16 ނޮވެމްބަރ 2022 - 07:21

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އަމަލު ކުރައްވާ ގޮތާ މެދު ހިތްހަމަ ޖެހިވަޑައިނުގެން ތެދުވެވަޑައިގެން، ތަޅުމުގެ މެދުގައި މޭޒު ކުރިމަތީ "އިހުތިޖާޖެއް" ކުރައްވާ ތަން އަބަދުވެސް ފެންނަނީ އެ އިރެއްގެ އިދިކޮޅު ފަރާތުންނެވެ.

ނަމަވެސް މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިމުމަކާ ހަމައަށް ގޮސް ވޯޓަށް އަހަން އުޅުނު ވަގުތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިފުޅުމަތީ ހުންނެވީ އާންމުކޮށް ބަހެއް ވިދާޅުނުވެ އިންނަވާ، މިވަގުތު މެޖޯރިޓީ އޮތް އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ އެންމެ ބާރުގަދަ، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.

"އަމީންއާންމާއި ކައުންސިލާ ޖެނަރަލް ޔަގީން ކަން ދެއްވި މިއަދު [ޓެކްސް ބިލުގެ] ތިން ވަނަ ކިޔުމަށް ގޮސް ދެން ވޯޓަށް އަހާނެ ކަމަށް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު ބިގޭ ވިދާޅުވި އެވެ.

މަޖިލީހާއި އެމްޑީޕީގެ ތާރީހުގައި ވެސް މިހާތަނަށް ފެނިފައި ނުވާ އެތައް ކަމެއް މި ދެތިން ދުވަހު މަޖިލިސް ތެރޭގައި ހިނގައިފި އެވެ. ސުޕަ މެޖޯރިޓީ އޮތް ޕާޓީން އައްޔަން ކޮށްފައިވާ ރިޔާސަތުގެ "ފައިބުޑަށް ވެއްޓި" އާދޭސް ކުރާ ހިސާބަށް ކަންކަން ހިނގައްޖެ އެވެ. ސަރުކާރާއި މަޖިލީހުގެ ބާރު އެއް ޕާޓީއެއް އަތުގައި އޮތް އިރު މި ފެންނަނީ ސަރުކާރުގެ މުހިންމު ބިލުތަކާއި މަސައްކަތް މަޖިލީހުގައި ތާށިވާ ތަނެވެ.
އެންމެ ފަހުން އެމްޑީޕީގެ އެންމެ މަގުބޫލު ކަމަށް މި ހުރިހާ ދުވަހު ދެކެމުން އައި ނަޝީދަށް އެ ޕާޓީގެ ކޮންމެ މެންބަރެއް ވެސް މިހާރު ހިތު ހުރި އެއްޗެއް އެއްވެސް ޖެހިލުމެއް ނެތި އަންނަނީ ގޮވަމުންނެވެ!
"ރާއްޖެ އަށް ދިމާވެގެން މި އުޅެނީ ޗާގޯސްގެ މައްސަލައެއް ނޫން، އިމެއް ގެއްލިގެން ވެސް ނޫން. މި ރާއްޖޭގައި މި އުޅެނީ މަނިކުފާނަށް ވެރިކަން ނުލިބިގެން. އިރާދަކުރެއްވިއްޔާ ދެން މި ރާއްޖެ އެ ހާލަތަކަށް ނުދާނެ،" ދުވާފަރު ދާއިރާގެ އެމްޑީޕީ މެންބަރު އިސްމާއީލް އަހްމަދު (އިއްސެ)، ނަޝީދާ ދިމާއަށް ވިދާޅުވި އެވެ.
"މަނިކުފާނަށް މި ރާއްޖޭގެ ރިޔާސަތު ދޭން ދިވެހި ރައްޔިތުން ތިބީ ތައްޔާރަކަށް ނޫން. މަނިކުފާނުގެ ބާރެއް ހިނގާ ގޮތަށް ވެސް ރިޔާސަތު ދޭން ދިވެހިން ތިބީ ތައްޔާރަކަށް ނޫން، އަޅުގަނޑުމެންނެއް އެ މަންޒަރެއް ނުބަލާނަން."
