ރުޑީގާ އަށް އަނިޔާވެ ޖަރުމަނުގެ ޑިފެންސަށް އިތުރު މައްސަލަތަކެއް
ރުޑީގާ އަށް އަނިޔާވެ ޖަރުމަނުގެ ޑިފެންސަށް އިތުރު މައްސަލަތަކެއް

ޕެރިސް (ޖޫން 8) - ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑީގާ އަށް އަނިޔާވެ ޔޫރޯގެ ކުރިން ޖަރުމަނުގެ ޑިފެންސް ލައިނަށް އިތުރު މައްސަލަތަކެއް ދިމާވެއްޖެ އެވެ.

އިޓަލީގެ ރޯމާ އަށް ކުޅެމުން އަންނަ ރުޑީގާގެ ކަކުލަށް އަނިޔާވީ ޖަރުމަނުން ފްރާންސްގައި ބޭއްވި ފުރަތަމަ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. ޖަރުމަނު ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރުޑީގާ މި ފަހަރު ޔޫރޯ އިން ނުފެންނާނެ ކަމަށާއި އޭނާގެ ބަދަލުގައި ވަރަށް އަވަހަށް ކުޅުންތެރިޔަކު ނަގާނެ ކަމަށެވެ.

ރުޑީގާ އަށް އަނިޔާވެފައިވާއިރު ޖަރުމަނުގެ އެއް ނަންބަރު ޑިފެންޑަރު މެޓް ހަމެލްސް އަދި އެއްކޮށް ފިޓެއް ނޫނެވެ. ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ޖަރުމަނުން ކުޅުނު ގިނަ މެޗުތަކުގައި ހަމެލްސް ނެތްތަން ފޫބެއްދުމުގައި މޮޅު ކުޅުމެއް ދެއްކީ އުމުރުން 23 އަހަރުގެ ރުޑީގާ އެވެ.

ސިއެރަ ލިއޯން އަށް އުފަން ރުޑީގާ ޖަރުމަނު ޓީމަށް ފުރަތަމަ ފަހަރަށް މެޗެއް ކުޅުނީ މިދިޔަ އަހަރު ޕޮލެންޑާ ދެކޮޅަށެވެ. އެ މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު ރުޑީގާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ މެޗަށް ފަހު ރުޑީގާ އަންނަނީ ޖަރުމަނު ޓީމުން ގަވައިދުުން ޖާގަ ހޯދަމުންނެވެ.

މި ފަހަރު ޔޫރޯގައި ޖަރުމަނު އޮތީ ނޮދަން އަޔަލެންޑާއި ޕޮލެންޑް އަދި ޔޫކްރޭނާ އެކު ގްރޫޕް ސީ ގަ އެވެ.