ހުޅުމާލޭ 2ގެ ހަތަރު ސްކޫލެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި
ހުޅުމާލޭ 2ގެ ހަތަރު ސްކޫލެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަތަރު ސްކޫލް އެޅުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސަރުކާރުގެ ވަށާޖެހޭ ތައުލީމްގެ ސިޔާސަތުގެ ދަށުން އެޑިއުކޭޝަނުން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މުޅިން އަލަށް ހަތަރު ޕަބްލިކް ސްކޫލް އަޅަން ނިންމާފަ އެވެ. އެޗްޑީސީން ބުނީ މި ހަތަރު ސްކޫލް ހަދާނީ އާބާދުވެ ދިރިއުޅެން ހަދާ އިމާރާތްތަކާ ކައިރީގައި ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ސުކޫލުތަކުގެ ތެރޭގައި ހިމެނެނީ 50،098.85 އަކަފޫޓު، 50،098.85 އަކަފޫޓު، 66،777.84 އަކަފޫޓު އަދި 70،710.53 އަކަފޫޓުގެ ޖާގައިގެ ސްކޫލެކެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަނީ ފުރަތަމަ ސްކޫލް ހުޅުވައިފަ އެވެ. އެއީ އަހުމަދު ކާމިލް ދީދީ ޕްރައިމަރީ ސްކޫލެވެ.

ހުޅުމާލޭގެ 2 ގައި އަންނަ އަހަރު ތިން ސްކޫލް ހުޅުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވިގޮތުގައި، ދެވަނަ ފިޔަވަހީގައި އަށް ސްކޫލަކާއި އިތުރު ދެ ޕްރީ ސްކޫލެއް އިމާރާތް ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ސަލާހުއްދީން ސްކޫލްގެ މަސައްކަތް ނިންމައި، ދެ ވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް އަންނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވާނެ އެވެ.

ދެ ޕްރީ ސްކޫލް އަންނަ އަހަރުގެ އޮގަސްޓް މަހަށް ނިންމައި ކިޔަވައިދޭން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.