މި ފެންނަނީ ދޭތެރެއަކުން ވަޓްސްއެޕް ގްރޫޕެއްގައި ހިނގާ ފަދަ ޒުވާބެއް ނޫނެވެ. މަޖިލީހުގަ އާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފާޅުކަން ބޮޑު ގޮތެއްގައި މިހާރު އޮތީ ރައީސް އާއި ނަޝީދުގެ ދެ ފެކްޝަންގެ ބޮޑު ތަޅާފޮޅުންގަނޑެވެ. ރެނދު އަޅައިގެން ގޮސް މުޅި ޕާޓީގެ އެތެރެ ފަޅައިގެން ހިނގައްޖެ އެވެ.
މަޖިލީހުގެ ތެރޭ ރައީސްގެ ބާރުގަދަ ކަން ވަރަށް ސާފެވެ. އެކަމަކު ނަޝީދަށް ތާއީދު ކުރައްވާ ތިން މެންބަރުން ތިއްބަވާ ރިޔާސަތުގެ ބޭނުން އެ ފެކްޝަނުން ހިފަނީ ބޭނުން ގޮތަކަށެވެ.
ސަރުކާރު މެންބަރުން ވާހަކައިގެ މެދު ތެރެއިން މައިކު ކަނޑުއްވާލަ އެވެ. ނިޒާމީ މައްސަލައެއްގެ ފުރުސަތު ވެސް ދެއްވަނީ ބޭނުންވާ މެންބަރުންނަށެވެ. ބަހުސް ކުރުމުގެ ވަގުތު ނަޝީދު ބޭނުންވާ މެންބަރުންނަށް ގިނައިން ލިބެ އެވެ.
މިވަގުތު މުޅި ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ ފޯކަސް އޮތީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަށެވެ. ރައީސްގެ ފަހު އަހަރުގެ ބަޖެޓުގައި އާމްދަނީ ހޯދަން އޮތް ހަމައެކަނި މަގަކީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމެވެ.
އެހެންވެ، ނަޝީދުގެ ފެކްޝަނުން އަޅައިލީ ސަރުކާރުގެ އެންމެ "ރިހޭ ފައިގަ" އެވެ. ބަޖެޓު ފާސް ކުރާ ދުވަސް ޖެހެމުން އަންނަ އިރު އަދިވެސް ޓެކްސް ބޮޑު ކުރާ ބިލު އޮތީ ޕާކު ކޮށްފަ އެވެ. ސަރުކާރު ހިންގަން ދަތި ކުރާނެ ކަމުގެ ނުސީދާ އިންޒާރާއެކު ސަރުކާރު ހުރިހާ މެންބަރުން ޕްރެޝަރަށް ވައްޓާލައިފަ އެވެ.
އެ ރުޅިގަނޑާ އެކު މި ވަގުތު މަޖިލީހުގެ ގިނަ މެންބަރުންގެ އިތުބާރެއް ނަޝީދަކަށް ނެތެވެ. އަދި ކުރިން އޮތް އިހްތިރާމުގެ ފުކެއް ވެސް ނުދައްކަ އެވެ.
"އިންސާނަކަށް 15 ހައިސިއްޔަތަކުން ދުނިޔޭގައި ނޫޅުއްވޭނެ. ކޮންމެވެސް އެއް ހައިސިއްޔަތަކުން، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވަންޏާ އެއީ ރިޔާސަތު. އެކަމަކު ކުރީގެ ރައީސްގެ ހައިސިއްޔަތުން ޕާކިސްތާނުގެ ހައިސިއްޔަތުން ލަންކާ ހައިސިއްޔަތުން ކަންތައް ކުރެއްވީމަ އެބަ އޮޅޭ،" ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ނަޝީދަށް އަމާޒު ކުރައްވައި ވިދާޅުވި އެވެ.
ރިޔާސަތުގައި އިންނަވައިގެން ޓެކްސް ބިލަށް ވޯޓަށް ނާހައި މަޖިލިސް ނިންމާލި އަފީފް އާ ބެހޭ ގޮތުން ސުވާލު ކުރުމުން ސަރުކާރު ފަޅީގެ މެންބަރުންނަށް އޭނާ މަގާމުގައި ހުންނެވުން ވެސް ގާނޫނާ ހިލާފު ވެއްޖެ އެވެ.
