16 ނޮވެމްބަރ 2022 - 14:35

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ބިލަށް ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެންބަރު ހުސެއިން މުހައްމަދު ލަތީފް ތާއީދު ކުރައްވައި ވޯޓު ދެއްވައިފި އެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރު ފަރާތުން ފޮނުވި އިސްލާހާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަނީ ވަރަށް ބޮޑަށް އަޑު އުފުލައިފަ އެވެ.
ޓެކްސް ބިލާ ދެކޮޅަށް ޕީޕީއެމްގެ އާންމު މެންބަރު މަޖިލީހުގެ ބޭރުގައި މުޒާހަރާކޮށް ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ. އަދި މަޖިލީހުގައި މިއަދު އެ ބިލު ފާސްކުރަން އުޅުމުން ޕީޕީއެމްގެ މެންބަރުން ވަނީ މަޖިލީހުގައި އަޑުގަދަ ކުރައްވައި ދުންމާރި ވެސް ފުމެފަ އެވެ.
ނަމަވެސް 55 މެންބަރުންގެ ވޯޓާ އެކު އެ އިސްލާހު ވަނީ ފާސް ކޮށްފަ އެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ 26 މެންބަރުންނެވެ.
ޕީޕީއެމްގެ މެންބަރެއް ސަރުކާރާ އެއްކޮޅަށް ވޯޓު ދެއްވި މައްސަލަގައި ސުވާލު ކުރުމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ އެ މައްސަލާގައި ދެކޮޅަށް ވޯޓު ދިނުމަށް ޕީޕީއެމް އިން ތްރީ ލައިން ވިޕެއް ނެރެފައިވާ ކަމަށެވެ. އެއާ ދެކޮޅަށް ވޯޓު ދިނުމާ ގުޅިގެން ޕާޓީގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީގެ ވެސް ގިނަ މެންބަރުން ވިޕާ ހިލާފުވި. އެއީ ޑިމޮކްރަސީގައި ހިނގާ ގޮތް ކަމަށްވުން އެކަށީގެންވޭ،" އޭނާ ވިދާޅުވި އެވެ.