15 ނޮވެމްބަރ 2022 - 19:20

ރާއްޖޭގެ މުޖުތަމައުގައި އަރަބި ބަހަށް އަހައްމިއްޔަތުކަން ދޭ މިންވަރު އިތުރުކޮށް، މަދަރުސީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ފޭރާންހެޔޮ އަދި ނަތީޖާ ނެރެދެވެނިވި ގޮތެއްގައި އަރަބި ބަސް އުނގަންނައިދިނުމުގެ މަގުސަދުގައި އިލްމު އިންސްޓިޓިއުޓުން މަޝްރޫއެއް ފަށަން ނިންމައިފި އެވެ.
އެ އިންސްޓިޓިއުޓުން ބުނި ގޮތުގައި މި މަޝްރޫއުގެ އަމާޒަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ މުގައްރަރެއްގެ ތެރެއިން މަރުހަލާތަކަށް ބަހާލެވިގެން ފަރުމާކުރެވިފައިވާ މުޅި ޕްރޮގްރާމް ފުރިހަމަ ކުރާ ދަރިވަރުންނަކީ ފަސޭހައިން އަރަބި ބަހުން މުއާމަލާތު ކުރަން ދަންނަ ބަޔަކަށް ހެދުމެވެ. އަދި ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސްފުޅުތަކުގެ މާނަ ފަސޭހަކަމާއެކު ދެނެގަތުމުގެ ގާބިލުކަން ހުރި ޖީލެއް ބިނާކުރުމަކީ ވެސް މަގުސަދެއް ކަމަށް އެ އިންސްޓިޓިއުޓުން ބުނެ އެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިންގަވާ އިންސްޓިޓިއުޓުން ބުނީ މި ޕްރޮގްރާމުގައި ހަމައެކަނި ފޮތްބައެއް ނިންމާލަން އުޅުމުގެ ބަދަލުގައި އިސްކަންދޭނީ އެ ދަރިވަރަކު ކިޔަވަމުންދާ މަރުހަލާއެއްގައި ހާސިލުވާން ޖެހޭ ބަހުގެ ހުނަރުތައް އެންމެ ރަނގަޅަށް ހާސިލުވެގެން އަނެއް މަރުހަލާއަށް ބަދަލުވެ ޕްރޮގްރާމް ނިންމާލުމަށް ކަމަށެވެ.
މުޅި ޕްރޮގްރާމް ނިމޭއިރު އަރަބިބަހުން މުއާމަލާތް ކުރުމާއި އަރަބިބަހުން ލިޔެވިފައިވާ ތަކެތި ފަހުމްވުމަށް ބޭނުންވާ ހުނަރުތައް ރަނގަޅަށް ހާސިލުކުރެވޭނެ ކަމަށް އެ އިންސްޓިޓިއުޓުން ބުނެ އެވެ. އަދި ދަރިވަރުން ވާނީ އަރަބި ބަސް ނުވަތަ އެ ބަހާ ގުޅިފައިވާ އެކިއެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށާާއި އަރަބި ބަހުން އޯލެވެލް ހަދަން ބޭނުންވެއްޖެ ނަމަ އެ އިމްތިހާނު ހަދައި މަތީ ނަތީޖާއެއް ހޯދޭ ފެންވަރު އެ ކުދިންގެ ކިބައިގައި ހުންނާނެ ކަމަށް ވެސް ބުނެ އެވެ.
މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ހަތް އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ މަދަރުސީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށެވެ. ދަރިވަރު ޕްރޮގްރާމު ފެށުމަށް ފަހު އެ ދަރިވަރު އުމުރުން 16 އަހަރު ފުރު ނަމަވެސް އެ ދަރިވަރަކަށް ޕްރޮގްރާމް ނިންމުމުގެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް އިލްމު އިންސްޓިޓިއުޓުން ބުނެ އެވެ. އަދި 16 އަހަރު ފުރޭ ދަރިވަރުން އެމްކިޔުއޭ އަރަބި ކޯސްތަކަށް ބަދަލުވާން އެދޭނަމަ އެ ފުރުސަތު މަގުފަހި ކޮށްދޭނެ ކަމަށް ވެސް ބުނެ އެވެ.
ކްލާސްތައް ކުރިއަށް ގެންދާނީ ހަފްތާއަކު ފަސްދުވަހު ހެނދުނު ދަންފަޅިއާއި މެންދުރުފަހު ދަންފަޅިއަށް ބަހާލައިގެން ކުލާހަށް ހާޒިރުވެގެންނެވެ. ހެނދުނު ދަންފަޅިއަށް އަމާޒުކުރެވޭނީ މެންދުރުފަހު ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ކަމަށާއި މެންދުރުފަހު ދަންފަޅި އަމާޒުކުރެވނީ ހެނދުނު ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ކަމަށް އެ އިންސްޓިޓިއުޓުން ބުނެ އެވެ.
މި ކްލާހުގެ ފީ އަކީ 800ރ. އެވެ. މި ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އިލްމް އިންސްޓިޓިއުޓުގެ ހޮޓްލައިން 7707997 އަށް ގުޅުމަށް އެ އިންސްޓިޓިއުޓުން އެދެ އެވެ.