15 ނޮވެމްބަރ 2022 - 10:45

ރާއްޖެ އެތެރެކުރި އާ ބާވަތެއްގެ މަސްތުވާ އެއްޗެއް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރި މެތޯފަން ނަމަކަށް ކިޔާ ބާވަތެެއްގެ މަސްތުވާތަކެތި އެ އިދާރާ އިން އަތުލައިގަތީ ބަހުރެއިނުގެ މަގުން ގެނައި ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ، އެ ޕާރުސަލުގައި ޝައްކު ކުރެެވޭ ޒާތުގެ ބާވަތެއް ހުރުމުން, އިތުރަށް ފާސްކުރީ ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު 17 ވަނަ ދުވަހު ބަލައި ފާސްކުރި އެ ޕާރުސަލުގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތޯފަން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
"މިއީ މި ބާވަތުގެ މަސްތުވާތަކެެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައި ގަނެވުނު ފުރަތަމަ ފަހަރު،" އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ވެ އެވެ.
އެ މައްސަލާގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 604.50 ގްރާމް ހުއްޓެވެ. ކަސްޓަމްސް އިން ބުނީ އެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައި ކަމަށެވެ.
މި ފަހުން ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރާ މަސްތުވާތަކެތީގެ މައްސަލަތައް ވަނީ އިތުރު ވެފަ އެވެ. ކަސްޓަމްސް އިން ވެސް އަންނަނީ ފަހަކަށް އައިސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައި ގަންނަމުންނެވެ.
އެޑިކްޓްވާ ގިނަ މާއްދާތަކެއް އެއްކޮށްގެން ހަދާ މެތު ރާއްޖޭގައި އާންމު އެއްޗަކަށްވެ, ހިލޭ ލިބޭ ހިސާބަށް ގޮސްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ވިދާޅުވި އެވެ.