15 ނޮވެމްބަރ 2022 - 15:07

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ޖަލްސާތައް ހިންގަވާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން، އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕްގެ ބައެއް މެންބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފި އެވެ.
މެންބަރުން ބަހުސް ކުރަމުންދާ ވަގުތު ނަޝީދު އެ ބަހުސްގައި ބައިވެރިވެވަޑައިގެން މައުލޫއާ ގުޅޭ ގޮތުން އެމަނިކުފާނުގެ ހިޔާލު ފާޅު ކުރެއްވުމާއި ވަގުތު ދިނުމުގައި ތަފާތު ކުރުން ގެންގުޅޭ މައްސަލާގައި ވެސް ބައެއް މެންބަރުން މިއަދު ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އޭގެ އިތުރުން ސަރުކާރުން ފޮނުވާފައިވާ ޓެކްސް ބޮޑު ކުރުމުގެ އިސްލާހު ފާސް ސަރުކާރު ފެކްޝަންގެ މެންބަރުން މަސައްކަތް ކުރެއްވި ނަމަވެސް އިއްޔެ އާއި މިއަދު ވެސް އެ ބިލަށް ވޯޓަށް ނާހައި ރިޔާސަތުން ވަނީ މަޖިލިސް ނިންމާލައިފަ އެވެ.
މަޖިލީހުގެ ޖަލްސާ ނިންމާލުމަށް ފަހު މެންބަރުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާ ގެއަށް ވަޑައިގެން ރައީސް އާ ބައްދަލު ކުރައްވައިފަ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހަންމަދު އަސްލަމް ވިދާޅުވީ މެމްބަރުންގެ ޝަކުވާތައް ރައީސާ ހިއްސާ ކުރެއްވި ކަމަށާއި ވަކި ގޮތަކަށް ކަންކަން ކުރާކަށް ރައީސް އިރިޝާދު ދެއްވާފައި ނުވާ ކަމަށެވެ. އަދި ނިންމާ ގޮތެއް ނިންމާ ގޮތެއް ނިންމާނީ ޕީޖީ ގުރޫޕުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ މެންބަރަކު "މިހާރު" އަށް ވިދާޅުވީ ނަޝީދު މައްސަލާގައި ފަންސަވީހަކަށް މެންބަރުންގެ ހުރި ޝަކުވާތައް ރައީސް އާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.
އެމަނިކުފާނުގެ އިތުބާރު ނެތް މައްސަލައެއް ހުށަހެޅުމަށް މީގެ ކުރިން ވެސް ބައެއް މެންބަރުން ފައްޓަވާފައިވާ މަސައްކަތް ކުރިޔަށް ގެންދެވުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށާއިި ނަމަވެސް އެކަމާ ބައެއް މެންބަރުންގެ ހިޔާލު ތަފާތު ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ވިދާޅުވި މެންބަރުން މަޝްވަރާ ކޮށްގެން ގޮތްތަކެއް ނިންމައި ކުރިޔަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ ތެރޭގައި ރައީސް އާދި ނަޝީދު ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ އެކު މަޖިލީހުގައި ވެސް ދެ ފެކްޝަން މަސައްކަތް ކުރަނީ ވަކިންނެވެ.
ޓެކްސް ބިލު ފާސް ކުރުމަށް ހުރަސް އަޅަމުންދާ ކަމަށް މެންބަރުން ތުހުމަތު ކުރާ އިރު އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އާމްދަނީ ހޯދަން ސަރުކާރުން ހިމަނާފައި ވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކޮށްގެނެވެ.