މިއަހަރުގެ އަމާޒަށް ދެން ބޭނުންވަނީ އިތުރަށް 200،000 ޓޫރިސްޓުން
މިއަހަރުގެ އަމާޒަށް ދެން ބޭނުންވަނީ އިތުރަށް 200،000 ޓޫރިސްޓުން

އިއްޔެގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.4 މިލިއަނަށް އަރައި، ސަރުކާރުން މި އަހަރަށް ކަނޑައަަޅާފައިވާ އަމާޒާ ގާތަށް ޖެހިލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރު ރާއްޖެ ގެނަައުމަށް އަމާޒުކޮށްފައިވާ 1.6 މިލިއަން ޓޫރިސްޓުންގެ އަދަދަށް ވާސިލްވާން ދެން އިތުރަށް ބޭނުންވަނީ 200،000 ޓޫރިސްޓުންނެވެ.

މި މަހު އެކަނި 58،190 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އެއީ އެވްރެޖްކޮށް ދުވާލަކު ގާތްގަނޑަކަށް 4،500 ޓޫރިސްޓުންނެވެ.

މި އަހަރު އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އައީ އިންޑިއާ އިންނެވެ. ލިސްޓުގެ ދެވަނަ އަށް ރަޝިއާ އޮތް އިރު، ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.

މިނިސްޓްރީން ލަފާކުރާ ގޮތުގައި، އަންނަ މަހުގެ މެދުތެރޭގައި، މި އަހަރަށް ކަނޑައަޅާފައިވާ ޓާގެޓު ހަމަވާނެ އެވެ.

އެވްރެޖްކޮށް ދުވާލަކު 5،000 ޓޫރިސްޓުން އަންނަ ނަމަ، މި އަހަރު ނިމޭއިރު ޓާގެޓަށް ވުރެ އިތުރުވުމުގެ ފުުރުސަތު އެބައޮތެވެ. އާންމުކޮށް އަހަރުގެ ފަހު ދުވަސްވަރަކީ އާ އަހަރާއި ކްރިސްމަސް ފަދަ ބަންދުތަކާ ދިމާކޮށް އާދަޔާހިލާފަށް ގިނައިން ޓޫރިސްޓުން އަންނަ ދުވަސްވަރެކެވެ.

މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައީ 2019 ވަނަ އަހަރު އެވެ. އެއީ 1.8 މިލިއަން ޓޫރިސްޓުންނެވެ. ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ކަނޑައަޅާފައި ވަނީ ވެސް 1.8 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލް އަހަރު، ތިންވަނަ ފަހަރަށް "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑު ހާސިލްކޮށް، ހޯދި ކާމިޔާބީގެ ސަބަބުން ޓޫރިސްޓުންގެ މެދުގައި މަޝްހޫރު މަންޒިލަކަށްވެ، ރާއްޖޭގެ ނަން އިތުރަށް ވަރުގަދަވުމުގެ ސަބަބުން، ކުރިމަގުގައި ޓޫރިސްޓުން އަންނަ ވަރު އިތުރުވުމަކީ ވެސް އޮތް ފުރުސަތެކެވެ.