13 ނޮވެމްބަރ 2022 - 11:06

މ. ސެންޑްރޯޒްގެ ހުޅަނގުބައިގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ކާކުކަން ދެނެނުގަނެވުނު މީހާ އަކީ ކާކުކަން މިހާރު ހޯދިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ރާއްޖޭގައި މި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ނުރައްކާތެރި އެއް އަލިފާނުގެ ހާދިސާގައި މިދިޔަ ބުދަ ދުވަހުގެ ރޭ މަރުވި 10 މީހުންގެ ތެރެއިން ހަތް މީހުންނަކީ އިންޑިއާ މީހުން ކަމަށް ކުރިން ފުލުހުން ވަނީ ބުނެފަ އެވެ. ބަންގްލަދޭޝްގެ ދެ މީހަކު ވެސް މަރުވެފައިވާއިރު 10 ވަނަ މީހާ އަކީ ކާކު ކަމެއް ކުރިން ނޭނގެ އެވެ.
އެހެންނަމަވެސް، ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ކާކުކަން ދެނެގަނެވިފައިނުވާ މީހާ އަކީ ކާކުކަން ހޯދާފައިވާ ކަމަށެވެ. އެ މީހާ އަކީ އިންޑިއާގެ ރައްޔިތެއްކަން ހާމަކުރުމުގެ އިތުރުން އެއްވެސް އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.
އަލިފާނުގެ ހާދިސާގައި މަރުވި ބައެއް މީހުންގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހި، ކާކުކަން ދެނެގަންނަން ފުލުހުންނަށް އުނދަގޫވި އެވެ.
އޭގެ އިތުރުން، އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ފޮރިން މިނިސްޓްރީއާއި އެމްބަސީތަކަށް އަންގާފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަރުވި މީހުންގެ ތެރެއިން އެ މީހުންގެ އާއިލާ އިން ހަށިގަނޑު އެ ގައުމަށް ގެންދަން ބޭނުންވާ ނަމަ އެކަން ހަމަޖެއްސުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި އެ ގައުމެއްގެ އެމްބަސީއަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަރުވި މީހުންގެ ތެރޭގައި ކާކުކަން ނޭނގޭ ވަރަށް ފިހުނު މީހަކު ހިމެނޭއިރު، އެ ހާދިސާގައި ކާކުކަން ނޭނގޭ ވަރަށް ފިހިގެން އައިޖީއެމްއެޗްގައި މީހަކަށް ފަރުވާދެމުންދެ އެވެ. އެ ފިރިހެން މީހާގެ ހާލު ސީރިއަސް ކަމަށް ކުރިން ހޮސްޕިޓަލުން ބުނެފައިވެ އެވެ.
އެ އަލިފާނުގެ ހާދިސާ ހިނގީ ސެންޑްރޯޒް ހުޅަނގުބައިގައި ތިރީގައި ހުންނަ ޖަރާޖެއްގައި ރޯވެގެން ކަމަށް ބުނާ ނަަމަވެސް، އެކަން އެ ގަރާޖުގެ ވެރިފަރާތުން ދޮގު ކުރެ އެވެ. އެ ގޭގެ ތިރީގައި ގަރާޖު ހުންނަ އިރު މަތީ ބުރިތަކުގައި ހުންނަނީ ބަންގްލަދޭޝް، ސްރީ ލަންކާ އަދި އިންޑިއާގެ މަސައްކަތްތެރިން ދިރިއުޅެން ހަދާފައި ހުންނަ ތަނެކެވެ.