11 ޖެނުއަރީ 2017 - 11:11

ރައްޔިތުން ޑިމޮކްރަސީގެ ހިމާޔަތުގައި މަސައްކަތް ކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ވަދާއީ ތަގުރީރުގައި މިއަދު ގޮވާލައްވައިފި އެވެ.

އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ވާހަކަފުޅު ދައްކަވަމުން އޮބާމާ ވިދާޅުވީ އަށް އަހަރު ކުރިން ވެރިކަމާ ހަވާލުވެ ވަޑައިގެން އިރަށް ވުރެ އެމެރިކާގެ ހުރިހާ ކަމެއް ވެސް މިހާރު ރަނގަޅު ކަމަށެވެ. އެކަމަކު ޑިމޮކްރަސީގެ މައްސަލާގައި އޮބާމާ ވަނީ އިންޒާރު ދެއްވައިފަ އެވެ.
"ޑިމޮކްރަސީ އަކީ އާދައިގެ ކަމެއްގެ ގޮތުގައި ގަބޫލުކޮށްގެން ތިބޭ ނަމަ ޑިމޮކްރަސީ އަށް ނުރައްކާ ވާނެ،" އޮބާމާ ވިދާޅުވި އެވެ.
އޮބާމާ ވަނީ އެމެރިކާގެ އެންމެން ވެސް އެހެން ނަސްލުތަކާއި އެކި ފިކުރުގެ މީހުންގެ އިހްސާސްތަކަށް އިހްތިރާމްކޮށް އެންމެން ވެސް އަނެކުންގެ ވާހަކަތަކަށް ސަމާލުކަންދީ އެ ވާހަކަތައް އަޑުއެހުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ރައީސްގެ ގޮތުގައި މީގެ އަށް އަހަރު ކުރިން މަގާމާ ހަވާލުވެ ވަޑައިގެންނެވި މިހާރު އުމުރުން 55 އަހަރުގެ އޮބާމާ ވާހަކަ ދައްކަވަން ފެއްޓެވުމާ އެކު އަދި އިތުރު ހަތަރު އަހަރު މަގާމުގައި ހުންނެވުމަށް ސަޕޯޓަރުން ގޮވަން ފެށި އެވެ. ނަމަވެސް ހަތަރު އަހަރުގެ ދެ ދައުރު ފުރިހަމަކުރެއްވުމަށް ފަހު މަގާމުން ވަކިވެވަޑައިގަންނަވާ އޮބާމާ ހިނިތުންވެ ވަޑައިގެން ހުންނަވައި "ތިކަން ކުރެވޭކަން ނެތް" ކަމަށް ވިދާޅުވި އެވެ.
އެމެރިކާގެ ގާނޫނު އަސާސީ ބުނާ ގޮތުން އެ ގައުމުގައި އެކަކަށް އެންމެ ގިނަވެގެން ވެރިކަން ކުރެއްވީ ދެ ދައުރުގަ އެވެ.
އޮބާމާގެ ދައުރު ހަމަވުމުން މި މަހުގެ 20 ވަނަ ދުވަހު ޑޮނަލްޑް ޓްރަމްޕު ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާނެ ވާހަކަ ވިދާޅުވުމާ އެކު ޓްރަމްޕަށް އޮތް ރުޅިވެރިކަން ހާމަކޮށް ސަޕޯޓަރުން އަޑު ގަދަކުރުމާ އެކު އޮބާމާ ވިދާޅުވީ ސުލްހަވެރިކަމާއި އޮމާންކަމާ އެކު ވެރިކަމުގެ ބާރުތައް ހަވާލުކުރުމަކީ އެމެރިކާގެ ޑިމޮކްރަސީގެ ސިއްކައެއް ކަމަށެވެ.
ނަމަވެސް ޓްރަމްޕަށް ނިސްބަތްވާ ގޮތަށް އޮބާމާގެ ތަގުރީރުގައި ބައެއް ވާހަކަތައް ދެއްކެވި އެވެ. އެމެރިކާގެ 44 ވަނަ ރައީސް ވިދާޅުވީ އެމެރިކާގެ ޑިމޮކްރަސީ އަށް ތިން ނުރައްކަލެއް އެބަ އޮތް ކަމަށާއި އެއީ އިގްތިސާދީ ހަމަހަމަކަން ގެއްލުމާއި ނަސްލީ ބައިބައިވުމާއި މުޖުތަމައު ގަބޫލު ނުކުރާ ގޮތަށް ކަންކަން ކުރުން ކަމަށެވެ.
"އިންޓަނެޓްގައި ނުވެސް ދަންނަ މީހުންނާ ޒުވާބުކޮށް ވަރުބަލިވެއްޖެ ނަމަ ހަގީގީ ދިރިއުޅުމުގައި މީހަކާ ބައްދަލުކޮށް ވާހަކަ ދައްކާލާ،" އޮބާމާ ވިދާޅުވި އެވެ. މިހެން ވިދާޅުވުމާ އެކު ހުނުމާއި އަތްތިލަބަޑީގެ އަޑުން މުޅި ތަން ގުގުމައިގެން ދިޔަ އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ފުރަތަމަ ތަގުރީރު ދެއްވި ޗިކާގޯގައި އޮބާމާ އެމެރިކާ ރައްޔިތުންގެ ކިބައިން އެންމެ ފަހު ކަމެއްގެ ގޮތުގައި އެދިވަޑައިގަތީ ބަދަލު ގެނެވޭނެ ކަމަށާއި އެކަން ކުރެވޭނީ ރައްޔިތުންނަށް ކަމަށް ގަބޫލު ކުރުމަށެވެ.
އޮބާމާގެ ވަދާއީ ތަގުރީރު ދެއްވި ނޯތު އެމެރިކާގެ އެންމެ ބޮޑު ކޮންވެންޝަން ސެންޓަރު ކަމަށްވާ މެކްކޯމިކް ޕްލޭސް އަށް ތަގުރީރު އަޑުއަހަށް 20،000 މީހުން ޖަމާވި ކަމަށް އަންދާޒާކުރެވިފައިވެ އެވެ. މިތަނަށް ދިއުމަށް ހިލޭ ޓިކެޓް ދިން ނަމަވެސް އޮންލައިންކޮށް 1000 ޑޮލަރަށް ވަނީ ބައެއް މީހުން ޓިކެޓް ވިއްކައިފަ އެވެ.