15 ނޮވެމްބަރ 2022 - 11:46

ބޮޑު ސްކްރީން ބަހައްޓައިގެން ވިޔަފާރީގެ އުސޫލުން ވޯލްޑް ކަޕުގެ މެޗުތައް ދެއްކުން މަނާ ކަމަށާއި އެކަމަކު އެނޫން ގޮތަކަށް އެކަން ކުރަން ހުރަހެއް ނެތް ކަމަށް، ވޯލްޑް ކަޕުގެ ރާއްޖޭޭގެ ޓީވީ ރައިޓްސް ނަގާފައިވާ މީޑިއާނެޓުން ބުނެފި އެވެ.
ބޮޑު ސްކްރީން ބަހައްޓައިގެން މެޗު ބެލުން މީޑިއާނެޓުން މަނާކުރި ކަމަށް ބުނެ އިއްޔެ އާއި މިއަދު އާއްމުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެކަން ސާފުކޮށްދޭން މީޑިއާނެޓުން ނެރުނު ބަޔާނުގައި ބުނީ ފީފާ ގަވާއިދުގެ ދަށުން އާއްމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން ވިޔަފާރި އުސޫލުން ނޫން ގޮތަކަށް ވޯލްޑް ކަޕް ދެއްކުމަކީ މަނާ ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް ވޯލްޑް ކަޕް ދައްކައިގެން މީޑިއާނެޓުން ގާނޫނީ އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް ވެސް ބުންޏެވެ.
"ނަމަވެސް ވިޔަފާރި އުސޫލުން، މާލީ މަންފާއެއް ހާސިލްކުރުމަށް ވޯލްްޑް ކަޕް ދެއްކުމަކީ މަނާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.
ވިޔަފާރި އުސޫލުން ކަމަށް މީޑިއާނެޓުން އެ ބުނަނީ، ކެފޭ/ރެސްޓޯރެންޓް/ސިނެމާ ފަދަ ތަންތަނުގައި އަގު ނަގައިގެން ވޯލްޑް ކަޕް ބަލަން ފުރުސަތު ދޭ ދިނުމަށެވެ. ނުވަތަ އެ ނޫން ވެސް ތަނެއްގައި ސްކްރީން ބަހައްޓައިގެން އަގެއް ނަގައިގެން ވޯލްްޑް ކަޕް ބެލުމުގެ ހިދުމަތް ދޭ ދިނުމަށެވެ.
މީޑިއާނެޓުން ބުނީ ދިވެހިންނަކީ ފުޓްބޯޅަ އަށް ލޯބިކުރާ ބަޔަކަށް ވެފައި، ޒަމާނުއްސުރެ ވޯލްޑް ކަޕް ގިނަ ބަޔަކު އެއްކޮށް ބެލުމުގެ ސަގާފަތެއް ރާއްޖޭގައި އޮތުމާ އެކު، ފީފާ އަދި މީޑިއާނެޓުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ވޯލްޑް ކަޕް އާއްމު ތަންތަނުގައި ބެލުމާއި ދެއްކުމަކީ އެ ކުންފުނިން ހުރަސް އަޅާނެ ކަމެއް ނޫން ކަމަށެވެ.
ސްޕޯޓްސް މިނިސްޓްރީން އަންނަނީ އާއްމު ތަންތަނުގައި ވޯލްޑް ކަޕް ބެލުމަށްޓަކައި ޖަމިއްޔާތަކަށް ޕްރޮޖެކްޓަރު ދޫކުރަމުންނެވެ.
މީގެ ކުރިން ރާއްޖޭގައި ވޯލްޑް ކަޕް ދައްކަނީ، މި ސަރަހައްދުގެ ޓީވީ ރައިޓްސް ނަގާ ބައިނަލްއަގްވާމީ ޗެނަލްތައް މެދުވެރިކޮށެވެ. އެކަމަކު މި ފަހަރު ރާއްޖޭގެ ރައިޓްސް ސީދާ ގަނެވެފައިވަނީ މީޑިއާނެޓުންނެވެ. މެޗުތައް ދައްކާނީ މީޑިއާނެޓުގެ އައިސް ޗެނަލުންނާއި ރާއްޖެޓީވީ އިން އަދި ޕީއެސްއެމްގެ ޗެސް ޗެނަލުންނެވެ.
ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ފަށާނީ އަންނަ އާދީއްތަ ދުވަހު ގަތަރުގަ އެވެ.