. ގެ ގިފްޓު ވައުޗަރެކެވެ. އަދި ފައިނަލް މެޗުތަކަށް ހުށަހަޅާފައި ވަނީ 5،000ރ. ގެ ގިފްޓު ވައުޗަރެކެވެ. އަދި އެންމެ މޮޅު ކުޅުންތެރިޔާ ދިމާކުރާ ނަސީބުވެރިއަކަށް 2،000ރ. ގެ ގިފްޓު ވައުޗަރެއް ވެސް ވަނީ ހުށަހަޅާފަ އެވެ.

ވޯލްޑްކަޕާ ދިމާކޮށް ސޮނީ ސްޕޯޓްސްއިން އަންނަނީ މި ފަހަރުގެ ވޯލްޑްކަޕުގެ ބޯޅަ، "އަލް ރިހްލާ ޕްރޯ" ފުޓުބޯޅަ ވެސް ވިއްކަމުންނެވެ. އަދި "އަލް ރިހްލާ" ފުޓްސަލް ބޯޅަ ވެސް އެތަނުން ލިބޭނެ އެވެ. ވޯލްކަޕް ޓީމުތަކުގެ ސަޕޯޓާސް ޖާޒީ އާއި ޓީމުތަކުގެ ސްކާފު ވެސް ސޮނީ ސްޕޯޓްސް އިން ލިބޭނެ އެވެ. މީގެ އިތުރުން، ޖާޒީ ގަތުމުން ހިލޭ ނަން ވެސް އެ ފިހާރައިން ޕްރިންޓު ކޮށްދެ އެވެ. އެޑިޑާސް ޓާފް ޝޫޒް ފީފާ ޕެކް ވެސް ސޮނީ ސްޕޯޓްސްއިން ލިބެން ހުންނާނެ އެވެ.