މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަނުން ވިދާލި ލަވަކިޔުންތެރިޔާ ޝަމްވީލް މުހައްމަދު (ބަރޯ) އެންމެ ފަހުން ނެރުނު "ލަކުނެއް ކަލާ މޫނުގައި" ރިމޭކަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ސައުންޑް ކްލައުޑަށް ނެރުނު އެ ލަވަ މިހާތަނަށް 110،000 އަށް ވުރެ ގިނަ މީހުން އަޑުއަހާފައި ވާއިރު، މިދިއަ ހުކުރު ދުވަހު ޔޫޓިއުބަށް ނެރުނު ލަވައިގެ ވީޑިއޯ 13،000 އަށް ވުރެ ގިނަ މީހުން ބަލާފައިވެ އެވެ.

ސައުންޑްކްލައުޑާއި ޔޫޓިއުބްގެ އިތުރުން ފޭސްބުކުގައި ވެސް ޝަމްވީލުގެ ލަވަޔަށް ތައުރީފުކޮށް ގިނަ ބަޔަކު އަންނަނީ ކޮމެންޓު ކުރަމުންނެވެ.

ޝަމްވީލް "މިހާރު" އާ ވާހަކަ ދައްްކަމުން ބުނީ އެ ލަވައަށް ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ނަވާރަސަތޭކަ ފަންސާހުގެ އަހަރުތަކުގައި ނިކުތް ހިންދީ ލަވަ، "އާޖާ ސަނަމް މަދުރި ޗާންދް" ގެ ރާގަށް، އިހުގެ ނައިފަރު ލަވަކިއުންތެރިޔާ ކަންޗި ކިޔާފައިވާ "ލަކުނެއް ކަލާ މޫނުގައި" މި ލަވަ، ޝަމްވީލް ގެނެސްދީފައި ވަނީ ޒަމާނީ ރާގަކާއި، ވީޑިއޯއަކާ އެކުގަ އެވެ. އަދި އޭނާގެ ލަވައިގައި، އަސްލު ދިވެހި ލިރިކްސް އަށް ކުދި ބަދަލުތަކެއް ގެނެސްފައިވާ ކަން ފާހަގަކުރި އެވެ.

ޝަމްވީލް ބުނި ގޮތުގައި، ލަވަ ރިމޭކް ކުރަން ހިތުލީ އެއީ އިހު ޒަމާނުގައި ރާއްޖޭގައި މަޝްހޫރު ލަވަޔަކަށް ވުމުން ކަމަށެވެ.

"އިހުގެ މަޝްހޫރު ލަވަޔަކަށް ވީމާ އެއް ރޭ އެހެން އޮވެ ހިތަށް އެރީ އޭގެ ރިމޭކެއް ހަދަން. ލަވަ ރިކޯޑު ކޮށްފައި އެއިނީ އެއް ދުވަހުން. އަދި ދެތިން ދުވަސްތެރޭ ވީޑިއޯގެ މަސައްކަތް ވެސް ނިންމާލީ،" އޭނާ ބުންޏެވެ.

ލަވައިގެ ރެކޯޑިން އަދި ޕްރޮޑަކްޝަން މެނޭޖުކޮށްފައި ވަނީ "ޔެލޯ ސްޓޫޑިއޯ" އިންނެވެ. ވީޑިއޯ ލަވައިގައި ފެންނަ މަންޒަރުތަކާއި ނެށުންތައް ޑައިރެކްޓުކޮށް އަދި ލަވައިގެ ވީޑިއޯ ނަގައި، އެޑިޓިންގެ މަސައްކަތް ކޮށްފައި ވަނީ ރާއްޖޭގެ ޑިޖިޓަލް ކްރިއޭޓަރެއް ކަމަށްވާ އަބްދުﷲ ރިޒާ (ޒާރިއޯ) އެވެ.

ޔެލޯ ސްޓޫޑިއޯ އާއި ޒާރިއޯގެ އިތުރުން ލަވައިގެ ޕްރޮޑަކްޝަންގައި އެހީވެދިން ހުރިހާ ފަރާތްތަކަށް ޝަމްވީލު ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ޝަމްވީލް އަންނަނީ ޔޫޓިއުބާއި، ސައުންޑް ކްލައުޑުގައި އޭނާގެ އަޑުން ތަފާތު ލަވަތައް ހިއްސާކުރަމުންނެވެ. އޭގެ ތެރޭގައި، މަޝްހޫރު ދިވެހި ލަވަތައް އެއްކޮށްގެން ހަދާ މޭޝަޕުތަކާއި، އަމިއްލަ ލަވަތާކާއި، ކަވަތައް ފާހަގަކޮށްލެވެ އެވެ.