އެއް މެންބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވައިދުގައި އޮންނަނީ ރިޔާސަތުގައި އިންނަވާ ތިން ވަނަ ބޭފުޅަކީ މަޖިލީހުގައި މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަސްވީ މެންބަރެވެ. މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރުންނަކީ އެ ޕާޓީގެ މިހާރުގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އާއި އެމްޑީއޭގެ އަހުމަދު ސިޔާމް މުހަންމަދު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަފީފް އެ ހުންނަވަނީ ވެސް ގާނޫނުއަސާސީ އާ ހިލާފަށް. އެހެން ހުރެ ބޭނުން އެއްޗެއް ނުހެދޭނެ ކަން އެނގެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މި ޒުވާބުތައް ބޮޑުވެ، މެންބަރުންގެ ކެތްތެރިކަން ކޮޅުންލައިގެން މަޖިލީހުގެ ޖަލްސާ ނިންމެވި ގޮތަށް ވަޑައިގަތީ އެމްޑީޕީގެ އިސް ލީޑަރު އަރިހަށެވެ. "މިހާރު" އާ ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ގިނަ މެންބަރުން ބޭނުންވީ ނަޝީދު މިހާރުން މިހާރަށް ވަކި ކުރުމަށެވެ.
އެމަނިކުފާނުގެ އިތުބާރު ނެތް މައްސަލައިގެ ޕެޓިޝަންގެ މަސައްކަތް އަލުން ފައްޓަވައި ސޮއި ހަމަ ކުރުމަށް ފަހު މައްސަލަ ހުށަހަޅަން ބޭނުންވި އެވެ. ނަމަވެސް އެކަމާ ދެކޮޅުވާ މެންބަރުން ވެސް ތިއްބެވެ.
"މިހާރު" އާ ވާހަކަ ދެއްކެވި މެންބަރަކު ވިދާޅުވި ގޮތުގައި ނަޝީދު ވަކި ކުރުމަކީ ސީދާ އެމަނިކުފާނު މިވަގުތު ބޭނުންފުޅުވާ ގޮތެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކައިރިވެފައި ވަނިކޮށް މި ދަނޑިވަޅުގައި ނަޝީދަށް އެވަރުގެ ލަނޑެއް ދީފި ނަމަ އެ ކާޑު ވަރަށް ބޮޑަށް ކުޅޭނެ އެވެ. އޭގެ ޑެމޭޖުތަކެއް ވެސް ރައީސަށް ލިބިދާނެ އެވެ.
"ޗެއާޕާސަން އިންތިހާބުގައި ވެސް ވިދާޅުވަމުން ގެންދެވި ތިމަންނާ ޕާޓީން ވަކި ކުރަން އުޅޭ ވާހަކަ. އެ ކާޑު މިހާރު ވެސް ކުޅެން ހިފާނެ. ދާއިރާގެ ގޮނޑީގައި އަދި މާ އުނދަގޫ ބޮޑު ވާނެ،" މެންބަރަކު ވިދާޅުވި އެވެ.
ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ މައްސަލާގައި ވަކި ގޮތަކަށް ކަންތައް ކުރެއްވުމަށް ރައީސް އިރުޝާދެއް ނުދެއްވަ އެވެ. އެ ނިންމުން އޮތީ މެންބަރުންގެ އޮތް މައްޗަށް ދޫކޮށްލައްވަފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއަދު ބަހުސް ނިންމާލުމަށް ފަހު ޓެކްސް ބިލަށް ވޯޓަށް އަހަން ޖެހޭނެ އެވެ. އިއްޔެ ވެސް އަދި އޭގެ ކުރީ ދުވަހާއި މިދިޔަ ހަފްތާގައި ވެސް އެކަންތައް އޮންނަން ޖެހޭނީ ނިމިފައި ކަމަށް އަސްލަމް ވިދާޅުވި އެވެ.
އެމްޑީޕީގައި މިވަގުތު ހުންނެވި އެންމެ ސީނިއާ މެންބަރުން މިހާރު ތިއްބެވީ ޕްރެޝަރުގަ އެވެ. ނަޝީދުގެ މައްސަލާގައި ގޮތްތަކެއް ނިންމަން ޖެހިއްޖެ ކަމަށް ގަބޫލު ކުރައްވައިގެނެވެ. އެކަމަކު އެމަނިކުފާނު ވަކި ކުރާނެތޯ ނޫނީ ދެން ވެސް ނޭވާ ހިފަހައްޓާލައިގެން ދައުރު ނިމެންދެން މަޑު ކޮށްލާނީތޯ އެއީ އުފެދޭ ސުވާލެކެވެ.