ވޯލްޑް ކަޕްގައި އިރާންގެ ޓީމަށް އިހުތިޖާޖު ކުރުމުގެ ހުއްދަ ދީފި
ވޯލްޑް ކަޕްގައި އިރާންގެ ޓީމަށް އިހުތިޖާޖު ކުރުމުގެ ހުއްދަ ދީފި

ދޯހާ (ނޮވެމްބަރު 16) - ބުރުގާ އެޅުން މަޖުބޫރުކަމެއްގެ ގޮތުގައި އޮތް ގަވާއިދު ނިމުމަކަށް ގެނައުމަށް ގޮވާލާ އިރާންގައި ކުރިއަށްދާ މުޒާހަރާތަކަށް ތާއިދު ކުރުމުގެ ގޮތުން ވޯލްޑް ކަޕްގެ ތެރޭގައި އިހްތިޖާޖު ކުރުމުގެ ހުއްދަ ކުޅުންތެރިންނަށް އިރާންގެ ކޯޗު ކާލޯސް ކުއެރޯޒް ދީފި އެވެ.

އިރާންގެ ޒުވާން އަންހެނެއް ކަމަށްވާ މަހުޝާ އަމާނީ، ބުރުގާ ނާޅާ ހުރުމުން އިރާންގެ ފުލހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. ފަހުން ބަންދުގައިި ހުއްޓައި އޭނާގެ ހާލު ގޮސްވުމުން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވުމުން އިރާންގެ އެތައް ސަތޭކަ ބަޔަކު މުޒާހާރާ އަށް ނުކުތެވެ. ފުލުހުން ބުނީ އޭޏާގެ ހާލު ގޯސްވީ ފުލުހުން ހައްޔަރު ކުރުމުގެ ކުރިން ބައެއް އާންމުން އޭނާ އަށް ދިން ގެއްލުތަކާ ގުޅިގެން ކަމަށެވެ.

އެ މުޒާހަރާތަކުގައި 344 މީހުން މަރުވި އެވެ. އަދި 15280 މީހުން ހައްޔަރު ކުރި އެވެ. މުޒާހަރާތަކަށް ތާއީދު ކުރާކަން ހާމަ ކުރުމުގެ ގޮތުން އިރާންގެ ގައުމީ ޓީމުން ވަނީ ސެޕްޓެމްބަރު މަހު އެ ގައުމު ކުޅުނު ދެ މެޗެއްގައި ގައުމީ ޓީމުގެ ބެޖް ނިވާކޮށްގެން ކުޅެފަ އެވެ.

އިރާންގެ ކޯޗު ކަމާ ދެވަނަ ފަހަރަށް ހަވާލުވި ކުއެރޯޒް ބުނީ ފީފާ އާއި ވޯލްޑް ކަޕްގެ ގަވާއިދުތަކުގެ ދަށުން އެކަމާ އިހްތިޖާޖު ކުރުމުގެ ހުއްދަ ކުޅުންތެރިންނަށް އޭނާ ދޭނެ ކަމަށެވެ.

"އެކަމަކު އަހަރެމެންގެ އެންމެ ބޮޑު ޓާގެޓަކީ ދެވަނަ ބުރަށް ކޮލިފައިވުން ކުޅުންތެރިން އެންމެ ބޮޑަށް ހަނދާން ކުރަން ޖެހޭނެ ކަމަކީ އެއީ،" ކުއެރޯޒް ބުންޏެވެ.

މުޒާހަރާތަކަށް ތާއިދު ކުރާކަން ކުޅުންތެރިން ހާމަ ކުރި ނަމަވެސް އިރާންގެ ޓީމަށް ސޯޝަލް މީޑިއާގައި ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. އެއީ މުބާރާތުގެ ކުރިން އިރާން ސަރުކާރުގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމަށް ކުޅުންތެރިން ދިއުމުންނެވެ.