14 ނޮވެމްބަރ 2022 - 15:45

މި މަހު 20 ގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ހުރިހާ މެޗެއް، އިތުރު ފީ އެއް ނުދެއްކިޔަސް ޕީއެސްއެމް އިން ބެލޭނެ ކަމަށް އެ އެ ކުންފުނިން މިއަދު ބުނެފި އެވެ.
މި މަހުގެ 20 އިން ޑިސެމްބަރު 18 އަށް ގަތަރުގައި އޮންނަ ވޯލްޑް ކަޕްގެ މި ސަރަހައްދުގެ ބްރޯޑްކާސްޓިން ރައިޓްސް ނަގާފައި ވަނީ އިންޑިއާގެ "ވަޔާކޮމް18" އިންނެވެ. ރާއްޖޭގެ މީޑިއާނެޓުން ވަނީ އެއް މިލިއަން ޑޮލަރަށް ރާއްޖޭގެ ރީބްރޯޑްކާސްޓިން ރައިޓްސް އެ ކުންފުނި އަތުން ގަނެފަ އެވެ.
މީޑިއާނެޓުން ނިންމާފައި އޮތީ ގިނަވެގެން ރާއްޖޭގެ ތިން ޗެނަލަކަށް ރައިޓްސް ވިއްކާލާށެވެ. މީޑިއާނެޓުން ހިންގާ އައިސްޓީވީ އަދި ރާއްޖެޓީވީން އިން ރައިޓްސް ގަނެ، މެޗުތައް ދައްކާނެކަން ވަނީ އިއުލާންކޮށްފަ އެވެ.
އޭރު ޕީއެސްއެމުން ބުނީ މީޑިއާނެޓާ ބައިވެރިވާ ތިން ވަނަ ޗެނަލެއްގެ ގޮތުން ޕީއެސްއެމްގެ ޔެސްޓީވީން މެޗުތައް ދައްކާނެ ކަމަށެވެ. ނަމަވެސް މީޑިއާނެޓަށް ދައްކަން ޖެހޭ ފައިސާ ހަމަނުޖެހޭތީ ޕީއެސްއެމުން ހޭދަކުރާ ފައިސާ ރިކަވަކުރުމަށްޓަކައި، ޕެކޭޖެއް ވިއްކަން ޖެހިދާނެ ކަމަށް އޭރު އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ނަމަވެސް ޕީއެސްއެމްގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ ވޯލްޑް ކަޕް ބެލުމަށް އިތުރު ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށެވެ. ޕީއެސްއެމަށް ފައިސާ ހަމަޖެހިފައިވާ ކަމަށާއި އެހެންވެ މިހާރު ނަަގާފައިވާ ޕެކޭޖުން ވެސް މެޗުތައް ފެންނާނެ ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ޕީއެސްއެމް އިން ވަނީ "ވަޔާކޮމް18" އަތުން ވަކިން ރައިޓްސް ގަންނަން ވެސް މަސައްކަތްކޮށްފަ އެވެ. އެކަމަކު އެ ކުންފުނިން ހުށަހެޅި ދެ މިލިއަން ޑޮލަރުގެ އަގު މާބޮޑުވީ އެވެ. އެހެންވެ ރާއްޖޭގެ ތިން ކުންފުންޏެއް ގުޅިގެން ދައްކާ ގޮތަށް އެއްބަސްވީ އެވެ.
ބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގެ ދަށުން، ރައްޔިތުންގެ ހާއްސަ ޝައުގުވެރިކަން ހުރި ނުވަތަ ހުރެދާނެ ބައިނަލްއަގްވާމީ އިވެންޓްތަކާއި އެފަދަ ކުޅިވަރު މުބާރާތްތަކާއި ހަރަކާތްތަކުގެ ތެރެއިން ރައްޔިތުންނަށް ހިލޭ ލިބިދޭންޖެހޭ ކަމަށް ކޮމިޝަނުން ކަނޑައަޅާ އިވެންޓްތައް އާންމުކޮށް އެންމެންނަށް ހިލޭ ދައްކަން ޖެހެ އެވެ. އެއިން އެއްވެސް އިވެންޓެއްގެ ރައިޓްސް ރާއްޖޭގެ އެއްވެސް ފަރާތަކުން ރީބްރޯޑްކާސްޓް ކުރެވޭނީ، ގައުމީ ޓީވީ އަށް އޭގެ ރައިޓްސް ހިލޭ ދިނުމަށް ފަހު އެވެ.
ވޯލްޑް ކަޕަކީ މީގެ ކުރިން ލިސްޓެޑް އިވެންޓެއް ނަމަވެސް ފަހު ވަގުތު އެ ލިސްޓު ބަދަލުކޮށް ފީފާ ވޯލްޑް ކަޕުން މިހާރު ހިމަނާފައި އޮތީ މުބާރާތް ހުޅުވާ މެޗާއި ފައިނަލް މެޗެވެ. އެހެން ހެދުމުން، ޕީއެސްއެމުން ރައިޓްސް ގަންނަން މަޖުބޫރުވީ އެވެ.