16 ނޮވެމްބަރ 2022 - 14:54

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އަމަލު ކުރާ ގޮތާ މެދު ހިތްހަމަ ނުޖެހިގެން އެމްޑީޕީގެ މެންބަރުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް މަލާމާތް ކުރައްވައިފި އެވެ.
އެމްޑީޕީގެ ދެ ފެކްޝަންގެ އަރައިރުން ބޮޑުވުމާއި ޓެކްސް އާ ބެހޭ ބިލަށް ވޯޓަށް ނާހައި ދިގުދަންމާ މައްސަލާގައި ސަރުކާރު ފެކްޝަންގެ މެންބަރުން ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި މަސައްކަތް ކުރިޔަށް ނުގެންދެވޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރުމަށް ފަހު އެމްޑީޕީގެ 25 ހަކަށް މެންބަރުން ވަނީ މުލިއާ ގެއަށް ވަޑައިގެން ރައީސް އާ މައްސަލަތައް ހިއްސާ ކުރައްވައިފަ އެވެ.
އެކަމަށް އިޝާރާތް ކުރައްވައި މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މެންދުރު ގަޑީގައި މުލިއާ ގެއަށް ވަޑައިގަތީ ފަރިއްކުޅުވާން ކަމަށެވެ.
"ޔަގީން އެހެންވީމަ އެއީ ގަރުދިޔަ އާއި ބަތާ ކަން،" މަލާމާތުގެ ރާގަކުން ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވި ނަމަވެސް ސަރުކާރު ފެކްޝަން މެންބަރުން ރައީސް އާ ބައްދަލު ކުރައްވައި ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަމާ ބައެއް މެންބަރުންގެ ހިޔާލު ތަފާތެވެ.
އެ މައްސަލާގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ގޮތެއް ނިންމަވައިގެން ކުރިޔަށް ގެންދަން ރައީސް އިރުޝާދު ދެއްވި ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ވިދާޅުވި އެވެ.
އެމްޑީޕީގެ ތެރޭގައި ރައީސް އާއި ނަޝީދު ވާދަ ކުރެއްވާނެ ކަމަށް ބެލެވޭ ރިޔާސީ ޕްރައިމަރީ ކައިރިވާ ވަރަކަށް ދެ ފެކްޝަންގެ ކޯޅުން އަންނަނީ ބޮޑުވަމުންނެވެ.