އޮފީހުން ތަކެތި ގެންދިޔައީ ފުލުހުން ތިއްބާ، ޒިންމާ ވެވޭކަށް ނެތް: ޔުމްނާ
އޮފީހުން ތަކެތި ގެންދިޔައީ ފުލުހުން ތިއްބާ، ޒިންމާ ވެވޭކަށް ނެތް: ޔުމްނާ

ހ. ތެމާގައި ހިންގި ޕީޕީއެމްގެ ރަސްމީ އޮފީހުން ތަކެތި ގެންދިޔައީ، އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ފުލުހުން ތިއްބައި ކަމަށާއި، އެ ތަނުން ހާޑް ޑްރައިވްތައް މަދުވި ކަމަށް ވިއަސް ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފެކްޝަނަށް އެ ޒިންމާ ނެގެން ނެތް ކަމަށް ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

އެ އޮފީހުން ތަކެތި ގެންދިޔައީ ޕީޕީއެމްގެ މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަށް ނިސްބަތްވާ ބައެކެވެ. އެކަމަކު ބައެއް ތަކެތި މަދުކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހެޅީ ވެސް އެ ފެކްޝަނުންނެވެ.

އެ މައްސަލާގައި މިއަދު ފުލުސް އޮފީހަށް ހާޒިރުކުރި ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާ ޔުމްނާ ވިދާޅުވީ ޕާޓީގެ އޮފީސް ހުޅުވާނީ ދެ ފެކްޝަންގެ މީހުން ތިބެގެން ކަމަށް، އޭރު ސެކިއުރިޓީ ބަލަހައްޓަން ހުރި ފުލުސް އޮފިސަރަކު ބުނި ކަމަށެވެ. ނަމަވެސް މައުމޫން ފެކްޝަންގެ މީހުން ނެތީސް، ބަޔަކު ދޮރުގެ ތަޅު ކީހާލައިގެން ވަދެ ތަކެތި ގެންދިޔައީ ކަމަށް، މައުމޫންގެ ދަރިކަނބަލުން ވިދާޅުވި އެވެ.

"އަޅުގަނޑު އެ ތަނުގައި [ޕާޓީ އޮފީހުގެ ސެކިއުރިޓީއަށް ހުރި] ފުލުސް އޮފިސަރާ ވާހަކަދައްކާލީމަ ވިދާޅުވީ ދެ ފެކްޝަންގެ ބޭފުޅުން ތިބެގެންނޭ އެތަން ހުޅުވާނީ. [އެކަމަކު] އެގޮތަކަށް ނޫން ކަންތައް ވީކީ،" ޔުމްނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގެއަށް ދަނިކޮށް މައުލޫމާތު މި ލިބުނީ ބަޔަކު އެތަނުގެ ތަޅު ކީހާލައިގެން ވަދެއްޖޭ. ދެން އެތަނުން ތަކެތި ނެރުނު ވާހަކަ މި ލިބުނީ... އެހެންވެ މިއަދު ވެސް މި ބަޔާން ދިނީ އަޅުގަނޑުމެންނަށް ނެތޭ އެކަމަށް ޒިންމާ ވެވޭކަށް ފުލުހުން އެތަނުގައި ތިއްބެވިއޭ، އެހެން ބަޔަކު އެތަނުގެ ތަޅު ކީހަލައިގެން އެއްޗެހި ގެންދިޔައިރު. އެހެންވީމަ ތަކެއްޗަށް ވީގޮތް އަޅުގަނޑުމެންނާ ސުވާލުކުރީމަ އަޅުގަނޑުމެންނަށް ވަރަށް ދަތިވާނޭ އެކަން ވީގޮތް ދަންނަވަން،" ޔުމްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮފީހުން ތަކެތި ގެންދިޔަ މައްސަލަ އެ ފެކްޝަނުން އެ ރޭ ފުލުހަށް ވެސް ހުށަހެޅި ކަމަށެވެ. އަދި އެ މައްސަލަ ބަލައިދޭން އޭރު ވެސް އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުޝްތަޝާރު ރައީސް ޔާމީނާ ކޯޓުން ހަވާލުކުރުމާ އެކު އެތަނުގައި ހުރި މުދާތައް އެ ފެކްޝަނުން ގެންގޮސް މިހާރު ވަނީ އެހެން އިމާރާތަކަށް ވައްދައިފަ އެވެ.

ރައީސް ޔާމީންގެ ފެކްޝަނުން މައްސަލަ ޖައްސަނީ ހާޑް ޑްރައިވެއް މަދުވެގެންނެވެ. އެ ހާޑް ޑްރައިވް ހޯދަން ކޯޓު އަމުރެއްގެ ދަށުން ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހާއި އެ ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ދިރިއުޅޭ އެޕާޓްމަންޓް ވެސް ބަލައި ފާސްކުރި އެވެ. އޭގެ އިތުރުން އަލީމާއި މައުމޫން ފެކްޝަނުން ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކޮށްފައިވާ އާމިނަތު ނާދިރާ ވެސް ފުލުހަށް ހާޒިރުކޮށް ސުވާލުކުރި އެވެ.