20 ނޮވެމްބަރ 2022 - 16:22

މިރޭ ގަތަރުގައި ފަށާ ވޯލްޑް ކަޕަށް ރާއްޖޭގެ އެކި ހިސާބުތަކުން ވަަމުން އަންނަ ތައްޔާރީތައް ވެސް ތަފާތެވެ. އެގޮތުން ރާއްޖޭގެ އެންމެ ޒަމާންވީ އެއް ސަގާފަތަކީ ފުޓުބޯޅަ މެޗެއް ކުޅޭ ނަމަ ބޮޑު ސްރީނު ބަހައްޓައި އެންމެން އެއް ތަނަކަށް އެއްވެ މެޗު ބެލުމެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މިކަން ކުރަމުން އަންނަ ގޮތް ވެސްް ތަފާތެވެ. އެއް ބަޔަކު ބޮޑު ސްކްރީނުގައި ބެލުމަށް އެތަން ޒީނަތްތެރި ކުރުމަށް ގިނަ މަސައްކަތް ކުރެ އެވެ. އެ ތަންތަނުގައި ދިދަ ދެމުމާއި ކުޅުންތެރިން ކުރެހުން ފަދަ ކަންކަން ކުރެ އެވެ.

އެގޮތުން ފ. ދަރަނބޫދޫގައި މެޗުތައް ބެލުމަށް ހަދަމުންދާތަން ޒީނަތްތެރި ކުރުމަށް އެ ރަށުގެ ކުދިބޮޑު އެންމެން ހަރަކާތްތެރިވެ އެވެ. މެޗު ބެލުމަށް ހަދާ ޖަގަހައިގައި ކުރެހުމުގެ މަސައްކަތް ކުރަމުންދާއިރު އެ ތަން ހެދުމުގެ މަސައްކަތުގައި އުޅެނީ އެ ރަށުގެ ޒުވާނުންނެވެ.

އެ ރަށުގެ ބޮޑެތި މަގުތަކުގެ ފާރުތަކުގައި ވެސް ކުރެހުންތައް ކުރަހާފައި ހުއްޓެވެ. އެގޮތުން ފާރުތަކުގައި ގައުމުތަކުގެ ދިދަ ކުރަަހާފައި ހުއްޓެވެ.

ހދ. ކުޅުދުއްފުށީ ކައުންސިލުން ބުނީ އެ ރަށުގެ ދެ އަވަށެއްގައި ސްކްރީން ބެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާލެ ސަރަހައްދުގައި ވެސް ވޯލްޑް ކަޕުގެ ފޯރި ގަދަ އެވެ. ގޭގޭގެ ބެލްކަނިތަކުގައި ކުޅޭ ޓީމުތައް ނުވަތަ ސަޕޯޓު ކުރާ ޓީމުތަކުގެ ދިދަ ދަމާފައި ހުރެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުން ވޯލް ކަޕަށް ތައްޔާރުވަމުން ދާއިރު، ފާހަގަ ކޮށްލެވޭ ކަމަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމްގައި ހަދާ ފޭން ޒޯނުގައި ބަހައްޓާ ސްކްރީނުތަކަކީ މިހާތަނަށް ރާއްޖޭގައި ބަހައްޓާ އެންމެ ބޮޑު ލެޑް ސްކްރީނެވެ.
އެޗްޑީސީން ބަހައްޓާ އެ ލެޑް ސްކްރީނަކީ 40 ފޫޓު 20 ފޫޓުގެ ސްކްރީނެކެވެ. އަދި އެޗްޑީސީން އަންނަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީ ސިންތެޓިކް ޓްރެކު ސަރަހައްދުގައި ވެސް ސްކީނެއް ބެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ.
ވޯލްޑް ކަޕް ބެލުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ މަސައްކަތްތަކެއް ފޯރިއާ އެކު ކުރަމުންދާއިރު، ޔޫތު މިނިސްޓްރީ އިން ދަނީ މެޗު ބެލުމަށް ބޭނުން ކުރާ ޕްރޮޖެކްޓަރުތައް ދޫކުރަމުންނެވެ. އެގޮތުން 100 ޕްރޮޖެކްޓަރު ދޫކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ވޯލްޑް ކަޕް ފުރަތަމަ މެޗުގައި މިރޭ ރާއްޖޭ ގަޑިން 9 ޖަހާއިރު ފަށާއިރު އެ މެޗުގައި ނުކުންނާނީ ގަތަރާއި އިކުއެޑޯ އެވެ.