13 ނޮވެމްބަރ 2022 - 15:59

ޑްރަގްސް ބޭނުންކޮށް ޕާޓީ ކުރަނިކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ފުލުސް މީހާ މިހާރު ވަނީ ސަސްޕެންޑްކޮށްފައި ކަމަށާއި އޭނާ އަކީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ)ގެ މީހެއް ކަމަށް ވިޔަސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ޑްރަގްސް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތެއް އޭނާއަށް ވެސް ނޯންނާނެ ކަމަށް ފުލުހުން ބުނެފި އެވެ.
މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޑްރަގާ އެކު ޕާޓީ ކުރަނިކޮށް ހައްޔަރު ކުރީ ހަތަރު އަންހެނުންނާއި އަށް ފިރިހެނުންނެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ޑީއީޑީގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ޑްރަގް ބަލަހައްޓާ ޓީމުގެ ފުލުހަކު ވެސް ހިމެނެ އެވެ.
އެކަމާ ގުޅިގެންފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެެޖެއްގައި ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރުމާ ގުޅިގެން ފުލުހަކު ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
އެ ފުލުހަކީ ޑީއީޑީގެ ބެލުމުގެ ދަށަށް ގެނެވޭ ޑްރަގް ބަލަހައްޓާ ޓީމެއްގައި ހިމެނޭ ފުލުހެއް ނަމަވެސް، ޑީއީޑީގެ ބެލުމުގެ ދަށަށް ގެންނަ ޑްރަގް ރައްކާކުރުމުގެ އުސޫލު އޮންނަ ގޮތުން އެތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އޭނާއަށް ނުވަތަ އެހެން ފުލުހަކަށް ނޯންނާނެ ކަމަށް ވެސް ފުލުހުން ޔަގީންކަން ދިނެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަ އާއި އިދާރީ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި އެއްވެސް އިސްތިސްނާއެއް ނެތި އޭނާއަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެެ.
"ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި އެ މީހަކީ ޑްރަގް އެންފޯސްމަންޓުގައި އުޅޭ ފުލުހެއް ނަމަވެސް އެއްވެސް އިސްތިސްނާއެއް ނެތި އެ މީހަކާ ދޭތެރޭގައި ފިޔަވަޅު އަޅާނެ" ކަމަށް ފުލުހުންގެ މެސެޖުގައިވެ އެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުންނަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތެވެ. އޭގެ ތެރޭގައި ހައްޔަރު ކުރި ފިލްމީ ތަރި އާމިނަތު ރިޝްފާ އަދި ޓިކްޓޮކްގައި މަގުބޫލު ކަން ހޯދި ހުނޭސާ އާދަމް ނަސީރު ވެސް ހިމެނެ އެވެ.
އެ މީހުން އެކި މުއްދަތުތަކަށް ބަންދުކޮށްފައިވާއިރު، ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި އެ މީހުން ތިބި އެޕާޓްމެންޓުން ޑްރަގް ފެނިފައިވެ އެވެ. ނަމަވެސް، ޓްރެފިކް ކުރުމުގެ މިންގަނޑަށް ފެތޭ ވަރަށް ޑްރަގް ފެނުނު ކަމެއް އަދި އެނގިފައެއް ނުވެ އެވެ.