މާބަނޑު މީހުންނަށް ފޯލިކް އެސިޑް މުހިންމުކަން އާ ގައިޑްލައިނުގައި ވެސް ފާހަގަކޮށްފި
މާބަނޑު މީހުންނަށް ފޯލިކް އެސިޑް މުހިންމުކަން އާ ގައިޑްލައިނުގައި ވެސް ފާހަގަކޮށްފި

ބަނޑުގައި އޮންނަ ދަރިފުޅުގެ ކިބައިގައި އައިބުތައް ހުރުމުގެ ފުރުސަތު ކުޑަކުރުމަށް ފޯލިކް އެސިޑްގެ މުހިންމުކަން އެމެރިކާގެ ޕްރިވެންޓިވް ސާވިސަސް ޓާސްކް ފޯސްގެ އާ ގައިޑްލައިނުގައި އަނެއްކާވެސް ފާހަގަކޮށްފި އެވެ.

މި ޓާސްކް ފޯސް އިން 2009 ވަނަ އަހަރު އެކުލަވާލި ގައިޑްލައިނުގައި ބުނެފައި ވަނީ މާބަނޑު މީހުންނާއި ބަލިވެ އިންނަ އުމުރުގެ އަންހެނުންނަށް ދުވާލަކު 400-800 މައިކްރޮގްރާމްގެ ފޯލިކް އެސިޑް ބޭނުންވާ ކަމަށެވެ. މިއީ ދަރިފުޅުގެ ހަށިގަނޑުގައި ބޮޑެތި އައިބުތައް ހުރުމުގެ ފުރުސަތު ކުޑަކުރުމަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މި ގައިޑްލައިންގައި ބުނެފައިވެ އެވެ.

ކުރީގެ ލަފާ އާ ގައިޑްލައިންގައި ވެސް ވަނީ ތަކުރާރުކޮށްފަ އެވެ.

ބަނޑުގައި ދަރިފުޅު އަށަގަތުމުގެ ވަރަށް ކުރީކޮޅު އައިބުތައް އުފެދުމުގެ ފުރުސަތު އޮންނަ ކަމަށާއި ބަލިވެ އިންކަން އެނގުމުގެ ކުރިން ވެސް މި އައިބުތައް މެދުވެރި ވެދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

އެހެންވެ، ބަލިވެ އިނުމުގެ މަސް ދުވަސް ކުރިން ފެށިގެން ބަނޑަށް ތިން މަސް ވަންދެން ފޯލިކް އެސިޑް ބޭނުންކުރުން އެއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ޓާސްކް ފޯސްގެ ގައިޑްލައިންގައި ލަފާ ދީފައިވެ އެވެ.

ފޯލިކް އެސިޑަކީ ގުދުރަތީ ގޮތުން އުފެދޭ ބީ ވިޓަމިން އެވެ. މި ވިޓަމިން ވަރަށް ގިނަ ތަރުކާރީ އާއި މޭވާގައި ވެސް ހުރެ އެވެ. އެގޮތުން، ފެހިކުލަ ގަދަ ފަތާއި ބޮރޮކޮލީ އާއި އޮރެންޖު ޖޫހުގައި މި މާއްދާ ހުރެ އެވެ.

އެމެރިކަން މެޑިކަލް އެސޯސިއޭޝަންގެ ޖާނަލްގެ މި މަހުގެ 10 ވަނަ ދުވަހުގެ އަދަދުގައި ބުނެފައިވާ ގޮތުގައި އެކަށީގެންވާ މިންވަރަށް ފޯލިކް އެސިޑް ނުލިބޭ އަންހެނުންގެ އަދަދު މިހާރުވެސް ވަރަށް ގިނަ އެވެ.