ކޯޓީނިއޯ ކުޅުވުމާ މެދު ގޮތެއް ނުނިންމަން: ކްލޮޕް
ކޯޓީނިއޯ ކުޅުވުމާ މެދު ގޮތެއް ނުނިންމަން: ކްލޮޕް

ލިވަޕޫލް (ޖެނުއަރީ 11) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ އެގާރައިގައި ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކޯޓިނިއޯ ބޭނުންކުރުމާ މެދު ވަކިގޮތެއް ނުނިންމާ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

އުމުރުން 24 އަހަރުގެ ކޯޓީނިއޯ ކުޑަހުޅަށް އަނިޔާވީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ސަންޑަލެންޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އަނިޔާއިން ރަނގަޅުވެ ކޯޓީނިއޯ ލިވަޕޫލްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށީ މީގެ ހަތަރު ދުވަސް ކުރިންނެވެ.

"ކޯޓިނިއޯ ފިޓްވެއްޖެ. އެކަމަކު އޭނާ ބޭނުންކުރުމާ މެދު ވަކިގޮތެއް ނުނިންމަން. އެއީ ދިގު މުއްދަތަކަށް ކުޅުމާ ދުރުހުރި ކުޅުންތެރިޔަކު އެހާ އަވަސް އަރުވާލައިގެ ރިސްކު ކުރުމަކީ އަހަރެން ގަބޫލުކުރާ އުސޫލަކަށް ނުވާތީ. އެކަމު ކޯޓީނިއޯ މި މެޗުގެ ކޮންމެސް ހިސާބަކުން ނުފެންނާނެޔެކޭ ނުބުނާނަން،" ކްލޮޕް ބުންޏެވެ.

ކޯޓީނިއޯ އަކީ މި ސީޒަނުގައި ލިވަޕޫލަށް އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އައި ކުޅުންތެރިޔާ އެވެ. އޭނާ ނެތުމުގެ ސަބަބުން ލިވަޕޫލަށް ލީގު މެޗުތަކުގައި ބައެއް ޕޮއިންޓު ގެއްލިފައި އެބަހުއްޓެވެ. ކޯޓީނިއޯ ޓީމަށް އެނބުރި އައުމަކީ ޓީމަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ކްލޮޕް ސިފަކުރެ އެވެ.

ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި އެފްއޭ ކަޕްގައި އިނގިރޭސި ހަތަރު ވަނަ ޑިވިޝަންގެ ކްލަބް ޕްލިމައުތު އާގައިލްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ލިވަޕޫލްގެ ތާރީހުގައި ރަސްމީ މެޗަކަށް ނެރުނު އެންމެ ޒުވާން ފުރަތަމަ އެގާރަޔާ އެކު ކުޅުނު މި މެޗާ މިރޭގެ މެޗާ މުޅިން ތަފާތުވާނެ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.

"ޕްލިމައުތާ ދެކޮޅަށް ނުކުތް ފުރަތަމަ އެގާރައެއް ނޫން މި މެޗުގައި ފެންނާނީ އެއީ ބޮޑު ތަފާތެއް. އެ މެޗުގައި ހެދުނު ގޯސްތައް މި މެޗުގައި ނުފެންނާނެ. އެކަމުގެ ޔަގީންކަން އަހަރެންނަށް އެބައޮތް،" ކްލޮޕް ބުންޏެވެ.

ލިވަޕޫލް އެންމެ ފަހުން ލީގު ކަޕް ކާމިޔާބުކުރީ 2012 ވަނަ އަހަރު އެވެ. މިދިޔަ އަހަރުގެ ފައިނަލުން ޕެނަލްޓީ ޖަހައިގެން އެ ޓީމު ވަނީ މެންޗެސްޓާ ސިޓީ އަތުން ބަލިވެފަ އެވެެ.

މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި ޖޭމްސް މިލްނާ އަދި ޖޮއެލް މަޓިޕް ފެނުމުގެ ފުރުސަތު ކުޑަ އެވެ.

ސައުތެމްޓަން ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.