"ބަދަލުގެ ފަހަތުގައި އޮތީ ފުޓްބޯޅައިގެ ސަބަބުތަކެއް"
"ބަދަލުގެ ފަހަތުގައި އޮތީ ފުޓްބޯޅައިގެ ސަބަބުތަކެއް"

ޒިއުރިކް (ޖެނުއަރީ 11) – ފީފާ ވޯލްޑް ކަޕް ފުޅާކުރަން ނިންމީ މާލީ ގޮތުން އިތުރު ފައިދާތަކެއް ހޯދުމުގެ ނިޔަތުގައި ނޫން ކަމަށާއި އޭގައި އޮތީ ފުޓްބޯޅައިގެ ސަބަބުތަކެއް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

ފީފާ ކައުންސިލުން އިއްޔެ ނިންމާފައިވަނީ 2026 ވަނަ އަހަރުން ފެށިގެން ވޯލްޑް ކަޕުން 48 ޓީމަށް ފުރުސަތު ދޭށެވެ. މިއީ ފީފާގެ ރައީސް އިންފަންޓީނޯގެ ކެމްޕެއިން ވައުދެކެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ ފައިސާ ހޯދުމާއި ބާރު ހޯދުމަށް ފީފާ އިން ގެނައި ބަދަލެއް ކަމަށެވެ.

"މިއީ އޭގެ އިދިކޮޅު. މިއީ ސީދާ ފުޓްބޯޅައާ ގުޅުން ހުރި ސަބަބެއް. ކޮންމެ ފޯމެޓަކުން ވެސް މާލީ ފައިދާތަކެއް ހުންނާނެ،" އިންފަންޓީނޯ ވިދާޅުވި އެވެ.

އާ ފޯމޭޓާ އެކު ވޯލްޑް ކަޕުގައި އޮންނާނީ ތިން ޓީމު ހިމެނޭ 16 ގްރޫޕެކެވެ. ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމު (ޖުމްލަ 32 ޓީމް) ދެ ވަނަ ބުރަށް ހޮވޭއިރު އެ ބުރުން ފެށިގެން ކުޅޭނީ ނޮކްއައުޓް އުސޫލުންނެވެ. އާ ފޯމެޓާ އެކު ފީފާ އަށް ވޯލްޑް ކަޕުން 5.29 ބިލިއަން ޕައުންޑުގެ އާމްދަނީއެއް ލިބޭއިރު ފައިދާގެ ގޮތުގައި 521 މިލިއަން ޕައުންޑް ލިބޭނެ އެވެ.

"މިއީ ތާރީހީ ނިންމުމެއް. އެކާވީސް ވަނަ ގަރުނުގެ ތެރެއަށް ވޯލްޑް ކަޕް މި ވަންނަނީ. މީގެ ސަބަބުން ފެންވަރު މަތިވެގެންދާނެ،" އިންފަންޓީނޯ ވިދާޅުވި އެވެ. "ޖާގަ އިތުރުކުރުމުން ވަރަށް ގިނަ ޓީމުތަކަށް ކޮލިފައިވުމުގެ ފުރުސަތު ލިބޭނެ. އެ ފުރުސަތު ހޯދުމަށްޓަކައި އެލީޓް ފެންވަރުގައި އަދި ގްރާސްރޫޓް ފެންވަރުގައި ގައުމުތަކުން އިންވެސްޓްކުރާނެ. އޭގެ ސަބަބުން ފުޓްބޯޅައިގެ ފެންވަރު މަތިވެގެންދާނެ."

ބޮޑު ބަދަލެއް ގެންނަން އިއްޔެ ފާސްކުރި ނަމަވެސް އަދިވެސް މި ފޯމެޓާ އެކު ގެންނާނެ އެހެން ބަދަލުތައް އެކުލަވާލާފައެއް ނުވެ އެވެ. މާބޮޑު ތަފްސީލެއް ނުލިބި މިފަދަ ބަދަލެއް ގެންނަން ފާސްކުރާތީ ޔުއެފާ އިން ވެސް ވަނީ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޔޫރަޕިއަން ކްލަބް އެސޯސިއޭޝަނުން ވެސް ވަނީ ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި މިއީ ފުޓްބޯޅައާ ގުޅުން ހުރި ބަދަލަކަށް ވުރެ ސިޔާސީ ބަދަލެއް ކަމަށް އެ އެސޯސިއޭޝަނުން ތުހުމަތުކުރެ އެވެ.

މިކަމާ ބެހޭގޮތުން އިންފަންޓީނޯ ވިދާޅުވީ ފުޓްބޯޅައަކީ މިހާރު މުޅި ދުނިޔޭގެ ކުޅިވަރެއް ކަމަށާއި ޔޫރަޕުން ބޭރު ގައުމުތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

އިންފަންޓީނޯ ވިދާޅުވީ ވޯލްޑް ކަޕް ދެން ވެސް ކުޅޭނީ ކުރިން ވެސް ކުޅޭ ތާރީހުތަކުގައި ހަމަ އެ މުއްދަތަކަށް ކަމަށާއި މީގެ ސަބަބުން އިތުރު އުނދަގުލެއް ކްލަބަކަށް ވެސް ކުޅުންތެރިޔަކަށް ނުވާނެ ކަމަށެވެ. އަދި ބަދަލުގައި އިތުރު ގައުމުތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި މިއީ ޕޮޒިޓިވް ކަމެއް ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ.