ރައީސާއި ނަޝީދުގެ ތަޅާފޮޅުމުން އެންމެ ފުރަތަމަ މި ޒަހަމްވީ އަލީ ހާޝިމް!
ރައީސާއި ނަޝީދުގެ ތަޅާފޮޅުމުން އެންމެ ފުރަތަމަ މި ޒަހަމްވީ އަލީ ހާޝިމް!

ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި، ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި އިރު، ގައުމު އިގްތިސާދީ އަނދަވަޅަކަށް ވެއްޓިގެން ދިޔައިރު، މަނިކުފާނު ކޮބައިތޯއޭ މެމްބަރަކު ކޯފާ އިސްކުރައްވައި ސުވާލުކުރެއްވުމުން، ގަވަރުނަރު އަލީ ހާޝިމް ނިތްކުރި ކަހައިލެއްވި އެވެ. މި ވަޑައިގެންނެވުނީ، ކުރިން އެމަނިކުފާނު ވަޑައިގެންނެވި ކަހަލަ ކޮމެޓީއަކަށް ނޫން ކަމަށް ވިސްނިވަޑައިގަތް ކަހަލަ އެވެ.

ރައީސާއި ނަޝީދުގެ ތަޅާފޮޅުމުން އެންމެ ފުރަތަމަ މި ޒަހަމްވީ އަލީ ހާޝިމް!
ރައީސާއި ނަޝީދުގެ ތަޅާފޮޅުމުން އެންމެ ފުރަތަމަ މި ޒަހަމްވީ އަލީ ހާޝިމް!

އަލީ ހާޝިމަކީ އެހެން ބޭފުޅުން ކަހަލަ "ސިޔާސީ" ބޭފުޅެއް ނޫނެވެ. އޭނާ އަކީ، ވަރަށް މަޑުން ހުންނަވާ، އަދި ބަސް މަދު ބޭފުޅެކެވެ. އެހެންވެ، އޭގެ މާނައަކީ، މަޖިލީހުގެ ސަރުކާރަށް ތާއީދުކުރައްވާ ދޫފަރިތަ ބޭފުޅުން މިދިޔަ އާދިއްތަ ދުވަހު ކޮމެޓީގައި ދެއްކެވި ހުރިހާ ވާހަކަތަކެއް ތެދަކަށް ވުމެއް ވެސް ނޫނެވެ. އެ ހުރިހާ ތުހުމަތުގައި ހަގީގަތެއް އޮތުމެއް ވެސް ނޫނެވެ. އަދި އެ ހޫނު ސުވާލުތަކަށް ގަވަރުނަރަށް ދެއްވުނު ގިނަ ރައްދުތައް، ކުރުވެ، އަދި އެންމެ ޖުމްލައަކުން ދެއްވުމަކީ އެމްއެމްއޭ މުވައްޒަފުން ނަޝީދަށް ސަނާކިޔަން ފެށުމެއް ވެސް ނޫނެވެ.

ރައީސާއި ނަޝީދުގެ ތަޅާފޮޅުމުން އެންމެ ފުރަތަމަ މި ޒަހަމްވީ އަލީ ހާޝިމް!
ރައީސާއި ނަޝީދުގެ ތަޅާފޮޅުމުން އެންމެ ފުރަތަމަ މި ޒަހަމްވީ އަލީ ހާޝިމް!

ރައްޔިތުންގެ މަޖިލީހުގައި މިހާރު ހޫނުކޮށް ހިނގަމުންދާ ބަހުސަކީ އަންނަ އަހަރު ދައުލަތުގެ ބަޖެޓް ބަހުސެވެ. މައްސަލަ އޮތް ހިސާބަކީ، ބަޖެޓް ގޯސްވުމެއް ނޫނެވެ. މައްސަލަ އަކީ، އެމްޑީޕީގެ އެތެރޭގެ ތަޅާފޮޅުން، ނުވަތަ ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދާ ދެމެދު އޮތް ބާރުގެ އަރައިރުންވުމެވެ. އޭގެ ކުރިމައްޗަށް، މި އައީ އަންނަ އަހަރުގެ ބަޖެޓެވެ. ކޮންމެ އަހަރެއްގެ ބަޖެޓަށް ވެސް އެމްއެމްއޭ އިން ދޭން ޖެހޭ ގާނޫނީ ލަފާ މި އަހަރު ދިން އިރު، ތަފާތަކަށްވީ ހަމައެކަނި ކަމަކީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން އެމްއެމްއޭ އިން ދެކޭ "ވަގުތު"ގެ މައްސަލަ އެވެ. އެކަމަކު، ހަގީގަތަކީ އެއީ ވެސް މައްސަލައެއް ނޫން ކަމެވެ. އަދި، އެއީ ބަޖެޓް ފާސް ނުކުރެވޭ ވަރުގެ މައްސަލައެއް ވެސް ނޫން ކަމެވެ. ފަރުދާގެ އަޑީގައި އޮތީ، މި ދަނޑިވަޅަކީ، އެމްޑީޕީގެ އެކަކު ވެސް ރައީސް އިބްރާހިމް މުހަންމަދު ސޯލިހާ ހިޔާލު ތަފާތުވެގެން ނުވާނެ ކަމެވެ. އޭގެ ތެރޭގައި އަލީ ހާޝިމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އަލީ ހާޝިމަކީ އެމްޑީޕީގެ ހަރުމުދަލެއްގެ ގޮތުގައި ބަލަމުން އަންނަ، އަދި އެމްޑީޕީގެ އެންމެ ސީނިއާ ބޭފުޅުން ވެސް ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެކެވެ. އެކަހަލަ މަދު ބަޔަކު އެމްޑީޕީގެ ފަރުދާގެ ނިވަލުގައި ތިބެ އެވެ. އެއީ، ކުރިމަތިން ނުފެންނަ، އެކަމަކު އެމްޑީޕީގެ ބިންގަލެވެ. ހައްލު ނުވާ ވަރުގެ ކަންކަމުގައި ލަފާ ދެއްވައި، ވިސްނުންތެރިކަމާ އެކު ކުޅުއްވާ ބޭފުޅުންނަކީ އެއީ އެވެ. އެހެންވެ، މި ހާލަތުގައި ބަޖެޓަށް ސަނާ ނުކިޔުމުން، އެއްކަހަލަ އަލީ ހާޝިމް ވެސް މިއޮތީ ނަޝީދު ފަޅިއަށް އަރައިފައޭ ހީވީ ކަމަށް ވެދާނެ އެވެ.

އެކަމަކު އެކަން ވީ އެހެނެއް ނޫނެވެ؛ އެމްއެމްއޭގެ ލަފާގައި އެހެން އަހަރުތަކާ ހިލާފަށް ވަކި އިތުރު އެއްޗެއް ބުނެފައެއް ނެތެވެ. އެމްއެމްއޭ އިން މަޖިލީހުގެ ރައީސަށް ފޮނުވި 10 ސަފުހާގެ ލަފާގައި ބުނެފައި ވަނީ ހަމަ ބާ ވާހަކަތަކެކެވެ. އެއީ، އެމްއެމްއޭ އިން އަބަދު ވެސް ދައްކާ ވާހަކަ އެވެ. ވޯލްޑް ބޭންކުން ވެސް، އަދި އައިއެމްއެފް އިން ވެސް ދައްކާފައިވާ، އަދި ޚުދު ފިނޭންސް މިނިސްޓްރީން ވެސް މީގެ ކުރިން ދައްކާފައިވާ ވާހަކަ އެވެ. އެމްއެމްއޭ އިން އޭގައި އަލަށް، ނުވަތަ ކިރިޔާ ވެސް ފޮޅުވަތަކަށް އިތުރުކޮށްފައި އޮތީ، ރާއްޖޭގެ މިހާރުގެ އިންފްލޭޝަން އޮތް ވަރާއި އިގްތިސާދުގެ ފޯކާސްޓާއި ދަރަނި އޮތް ވަރުން ޖީއެސްޓީ މި ވަގުތު ބޮޑުކުރުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި ޖީއެސްޓީ ބޮޑުކޮށްގެން ލިބޭ އާމްދަނީ ހަރަދުކުރުން އެއީ ރަނގަޅު ގޮތް ނޫން ކަމެވެ.

އެއީ ގަބޫލުކުރަން ބޭނުން ނޫން ލަފައެއް ނަމަ، އެއަށް ސަރުކާރުން އަމަލު ނުކުރީމަ ނިމުނީ އެވެ. އެ އިޚުތިޔާރު ސަރުކާރަށް އަބަދު ވެސް އޮވެ އެވެ. މީގެ ކުރިން ވެސް އެކަހަލަ ގިނަ ލަފާތަކަކަށް ސަރުކާރުން އަމަލެއް ނުކުރެ އެވެ. ސަރުކާރުން އަބަދުވެސް ބަލައިފައި ހުރީ، އޭގެ އަނެއްކޮޅު ދެއްކުމަށް ފަހު ބޭނުންވާ ކަންތައްތައް ކުރުމަށެވެ. އާންމުކޮށް، ހުރިހާ އަހަރަކު ވެސް، އަދި ހުރިހާ ސަރުކާރެއްގައި ވެސް އެކަން ހިނގަމުން ދަނީ އެގޮތަށެވެ.

