އައިއެމްޓީއެމްގެ ސަސްޓެއިނަބަލް ޓޫރިޒަމް ފޯރަމް އަންނަ މަހު
އައިއެމްޓީއެމްގެ ސަސްޓެއިނަބަލް ޓޫރިޒަމް ފޯރަމް އަންނަ މަހު

އައިއެމްޓީއެމް އިން ބާއްވާ ސަސްޓެއިނަބަލް ޓޫރިޒަމް ފޯރަމް (އެސްޓީއެފް) ގެ ތިން ވަނަ އެޑިޝަން އަންނަ މަހު 3-4 އަށް ބާއްވަން ހަމަޖެހިއްޖެ އެވެ.

އެ ފޯރަމަކީ ސްޓޭކްހޯލްޑަރުންނާއި ފަރުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކާއި ގުޅުވައިދީ، އިގްތިސާދީ، އިޖުތިމާއީ އަދި ތިމާވެށީގެ ރޮނގުން ރާއްޖޭގެ ޓޫރިޒަމަށް ހުރި ގޮންޖެހުންތަކާއި އެ ދާއިރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމްގެ މަސައްކަތާ ގުޅޭ މަޝްވަރާ ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.

އެ ކޮންފަރެންސް އިންތިޒާމުކުރާ އައިއެމްޓީއެމް އިން ބުނީ ދެ ދުވަހުގެ އެ ފޯރަމް ކުރިއަށް ދާނީ ފަސް ސެޝަނަކަށް ބަހާލައިގެން ކަމަށެވެ. އެ ސެޝަންތަކުގައި ޓޫރިޒަމްގެ ދާއިރާގައި ސަސްޓެއިނިބިލިޓީ ނުވަތަ ދެމެހެއްޓެނިވި ގޮތުގައި ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި އެކަމާ ގުޅުން ހުރި އެކި ޓްރެންޑުތަކާއި ޕޮލިސީތަކާއި އެކި ގައުމުތަކުގައި އެކަން ކުރާ ގޮތްތަކުގެ މައުލޫމާތު ވެސް ހިއްސާ ކުރާނެ ކަމަށް ބުންޏެވެ.

އައިއެެމްޓީއެމުން ބުނީ ރާއްޖޭގެ ޓޫރިޒަމަކީ މޫސުމީ ބަދަލުތަކުގެ އަސަރުތައް ކުރާނެ ދާއިރާއަކަށް ވާތީ، އެ ކަންތައްތައް ދެނެގަނެ، އެކަމަށް ބޭނުންވާ އީޖާދީ ހައްލުތައް ހޯދުމަށް މި ފޯރަމަކީ މުހިންމު ޕްލެޓްފޯމެއް ކަމަށެވެ. އަދި އެ ފޯރަމުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިވެހިންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ، މިހާރު އަންނަމުންދާ މޫސުމީ ބަދަލުތައް ސައިންސުގެ އެހީގައި ދެނެގަންނާނެ އެވެ. އެކަމުން ދިވެހިންނަށް ކުރާނެ އަސަރުތައް ކުޑަކުރުމަށް ކުރެވޭނެ ކަންކަމާ މެދު މަޝްވަރާ ކުރުމަކީ ވެސް އެ ފޯރަމުގެ މުހިންމު އަމާޒެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެ އެވެ.

އައިއެމްޓީއެމުން ބުނީ ރާއްޖެ އަކީ ޖަޒީރާ ގައުމަކަށް ވާއިރު، އެކި ރިސޯޓުތަކާއި ރަށްރަށުގައި ސަސްޓެއިނިބިލިޓީއަށް ކުރާ މަސައްކަތްތައް ވެސް ތަފާތުވާނެ ކަމަށާއި އެ ފޯރަމުގައި އެ ފަދަ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށް، ސަސްޓެއިނިބިލިޓީއަށް ކުރެވެން ހުރި އެންމެ ރަނގަޅު ކަންތައްތައް ދެނެގަނެވޭނެ ކަމަށެވެ.

މެންހެޓަން ބިޒްނަސް ހޮޓެލްގައި ބާއްވަން ހަމަޖެހިފައިވާ އެ ފޯރަމުގައި ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގައި އުޅޭ ފަރާތްތަކާއި ބައިނަލްއަގުވާމީ ޕާޓްނަރުންނާއި ސަރުކާރާއި އާއްމުންގެ ބައެއް މީހުންގެ ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ފޯރަމް އިންތިޒާމުކުރާ އައިއެމްޓީއެމް އަކީ އިވެންޓު މެނޭޖުކުރުމަށް ހާއްސަ އަދި ޓޫރިޒަމްގެ ދާއިރާ ތަރައްގީ ކުރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ.