ސްޕެއިނަށް އުފަން ޑިއާޒް ވޯލްޑް ކަޕުގައި މޮރޮކޯ ޓީމުން ފެނިދާނެ
ސްޕެއިނަށް އުފަން ޑިއާޒް ވޯލްޑް ކަޕުގައި މޮރޮކޯ ޓީމުން ފެނިދާނެ

ސްޕެއިނުގެ މިޑްފީލްޑަރު ބްރަހިމް ޑިއާޒް ކުރިއަށް އޮތް ވޯލްޑް ކަޕުގައި މޮރޮކޯ ގައުމީ ޓީމުން ފެނިދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސްޕެއިން އާއިލާއަކަށް އެ ގައުމަށް ޑިއާޒް އުފަންވި ނަމަވެސް އޭނާގެ ބައްޕަގެ ދަރިކޮޅުގެ އަސްލަކީ މޮރޮކޯ ކަމަށް ވުމުން އޭނާ އަތުގައި އެ ގައުމުގެ ޕާސްޕޯޓް ވެސް އޮވެ އެވެ.

އެކަމަކު އޭނާ ޔޫތު ލެވެލްގައި ކުޅުނީ ސްޕެއިން ގައުމީ ޓީމަށެވެ. އަދި ސްޕެއިނުގެ ސީނިއާ ޓީމަށް ވެސް އެއް މެޗު ކުޅެދިނެވެ.

އެހެންވިޔަސް މި ފަހުން ސްޕެއިން ފުރުސަތެއް ނުލިބެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މޮރޮކޯ ޓީމުގެ އެޓޭކިން މިޑްފީލްޑަރަކަށް ކުޅޭ އަމީނޭ ހަރިޓް އަށް އަނިޔާވުމުން ބަދަލުގައި ޑިއާޒް ގެންދަން މޮރޮކޯ ކޯޗު ވަލީދު ރެގްރަގުއީ އަންނަނީ ވިސްނަމުންނެވެ.

ސްޕެއިން ގައުމީ ޓީމަށް އެންމެ މެޗެއް ކުޅެދީފައިވާތީ އޭނާ އަށް، ގައުމީ ޓީމު ބަދަލުކުރެވިދާނެ އެވެ.

ޑިއާޒްގެ އުއްމީދަކީ ސްޕެއިނަށް ކުޅުން ކަމަށްވިޔަސް އެ ޓީމުން ފުރުސަތު ނުލިބޭތީ އާއި މޮރޮކޯ އަށް ބަދަލުވެގެން ވޯލްޑް ކަޕް ކުޅެވެން އޮތުމުން އޭނާ އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށް ބެލެވެ އެވެ.

ވޯލްޑް ކަޕުގައި މޮރޮކޯ ހިމެނެނީ ކްރޮއޭޝިއާ އާއި ބެލްޖިއަމް އަދި ކެނެޑާއާ އެއް ގްރޫޕެއްގަ އެވެ. މޮރޮކޯ ޓީމުގައި ހިމެނޭ އެންމެ މަޝްހޫރު ކުޅުންތެރިޔަކީ ޕީއެސްޖީގެ ފުލްބެކް އަޝްރަފް ހަކީމީ އެވެ.

ޑިއާޒް މި ވަގުތު ކުޅެމުން އަންނަނީ ރެއާލް މެޑްރިޑުގެ ލޯނެއްގެ ދަށުން އޭސީ މިލާނަށެވެ. މި ސީޒަނުގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެއާ އެކު ސީޒަން ނިމުމުން ލޯނުގެ މުއްދަތު އިތުރުނުކޮށް ރެއާލުން އޭނާ އަނބުރާ ގެންދާނެ ކަމަށް ބެލެވެ އެވެ. އަނެއްކޮޅުން މެންޗެސްޓާ ޔުނައިޓެޑުން ވެސް އޭނާ އަށް ޝައުގުވެރިވެ އެވެ.

މިލާނަށް ކުޅޭ އިނގިރޭސި ޑިފެންޑަރު ފިކަޔޯ ޓޮމޯރީ މޮޅު ކުޅުމެއް ދެއްކި ނަމަވެސް އޭނާ އަށް ވެސް ވޯލްޑް ކަޕް ސްކޮޑުން ޖާގަ ނުލިބުނެވެ. އެހެންވެ އޭނާ ވެސް ކެނެޑާ ގައުމީ ޓީމަށް ބަދަލުވާން ބައެއް ސަޕޯޓަރުން އަންނަނީ ގޮވާލަމުންނެވެ. ޓޮމޯރީީ އަކީ ނައިޖީރިއާ އާއިލާ އަކަށް ކެނެޑާ އަށް އުފަން ކުޅުންތެރިއެކެވެ.