ލިޓަސް ގައުމީ ބިލިއާޑް މުބާރާތް: ފުރަތަމަ މެޗުގައި ކަސްޓަމްސް އިން ޗެމްޕިއަން އީގަލްސް ބަލިކޮށްފި
ލިޓަސް ގައުމީ ބިލިއާޑް މުބާރާތް: ފުރަތަމަ މެޗުގައި ކަސްޓަމްސް އިން ޗެމްޕިއަން އީގަލްސް ބަލިކޮށްފި

މިހާރު ކުރިއަށްދާ "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގެ އެންމެ ފަހު އިވެންޓް ކަމުގައި ވާ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ޓީމް އިވެންޓްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ކްލަބް އީގަލްސް ބަލި ވެއްޖެ އެވެ.

ޖުމްލަ ފަސް ޓީމާ އެކު ކުރިއަށްދާ ޓީމް އިވެންޓްގެ ފުރަތަމަ މެޗުގައި އިއްޔެ ކްލަބް އީގަލްސް ބައްދަލުކުރީ، މިދިޔަ އަހަރުގެ ރަނަރަޕް ކަސްޓަމްސް ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ. ވާދަވެރި ކުޅުމަކަށް ފަހު ކަސްޓަމްސް އިން މެޗު ކާމިޔާބު ކުރީ 3-2 ގޭމުންނެވެ. އެ ވަގުތު ކުޅުނު އަނެއް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ އައިލެންޑާސް ހޯޕް ސްޕޯޓްސް ކުލަބާ ވާދަކޮށް ސީދާ ފަސް ގޭމުން މޮޅު ވެފަ އެވެ.

ލީގު އުސޫލުން ކުރިއަށްދާ ޓީމް އިވެންޓްގެ ފުރަތަމަ ދުވަހުގެ ކުޅުން ރޭ ނިމުމު އިރު، އެއް ވަނައިގައި އޮތީ ކަސްޓަމްސް އެވެ. ކަސްޓަމްސް ވަނީ އެޓީމު ކުޅުނު ދެވަނަ މެޗުގައި 3-2 ގޭމުން މާޒިޔާ ބަލި ކޮށްފަ އެވެ.

ފުރަތަމަ މެޗުގައި ނާކާމިޔާބު ވިޔަސް، ދެވަނަ މެޗުގައި އީގަލްސް ވަނީ ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އާ ވާދަކޮށް 3-2 ގޭމުން މެޗުން މޮޅު ވެފަ އެވެ.

ޓީމް އިވެންޓްގައި މިރޭ ދެ މެޗް ކުޅޭނެ އެވެ. ގައުމީ ބިލިއާޑް ސެންޓަރުގައި މިރޭ 9 ޖަހާއިރު، އެއް މެޗުގައި އައިލެންޑާސް ހޯޕް އާއި ޑީއެސްސީ ބައްދަލު ކުރާއިރު، ދެން ކުޅޭ މެޗުގައި ބަައްދަލު ކުރާނީ މާޒިޔާ އާއި އީގަލްސް އެވެ.

ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭނެ އެވެ. އެއްވަނަ އަދި ދެވަނައިގައި ނިންމާ ދެ ޓީމުގެ މެދުގައި ކުޅޭ ފުރަތަމަ ސެމީ އިން މޮޅުވާ ޓީމަކަށް ފައިނަލްގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ބަލިވާ ޓީމެއް ޖެހޭނީ، ތިންވަނަ އަދި ހަތަރުވަނައިގައި ނިންމާ ދެ ޓީމު ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށް ކުޅޭށެވެ.

މި އަހަރުގެ ގައުމީ މުބާރާތުގައި މިހާތަނަށް އަންހެން ސިންގަލްސް އާއި ފިރިހެން އެއް ވަނަ އަދި ދެ ވަނަ ޑިވިޝަން ސިންގަލްސް އިވެންޓްގެ އިތުރުން، ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިވެންޓް ވަނީ ކާމިޔާބު ކަމާ އެކު ނިންމާލައިފަ އެވެ.