14 ނޮވެމްބަރ 2022 - 11:16

ގަލޮޅު ދަނޑު ތަޅާލައި އެތަނުގައި އާ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް ލަސްވާ ސަބަބަކީ، އެތަން ތަޅާލުމަށާއި ހުޅުމާލޭގައި ވަގުތީ ގޮތުން އަޅާ ސްޓޭޑިއަމަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވުން ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ގަލޮޅު ދަނޑުގެ ބަދަލުގައި މާލޭގައި އާ ސްޓޭޑިއަމެއް އަޅަނީ އިންޑިއާ ސަރުކާރުން ރާއްޖެ ދީފައިވާ ލައިން އޮފް ކްރެޓިޑް (އެލްއޯސީ) ދަށުން 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ހޭދަކޮށްގެންނެވެ.
އަދި ސްޓޭޑިއަމް އެޅެންދެން ރަސްމީ ފުޓްބޯޅަ މެޗުތައް ކުޅެން ބޭނުންކުރާ ގޮތަށް ހަމަޖައްސާފައި އޮތީ ހުޅުމާލޭ ސިންތެޓިކް ޓްރެކުގެ އެތެރޭގައި އޮތް ދަނޑެވެ. އެކަމަށްޓަކައި އެތަނުގައި ލައިޓިން ސިސްޓަމް ޖަހައި އެހެން ބައެއް ވަސީލަތައް ގާއިމްކުރަން ޖެހެ އެވެ.
އެ މަސައްކަތުގެ އަޕްޑޭޓެއް ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަދި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ބޯޑު މެމްބަރު އަލީ ނިޔާޒް (ހިރިޔާ ނިޔާ) ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިއަދު މަޖިލީހުގައި މިނިސްޓަރު ވިދާޅުވީ ގަލޮޅު ދަނޑު ތަޅާލުމުގެ ބަޖެޓް، އިންޑިއާގެ އެލްއޯސީ ގައި ހިމެނިފައިނުވާ ކަމަށާއި އެކަން ކުރަން ޖެހެނީ ދައުލަތުގެ ބަޖެޓުން ކަމަށެވެ. ހުޅުމާލޭގައި ވަގުތީ ސްޓޭޑިއަމް އަޅަން ހަރަދުކުރަން ވެސް ޖެހޭނީ، ސުވާލެއް ނެތް ގޮތެއްގައި ދައުލަތުންނެވެ.
"ހުޅުމާލޭ ސްޓޭޑިއަމަށް، އަޅުގަނޑުމެން ހިސާބެއް ޖަހާލާއިރު 15 މިލިއަން ރުފިޔާ ވަރު އެބަ ހަރަދުވޭ. އެހެންވެ އެކަން އެންމެ އަވަހަށް، އެންމެ ފަސޭހައިން ކުރެވޭނެ ގޮތެއް މި ބަލަނީ. އެއް ވިސްނުމަކީ އެކަން އެޗްޑީސީއާ ހަވާލުކުރުން،" މަހުލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަލޮޅު ދަނޑު ތަޅާލަން ވެސް ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަށާއި އެއީ ވެސް މި މަސައްކަތް ލަސްވާ ސަބަބެއް ކަމަށެވެ.
މިނިސްޓަރު ކުރިން ވިދާޅުވެފައި އޮތީ ގަލޮޅު ދަނޑުގެ މަސައްކަތް މި އަހަރު ފަހުކޮޅު ފެށޭނެ ކަމަށެވެ.
ބޮޑު ހަރަދުކޮށްގެން އާ ސްޓޭޑިއަމް އަޅާއިރު، ތޮށްޖެހިފައިވާ މާލޭން ބޭރުގައި، ހުޅުމާލެ ފަދަ ތަނެއްގައި ސްޓޭޑިއަމް އެޅުމަށް އާއްމުން ވަނީ ގޮވާލައިފަ އެވެ. އެކަމަކު މިނިސްޓްރީގެ ޕްލޭނެއް ބަދަލެއް އަދި ނާދެ އެވެ.
މާލޭގައި އާ ސްޓޭޑިއަމެއް އަޅަން ސަރުކާރުން ނިންމީ ގަލޮޅު ދަނޑުގެ ސިޑިބަރިތައް ވީރާނާވެ ސަލާމަތީ ގޮތުން ރައްކާތެރިނުވާތީ އާއި އެތަނުގެ ޖާގައިގެ ދަތިކަމުގެ ސަބަބުންނެވެ.
ކްލަބް ފުޓްބޯޅަ ބަލަން ކުރިން ވަންނަ ވަރަށް ކުޅިބަލާ މީހުން މިހާރު ނުވަންނާތީ، ދަނޑުގެ ޖާގައިގެ މައްސަލައެއް އާއްމުކޮށް ދިމާނުވެ އެވެ. އެކަމަކު ގައުމީ ޓީމު ކުޅޭ ބޮޑެތި މެޗުތަކަށް ޓިކެޓުގެ ޑިމާންޑް ބޮޑުވެ ޖާގައިގެ މައްސަލަ ކުރިމަތިވެ އެވެ.
ރަސްމީ ދަނޑުގެ ގޮތުގައި ގަލޮޅު ދަނޑު ބޭނުންކުރަމުން އަންނަނީ 1960ގެ އަހަރުތަކުން ފެށިގެންނެވެ. އެތަނުގައި ސިޑިބަރި ގާއިމްކުރަން ފެށީ 1980ގެ އަހަރުތަކުގަ އެވެ. އޭގެ ފަހުން ބޮޑެތި މުބާރާތްތަކަށް މަރާމާތުކޮށް އެކި ބަދަލުތައް ގެނެސްފައިވެ އެވެ. އެކަމަކު އެތަން މިހާރު ވަނީ ވަރަށް ބޮޑަށް ބާވެފަ އެވެ. ޒަމާނީ ވަސީލަތްތަކެއް ވެސް ނެތެވެ. އަދި ތަނބުތައް ހުރުމުން ކުޅިބަލާ މީހުންނަށް ދަނޑުގެ ވިއު އިން ބައެއް ގެއްލެ އެވެ.
މި ސަރުކާރުން އަންނަނީ ކުޅިވަރުގެ ވަރަށް ގިނަ އިންފްރާސްޓްރަކްޗާތަކެއް މާލޭ އާއި އަތޮޅުތެރޭގައި ގާއިމްކުރަމުންްނެވެ. އޭގެ ތެރޭގައި ބެޑްމިންޓަން ކޯޓު، ޓީޓީ ކޯޓު، ފުޓްސަލް ދަނޑު، ފުޓްބޯޅަ ދަނޑު އަދި ބިލިއާޑް ހޯލުތައް ހިމެނެ އެވެ.