13 ނޮވެމްބަރ 2022 - 14:47

މަސްތުވާތަކެއްޗާ އެކު ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ އެޕާޓްމެންޓަކުން ހައްޔަރުކުރި 12 މީހުންގެ ތެރެއިން އެކަކީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ ފުލުހެއްކަން "މިހާރު" އަށް އެނގިއްޖެ އެވެ.
މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ 12 މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ހަތަރު އަންހެނުންނާއި އަށް ފިރިހެނުންނެވެ. އެ މީހުން ހައްޔަރުކުރީ މާލޭގެ އެޕާޓްމެންޓެއްގައި ޕާޓީ ކުރަނިކޮށެވެ.
"މިހާރު"އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ ފުލުހެއް ހިމެނެ އެވެ. އެނގިފައިވާ ގޮތުގައި އޭނާ އަކީ ފުލުހުން އަތުލައިގަންނަ ޑްރަގް ބެލެހެއްޓުމާ ހަވާލުވެ ހުރި މީހެކެވެ.
އެ ފުލުސް މީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު ވެސް އިތުރުކޮށްދީފަ އެވެ. ނަމަވެސް، ފުލުހުން އެދިގެން އޭނާގެ ބަންދު އަޑުއެހުން ސިއްރުކޮށްފައިވާތީ ކޯޓުން އޭނާގެ ބަންދު އަމުރު އާންމެއް ނުކުރެ އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުންނަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތެވެ. ކްރިމިނަލް ކޯޓުން ވަނީ އެ މީހުން އެކި މުއްދަތުތަކަށް ބަންދުކޮށްފަ އެވެ.
އެ ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި އެ މީހުން ތިބި އެޕާޓްމެންޓުން ޑްރަގް ފެނިފައިވެ އެވެ. ނަމަވެސް، ޓްރެފިކް ކުރުމުގެ މިންގަނޑަށް ފެތޭ ވަރަށް ޑްރަގް ފެނުނު ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ފިލްމީ ތަރި އާމިނަތު ރިޝްފާ އަދި ޓިކްޓޮކްގައި މަގުބޫލު ކަން ހޯދި ހުނޭސާ އާދަމް ނަސީރު ވެސް ހިމެނެ އެވެ. ރިޝްފާ ފަސް ދުވަހަށް އަދި ހުނޭސާ ހަތް ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ ނިންމައިފަ އެވެ. މީގެ ކުރިން ވެސް ޑްރަގް މައްސަލައެއްގައި ހުނޭސާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެ އެވެ.