އޮކްޓޫބަރު މަހު މީރާ މެދުވެރިކޮށް 1.2 ބިލިއަން ރުފިޔާ ލިބުނު
އޮކްޓޫބަރު މަހު މީރާ މެދުވެރިކޮށް 1.2 ބިލިއަން ރުފިޔާ ލިބުނު

މިދިޔަ މަހު މީރާއިން 1.2 ބިލިއަން ރުފިޔާގެ ފައިސާ ބަލައިގެންފި އެވެ.

އެ އޮތޯރިޓީން އާންމުކުރި އޮކްޓޫބަރު މަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، އެއީ އަންދާޒާ ކުރި އަދަދަށް ވުރެ 28.5 ޕަސެންޓުގެ ކުރިއެރުމެކެވެ.

މީރާ އިން ބުނީ އޮކްޓޯބަރު މަހުގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓީޖީއެސްޓީ އާއި ޓޫރިޒަމްގެ ބިމު ކުއްޔާއި އެއާޕޯޓު ޑިލެލޮޕްމެންޓް ފީ އާއި އެއާޕޯޓު ސާވިސް ޗާޖު އަދި ގްރީން ޓެކްސް ބަލައިގެން މިންވަރު އިތުރުވުމެވެ..

މި އަހަރު ޓޫރިޒަމް ބިމު ކުލި އެހާ ބޮޑަށް އިތުރުވީ ހަތަރު ވަނަ ކުއާޓަރުގެ ކުލި ދައްކަން ޖެހޭ ސުންގަޑި ސަރުކާރު ބަންދު ދުވަހަކާ ދިމާވެ، އޮކްޓޯބަރު މަހަށް ފަސްވުމުންނެވެ.

އެ ސަބަބުތަކާ ހުރެ، މި އަހަރުގެ އޮކްޓޯބަރު މަހުގެ ލިބުނު އާމްދަނީ މި ދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވެސް، 24.6 ޕަސެންޓު ވަނީ އިތުރުވެފަ އެވެ.

އޮކްޓޫބަރު މަހު އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީ އަދި ޓީޖީއެސްޓީގެ ގޮތުގައި 716 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ އޮކްޓޫބަރު މަހު މީރާގެ ޖުމްލަ އާމްދަނީގެ 57 ޕަސެންޓެވެ.

ދެވަނަ އަށް އެންމެ ގިނަ އާމްދަނީގެ ގޮތުގައި އިންކަމް ޓެކްސް އިން 127 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 100 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.