15 ނޮވެމްބަރ 2022 - 10:01

އިނގިރޭސި ފުޓްބޯޅައިގެ ހަތް ވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ އެޝްޓަން ޔުނައިޓެޑުން، އެ ގައުމުގެ ފުޓްބޯޅައިގެ އެންމެ މަތީ ފަޑީގައި އޮތް މެންޗެސްޓާ ސިޓީ އަށް ކުޅޭ ދުނިޔޭގެ މިވަގުތު ހުރި އެންމެ މޮޅު އެއް ފޯވާޑް އާލިން ހާލަންޑް ލޯނެއްގެ ދަށުން ގެންދަން ހުށަހަޅައިފި އެވެ.
އަންނަ އާދީއްތަ ދުވަހު ފަށާ ވޯލްޑް ކަޕަށް ހާލަންޑުގެ ގައުމު ނޯވޭ ކޮލިފައިނުވާތީ، ކުރިއަށް އޮތް މަހެއްހާ ދުވަހު ހާލަންޑް ހުންނާނީ ހުސްކޮށެވެ. ޕްރިމިއާ ލީގު މިހާރު ވަނީ ވޯލްޑް ކަޕަށް މެދުކަނޑާލައިފަ އެވެ.
ނޮދަން ޕްރިމިއާ ލީގުގެ ޕްރިމިއާ ޑިވިޝަނުގައި ވާދަކުރާ އެޝްޓަން އިން ބުނީ ޗުއްޓީ ދުވަސްވަރު ހާލަންޑުގެ ފިޓްނަސް ހިފަހައްޓަން އެ ކްލަބަށް ހައްލެއް ހޯދައިދެވިދާނެ އެވެ.
އެންމެން ފުރަތަމަ ހީކުރީ އެ ކްލަބުން ޖޯކެއް ޖަހާލީ ކަމަށެވެ. ނަމަވެސް ފަހުން ކްލަބުގެ ރަސްމީ ޓްވިޓާ އެކައުންޓުން ވަނީ ލޯނެއްގެ ދަށުން ހާލަންޑް ގެންނަން ބޭނުންވާކަން ސިޓީ އަށް ހުށަހެޅިކަން ކަށަވަރުކޮށްދީފަ އެވެ.
"ސިޓީ އަށް މެޗުތަކެއް ނެތް. އަހަރެން ބޭނުންވަނީ ހާލަންޑް ފިޓްކޮށް ބަހައްޓަން އެހީވާން. ހަ ހަފުތާ ވަންދެން ގޮލްފް ކުޅުމަށް ވުރެ މިގޮތް މާ ރަނގަޅުވާނެ،" އެޝްޓަންގެ ކޯޗު މައިކަލް ކްލެގް ބުންޏެވެ.
މެންޗެސްޓާ އަށް ނިސްބަތްވާ ކްލަބެއް ކަމަށްވާ އެޝްޓަން އޮތީ އެ ކްލަބް ވާދަކުރާ ލީގުގެ 11 ވަނައިގަ އެވެ.
ބޮރޫޝިއާ ޑޯޓްމަންޑުން ބޮޑު އަގުގައި މި ސީޒަނުގައި ސިޓީއާ ގުޅުނު ހާލަންޑް ވަނީ މިހާތަނަށް 23 މެޗުން 18 ގޯލް ޖަހައިދީފަ އެވެ. އޭނާ އަކީ މިވަގުތު ދުނިޔޭގައި އެންމެ ރަނގަޅު ފޯމުގައި ހުރި ފޯވާޑެވެ.
އެޝްޓަން އިން އޭނާ ގެންދަން ހުށަހެޅި ނަމަވެސް ސިޓީން އެކަން ސީރިއަސްކޮށް ނުނަގާނެ އެވެ. އެ ކްލަބުން އެފަދަ ހުށަހެޅެއް ބަލައިވެސް ނުގަންނާނެ އެވެ.
ހާލަންޑަށް ސިޓީން އަހަރަކުދޭ 50 މިލިއަން ޑޮލަރުގެ މުސާރައަކީ، އެޝްޓަންގެ ވިއްސަކަށް އަހަރުގެ ބަޖެޓަށް ވުރެ ވެސް ބޮޑު އަދަދެކެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އަންނަ ޑިސެމްބަރު ކުރީކޮޅު ސިޓީގެ ޕްރެކްޓިސް ފެށުމުގެ ކުރިން ހާލަންޑަށް ޗުއްޓީއެއް ދޭނެ ކަމަށެވެ. އޭނާ އުފަން ގައުމު ނޯވޭ އަށް ގޮސް ދެން ދާނީ ސްޕެއިނަށް ޗުއްޓީ ހޭދަކުރާށެވެ.