ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ދައްކާލާ މައުރަޒު ހުޅުވައިފި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ދައްކާލާ މައުރަޒު ހުޅުވައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރު ދައްކާލުމަށް ޖެންޑާ މިނިސްޓްރީ އިން ބާއްވާ "ރިވެލި" މައުރަޒު ހުޅުވައިފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ބާއްވާ މައުރަޒެކެވެ.

ދަރުބާރުގޭގައި ކުރިއަށްދާ މި މައުރަޒު މިއަދު ހެނދުނު ހުޅުއްވައިދެއްވީ ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެވެ. އަރިހުގައި މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މި މައުރަޒުގައި ބައިވެރިންގެ އުފެއްދުންތައް ހުށަހަޅާފައި ވަނީ ފަސް ދާއިރާއަކުންނެވެ. އެއީ؛

- އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާ

- ދަނޑުވެރިކަމުގެ ދާއިރާ

- ކާބޯތަކެތީގެ ދާއިރާ

- ކުރެހުމުގެ ދާއިރާ

- އަތްތެރި މަސައްކަތްކުރުމުގެ ދާއިރާ

މި މައުރަޒުގައި 95 ބައިވެރިންގެ އެފެއްދުންތައް ދައްކާލާފައިވާއިރު، މިއުފެއްދުންތައް ވިއްކުމަށް ބޭނުންވާ ބައިވެރިންނަށް އެފުރުސަތުވެސް ވަނީ ހުޅުވާލައިފަ އެވެ. މައުރަޒުގެ ބައިވެރިންނަށް މި ރަސްމިއްޔާތުގައި ހަނދާނީ ލިޔުން ދެއްވައިފައިވެ އެވެ.

ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި މައުރަޒަކީ މިއަދު އަދި މާދަމާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މައުރަޒެކެވެ. މި މައުރަޒު ހުޅުވާފައި ހުންނާނީ ހެނދުނު 10 އިން އިރުއޮއްސި 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެެ.