15 ނޮވެމްބަރ 2022 - 11:38

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ދިމާވާ މައްސަލަތައް ދެނެގަތުމަށް ބާއްވާ "ރިވެލި ފޯރަމް 2022" މިއަދު ފަށައިފި އެވެ.

ހ. މީރުމާ ހޯލުގައި ފެށި އެ ފޯރަމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަފާތު ހިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމާއި އެ މީހުންނަށް ލިބޭ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަތުމާ ގުޅޭގޮތުން ބާއްވާ ހަރަކާތެކެވެ.

ޖެންޑާ މިނިސްޓްރީން އިންތިޒާމު ކޮށްގެން ބާއްވާ އެ ފޯރަމްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަމާ ބެހޭ 23 އިދާރާއަކުން ބައިވެރިވެ އެވެ.
"ރިވެލި ފޯރަމް" ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރިއަށް އޮތް 10 އަހަރަށް ކަނޑައަޅާ ލަނޑުދަނޑިތަކުގެ ޕްލޭން އެކުލަވައިލުމަށް ބޭނުންވާ މަޝްވަރާތައް ވެސް ފޯރަމުގައި ކުރާނެ ކަމަށެވެ.
"މި ފޯރަމްގައި ފަށާ މި މަސައްކަތަކީ ކޮންވީނިއެންޓް މަސައްކަތަކަށް ވެގެން ދާނެ. ވަރަށް ގާތުން ޓެކްނިކަލް ބޭފުޅުންގެ އަޑު އަހާފައި އަޅުގަނޑު ބޭނުން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އަޑު އަހާލަން. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަޑުއަހާލަން. އަޅުގަނޑުމެންނަށް ފޯރަމަކަށް ނުގެނެވޭ ހާލަތްތަކުގައި ތިބި އާއިލާތަކުގެ އަޑުއަހާލަން،" މިނިސްޓަރު ވިދާޅުވި އެވެ.
"މި ހުރިހާ އަޑުތަކަކާ އެކު ހެން އަޅުގަނޑަށް ހީވަނީ 10 އަހަރު ދުވަހުގެ ޕްލޭނެއް ހަދަން ވާނީ."
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހުނަރާއި އުފެއްދުންތެރިކަން ދައްކާލުމުގެ ގޮތުން "ރިވެލި މައުރަޒު 2022"ގެ ނަމުގައި އިއްޔެ ވަނީ ހާއްސަ މައުރަޒެއް ވެސް ހުޅުވައިފަ އެވެ.
އިއްޔެ އާއި މިއަދު ކުރިއަށް ގެންދާ އެ މައުރަޒަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ތެރެއިން މަސައްކަތްތެރިކަމާއި ވިޔަފާރި ކުރުމަށް ޝައުގުވެރިކަން ހުންނަ މީހުން ބާރުވެރިކޮށް، ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. އެ މައުރަޒު އޮތީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގަ އެވެ.