މިސާލަކަށް، މީގެ އަހަރުތަކެއް ކުރިން ދައުލަތުގެ ބަޖެޓް އެއް ބިލިއަން ރުފިޔާ އިން ޑެފިސިޓް ވެގެން، އެއީ ގޯހެކޭ އެމްއެމްއޭ އިން ބުންޏެވެ. އެކަމަކު، މިހާރު 14 ބިލިއަން ރުފިޔާ އިން ބަޖެޓް ޑެފިސިޓް ވެއްޖެ އެވެ. އެމްއެމްއޭ އިން އަދިވެސް ބުނަނީ އެއީ ގޯހެކޭ އެވެ. އެއީ ލަފައެކެވެ. އެމްއެމްއޭ އިން އެ ވާހަކަ ބުނާނެ އެވެ. އެއީ އެކަން އޮންނަ ގޮތެވެ.

ދައުލަތުގެ ބަޖެޓަށް އެމްއެމްއޭ އިން ދޭ ލަފާ ދެއްވަނީ ގަވަރުނަރެއް ނޫނެވެ؛ އެއީ ހީވެސް ނުކުރާ ވަރުގެ ތަޖުރިބާކާރު، އިލްމީ ގޮތުން މޮޅު އަދި ތަޖުރިބާ އާއި ގާބިލް ޓީމަކުން ދޭ، ވަރަށް ފަންނީ ލަފައެކެވެ. އެއީ އެ ބޭފުޅުން ވަރަށް ގިނަ ދުވަހު އެކަމާ ބެހޭ ދިރާސާތައް ހެދުމަށް ފަހު ދެއްވާ ލަފައެކެވެ. އެ ލަފާ ހިއްޕަވައިގެން މަޖިލީހަށް ވަޑައިގަންނަވަނީ ގަވަރުނަރު ނަމަވެސް، އޭގެ ފަހަތުގައި އޮންނަނީ އެތައް ބައެއްގެ އިލްމީ މަސައްކަތެވެ. އެމްއެމްއޭގެ އިތުރުން އޮޑިޓް އޮފީހުގެ ލަފައަކީ ވެސް ހަމަ މިކަހަލަ ލަފައެކެވެ.

އެކަމަކު، އެ ބޭފުޅުންގެ އެ ލަފައާ މެދު ސިޔާސީ ބޭފުޅުން، ސިޔާސީ ނަޒަރަކުން ވާހަކަ ދައްކަވައި އެއީ ސަރުކާރު ވައްޓާލަން ހިންގާފައިވާ ޖަރީމާއެއް ނުވަތަ ބަގާވާތެއް ކަމަށް ސިފަ ކުރައްވައިފި ނަމަ، ދެން ދައްކާނެ ވާހަކައެއް ނެތެވެ. ހާއްސަކޮށް ގާނޫނު ހައްދަވަން ތިއްބަވާ ބޭފުޅުން އެފަދަ ގޮތަކަށް ވާހަކަ ދައްކަވަން ފައްޓަވައިފި ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެެވެ. އޭގެ ގެއްލުން ދައުލަތަށް ނުކުރާނެ އެއްގޮތެއް ވެސް ނެތެވެ.

އެމްއެމްއޭ އަކީ، ފެންނަފެނުމަށް މިނިވަންކޮށް އޮތް އެންމެ ބޮޑު މުއައްސަސާ އެވެ. އެ މިނިވަންކަން އެމްއެމްއޭ އަށް ދީ، އެތަން އެގޮތުގައި ބޭއްވުމަކީ ގާނޫނު ހަދާ މަޖިލީހުގެ އެންމެ އިސް ވާޖިބު ވެސް މެ އެވެ. އެތަނުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ސިޔާސީ ނުފޫޒު ފޯރުވައި، ވަކިގޮތަކަށް ލަފާ ދެއްވަން، ނުވަތަ ލަފާ ބަދަލުކުރަން ބާރު އަޅުއްވާ ނަމަ އޭގެ މާނައަކީ، މި ސަރުކާރަކީ ވެސް ޑިމޮކްރެޓިކް ރީތި އުސޫލުތަކަށް ތަބާވާ ސަރުކާރެއް ނޫން ކަމެވެ.

ހަމަ ހީވާ ހީވުމަކަށް، ނުވަތަ އަމިއްލަ ޒާތީ މައްސަލަތަކެއްގެ ތެރޭގައި މުއައްސަސާއެއް ފުނޑުފުނޑުވެގެން ނުވާނެ އެވެ. އަލީ ހާޝިމް، ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ކޮޅަށް އަނބުރާލަން ބޭނުން ނަމަ، އެކަން ކުރަން ޖެހޭނީ އާންމުންނަށް ލައިވްކޮށް ފެންނަ ކޮމެޓީއެއްގައެއް ނޫނެވެ. އެއީ އެއް މުއައްސަސާ އާއި އަނެއް މުއައްސަސާއާ ދޭތެރޭ އޮތް މައްސަލައެއް ނޫނެވެ. އެކަން ހައްލުކުރާނީ، ވަކިން، ސިއްރުންނެވެ.