ޗެލްސީގެ ޔޫތު ޓީމުގެ ކުރީގެ ކެޕްޓަން ނިއު އަށް
ޗެލްސީގެ ޔޫތު ޓީމުގެ ކުރީގެ ކެޕްޓަން ނިއު އަށް

ޗެލްސީގެ 18 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަންކޮށްފައިވާ ގާނާގެ ޑިފެންޑަރެއް ކަމަށްވާ ޑެނިއަލް ޕަޕޯ އަދި ނެދަލެންޑްސްގެ މިޑްފީލްޑަރެއް ކަމަށްވާ ޖަމެލް ލީފްލޭންގް ގެންނަން ނިއު ރޭޑިއަންޓުން ނިންމައި ދެ ކުޅުންތެރިން މިއަދު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޗެލްސީގެ ޔޫތު ޓީމުގެ ކުރީގެ ކެޕްޓަން ނިއު އަށް
ޗެލްސީގެ ޔޫތު ޓީމުގެ ކުރީގެ ކެޕްޓަން ނިއު އަށް

ނިއުއާ ގުޅުމަށް ސްޕެއިނުގެ ފޯވާޑެއް ކަމަށްވާ އެޑްރިއަން ގަލާޑޯ ވަލްޑެސް އަދި ޖަޕާން މިޑްފީލްޑަރު ކެއިސޫކޭ އޮގާވާ ވެސް މިއަދު ރާއްޖެ އަންނާނެ އެވެ. މި ހަތަރު ކުޅުންތެރިންނާ އެކު އަންނަ ސީޒަނުގައި ނިއުގައި ތިބޭނީ ބިދޭސީ ޑިފެންޑަރަކާއި ދެ މިޑްފީީލްޑަރުން އަދި ފޯވާޑެކެވެ.

ޗެލްސީގެ ޔޫތު ޓީމުގެ ކުރީގެ ކެޕްޓަން ނިއު އަށް
ޗެލްސީގެ ޔޫތު ޓީމުގެ ކުރީގެ ކެޕްޓަން ނިއު އަށް

ގާނާގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ދެ މެޗު ކުޅެދީފައިވާ ޕަޕޯ އެންމެ ފަހުން ކުޅެފައިވަނީ އިންގްލެންޑުގެ ހަތަރު ވަނަ ޑިވިޝަނުގެ ކްރޯލީ ޓައުން އެފްސީ އަށެވެ. ޗެލްސީގެ ޔޫތު ޓީމަށް 2006 އިން 2013 އަށް ކުޅުނު ޕަޕޯ ވަނީ 2010/2011 ވަނަ އަހަރުގެ ޔޫތު އެފްއޭ ކަޕުގައި ވާދަކުރި ޗެލްސީގެ 18 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކޮށްފަ އެވެ. އެ ފަހަރު ޗެލްސީ ސެމީ ފައިނަލުން ކެޓީ ޕައުލް ޕޮގްބާ އާއި ޖެސޭ ލިންގާޑް ހިމެނުނު މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ.

ދެ ފަހަރެއްގެ މަތިން ކުރިމަތިވި އަނިޔާއަކާ ގުޅިގެން ޕަޕޯ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނު ނަމަވެސް 2012 ވަނަ އަހަރު އެނބުރި އައިސް 2012/2013 ގެ ނެކްސްޓްޖެން ސީރީސްގައި ޗެލްސީގެ ޔޫތު ޓީމަށް ކުޅުނެވެ.

ޗެލްސީގެ ސީނިއާ ސްކޮޑުގައި 2013 އިން 2014 އަށް ހިމެނުނު ނަމަވެސް އެ ދެ ސީޒަނުގައި ވެސް އޭނާ ލޯން އުސޫލުން ކުޅުނީ ތިން ވަނަ ޑިވިޝަނުގެ ކޮލްޗެސްޓާ ޔުނައިޓެޑާއި ކިންގްސްޓޯނިއަން އަށެވެ. ޗެލްސީން ދޫކޮށްލުމުން 2014 އިން 2015 އަށް ބްރައިޓަން އެންޑް ހޯވް އަލްބިއޮން އަށް ކުޅުނެވެ. އޭގެ ފަހުން ވެސް އިނގިރޭސި ބައެއް ދަށް ޑިވިޝަންތަކުގެ ޓީމުތަކަށް ކުޅުމަށް ފަހު ޖަރުމަނުގެ ހަތަރު ވަނަ ޑިވިޝަނުގެ ބާލިނާ އޭކޭ އަށް ކުޅުނެވެ.

ޗެލްސީގެ ޔޫތު ޓީމުގެ ކުރީގެ ކޯޗު ޑާމޮޓް ޑްރަމީ ކޯޗުކޮށްދޭ ކްރޯލީއާ އޭނާ މިދިޔަ އަހަރު ގުޅުމަށް ފަހު އޭނާ ވަނީ އީއެފްއެލް ޓްރޮފީގައި ޗާލްޓަން އެތުލެޓިކް އަތުން ކްރޯލީ މޮޅުވި މެޗުގައި ކުޅެފަ އެވެ.

ނިއު އަށް ގެންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖަމެލް، 24، އަކީ މޮރޮކޯ ދަރިކޮޅުގެ ނެދަލެންޑްސް ކުޅުންތެރިޔެކެވެ. އޭނާ ވަނީ 2012 ވަނަ އަހަރު އިންޑޮނީޝިއާ ސުޕަ ލީގުގެ ޑެލްޓްރަސް އެފްސީ އަށް ކުޅެފަ އެވެ. އޭގެ ފަހުން ނެދަލެންޑްސްގެ ފަސް ވަނަ ޑިވިޝަނުގެ ދެ ޓީމަކަށް ކުޅުމަށް ފަހު އެންމެ ފަހުން ކުޅުނީ މޯލްޓާގެ ފުރަތަމަ ޑިވިޝަނުގެ ވަޔެއްޓާ އެފްސީ އާއި ކޯމީ އެފްސީ އަށެވެ.

ނިއުގެ އެގްޒެޓިވް ކޮމިޓީ މެމްބަރު އައްބާސް ޝަރީފް ވިދާޅުވީ ދެ ކުޅުންތެރިންނާ އެކު ވެސް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި އެކަމަކު ކޮންޓްރެކްޓުގައި ސޮއިކުރާނީ މާލޭގައި ހަދާ ފިޒިކަލް އަދި މެޑިކަލް ޓެސްޓުން ފާސްވުމުން ކަމަށެވެ.

ނިއު އަށް ގެންނަ ބިދޭސީ ކުޅުންތެރިންގެ ފިޒިކަލް ޓެސްޓް ހެދުމަށް ހަމަޖެހިފައިވަނީ ތަޖުރިބާކާރު ފިޓްނަސް އިންސްޓްރަކްޓަރު މުހައްމަދު ފަޔާޒް (ފިއްޓޭ) ގެ ބެލުމުގެ ދަށުން އޭނާގެ ފިޓް4ލައިފް ފިޒިކަލް ފިޓްނަސް ސެންޓަރުގަ އެވެ.

ނިއު އަށް 2015 ވަނަ އަހަރު ލިވަޕޫލުގެ ޔޫތު ޓީމުގެ ފޯވާޑެއް ކަމަށްވާ ޑޭވިޑް މޮލީ ގެނަ އެވެ. އެކަމަކު އޭނާ އަށް އެދެވޭ ކުޅުމެއް ނުދެއްކުމުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.