ޝަރީފު، އެމްޑީޕީ އަށް ސޮއިކުރައްވައިފި
ޝަރީފު، އެމްޑީޕީ އަށް ސޮއިކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު އެމްޑީޕީ އަށް ސޮއިކުރައްވައިފި އެވެ.

އެންމެ ކުރިން ރައީސް އަބްދުﷲ ޔާމީނާ ގާތްގުޅުމެއް ބާއްވަމުން ގެންދެވި އަދި ތިމަރަފުށި ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ޝަރީފު އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެކަމަކު، ޝަރީފާއި އެމްޑީޕީން ވެސް އަދި އެ ނިންމެވުމާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ.

މި އަހަރުގެ މާޗު 1 ގައި ސްޓެލްކޯގެ އެމްޑީގެ މަގާމާ ހަވާލުވެވައިގެންނެވި ޝަރީފު، އީސީގެ ރައީސްކަން ކުރެއްވުމުގެ ކުރިން ހުންނެވީ ޕީޕީއެމްގަ އެވެ.

އެކަމަކު، މިދިޔަ އަހަރުގެ ޖޫން 15 ގައި އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުން އިސްތިއުފާ ދެއްވައި ސްޓެލްކޯއާ ހަވާލުވެވަޑައިގަތުމާ ހަމައަށް ސިޔާސީ ޕާޓީއަކާ ޝަރީފު ގުޅިވަޑައެއް ނުގަންނަވަ އެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބު އޮޅުވާލި ކަމުގެ ތުހުމަތު އިިދިކޮޅު ޕީޕީއެމް ކޯލިޝަނުން ޝަރީފަށް ކުރި ނަމަވެސް އޭނާ ގެންދަވަނީ އެ ވާހަކަތައް ދޮގުކުރައްވަމުންނެވެ.

މާލޭގެ ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލްކަން ކުރެއްވި ދުވަސްވަރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޝަރީފުގެ ސިޔާސީ ފިކުރު ސަރުކާރުގެ ކޮޅަށް ދީލާލެއްވުމަށް ފަހު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކޮށްދިނުމަށް އެކި ފަހަރު މަތިން އެދިވަޑައިގެންފަ އެވެ.