13 ނޮވެމްބަރ 2022 - 11:47

ލަންޑަން (ނޮވެމްބަރު 13) - ގޯލު ޖެހުމުގައި ރަނގަޅު ފޯމެއްގައި ހުރި ނަމަވެސް، އަންނަ ހަފްތާ ފަށާ ވޯލްޑް ކަޕަށް ނެގި އިންގްލެންޑްގެ ސްކޮޑުން ބާކީވި އައިވާން ޓޮނޭގެ ދެ ގޯލުން ބްރެންޓްފޯޑުން ޗެމްޕިއަން މެންޗެސްޓާ ސިޓީ 2-1 އިން ރޭ ބަލިކޮށްފި އެވެ.

އެއާ އެކު އާސެނަލް އިން ވަނީ 2-0 އިން ވުލްވްސް ބަލިކޮށް ޕްރިމިއާ ލީގުގެ އެއް ވަނައިގައި ލީޑު ފުޅާކޮށްފަ އެވެ.

ސިޓީއާ ދެކޮޅަށް ކުޅުމުގެ ކުރިން ޓޮނޭ ވަނީ ލީގުގައި ބްރެންޓްފޯޑަށް ކުޅެދިން 13 މެޗުން އަށް ގޯލު ޖަހައި، ދެ ގޯލުގައި އެހީތެރި ވެދީފަ އެވެ. އެހެން ނަމަވެސް ކޯޗު ގެރެތު ސައުތުގޭޓާ އެކު ގަތަރަށް ދާ އިނގިރޭސި ގައުމީ ޓީމުން އޭނާ އަށް ޖާގައެއް ނުލިބުނެވެ.

މިދިޔަ އަހަރު ޓޮނޭ އަށް ޖެމައިކާ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބުނު ނަމަވެސް، އޭނާ އެ ފުރުސަތު ދޫކޮށްލީ، އިންގްލެންޑްގެ ޓީމަށް ކުޅުމުގެ އުއްމީދުގަ އެވެ. މިހާތަނަށް އިނގިރޭސި ޖޫނިއާ ގައުމީ ޓީމަކަށް ވެސް ކުޅެފައި ނުވާ އެކަމަކު އެގައުމަށް އުފަން ޓޮނޭ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އިންގްލެންޑް ގައުމީ ޓީމަށް ނަގައިފަ އެވެ. ނަމަވެސް ޖަރުމަނާ ދެކޮޅަށް ނޭޝަންސް ލީގުގައި ކުޅުނު ފަހު މެޗުގައި އޭނާ އިނީ ކުޅެން ފުރުސަތު ނުލިބި ބެންޗުގަ އެވެ.

ރޭގެ މެޗުގެ ކުރިން އެންމެ ފަހުން ލީގުގައި ބްރެންޓްފޯޑް ކުޅުނު މެޗުގައި ޓޮނޭ ނުހިމެނުނީ ރީނދޫ ކާޑު ހަމަވެގެންނެވެ. ނަމަވެސް އެނބުރި އައިސް އޭނާ ވަނީ މެޗުގެ 16 ވަނަ މިނިޓުގައި ސިޓީ ކޮޅަށް ލަނޑު ޖަހައި ބްރެންޓްފޯޑަށް ލީޑު ނަގައިދީފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ފިލް ފޮޑެން ވަނީ ސިޓީ އަށް ގޯލެއް ޖަހައިދީ ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
ބްރެންޓްފޯޑް މޮޅު ކޮށްދިން ލަނޑު ޓޮނޭ ޖަހައިދިނީ މެޗުގެ އިތުރު ވަގުތުގެ އަށް ވަނަ މިނިޓުގައި ޖޯޝް ޑަސިލްވާ ތަނަވަސްކުރި ފުރުސަތެއްގަ އެވެ. އޭގެ އިރުކޮޅެއް ކުރިން ވެސް ޓޮނޭ އަށް ވަނީ އަލުން ލީޑު ނަގަން ފުރުސަތު ލިބިފަ އެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ކީޕަރު އެޑަސަން މޯރެސް އޭނާގެ ފައިން ދިފާއު ކުރި އެވެ.
މި ނަތީޖާއާ އެކު ސިޓީ މި ވަނީ 20 މެޗަށް ފަހު ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ބަލި ވެފަ އެވެ. އެންމެ ފަހުން އަމިއްލަ ދަނޑުގައި ބަލިވީ މި އަހަރުގެ ފެބްރުއަރީ މަހު ޓޮޓެންހަމް ހޮޓްސްޕާ އަތުންނެވެ. އަދި މިއީ ބްރެންޓްފޯޑް މި ސީޒަންގައި ރަށޫން ބޭރުގައި މޮޅުވި ފުރަތަމަ މެޗެވެ.
ބްރެންޓްފޯޑް ވަނީ މި މޮޅާ އެކު 19 ޕޮއިންޓް ހަމަކޮށް ޓޭބަލްގެ 10 ވަނައަށް ޖެހިލައިފަ އެވެ. ސީޒަންގެ ދެ ވަނަ ބައްޔާ އެކު މެންޗެސްޓާ ސިޓީ އަށް އެއްވަނައިގައި އޮތް އާސެނަލް އާ އޮތް ފަރަގު ވަނީ ފަސް ޕޮއިންޓަށް ބޮޑު ވެފަ އެވެ. ސިޓީ އަށް 14 މެޗުން 32 ޕޮއިންޓް ލިބިފައި ވާއިރު، އާސެނަލް އެއް ވަނައިގައި އޮތީ 37 ޕޮއިންޓް ހަމަކޮށްގެންނެވެ.
އާސެނަލް އިން ވުލްވްސް ބަލިކުރަން ޖެހި ދެ ގޯލު ވެސް، މެޗުގެ ދެ ވަނަ ހާފުގައި ޖަހައިދިނީ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. މިއާ އެކު 15 މެޗުން 10 ޕޮއިންޓް ލިބިފައިވާ ވުލްވްސް އޮތީ ލީގުގެ ފުލުގަ އެވެ.
މެންޗެސްޓާ ސިޓީގެ ފަހަތުގައި ލީގުގެ ތިންވަނައިގައި އޮތީ 15 މެޗުން 30 ޕޮއިންޓް ހޯދާފައިވާ ނިއުކާސަލް ޔުނައިޓެޑެވެ. ނިއުކާސަލް ވަނީ ރޭ އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބު ކޮށްފަ އެވެ.
މިއާ އެކު ޗެލްސީ ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ، ލީގުގެ އަށް ވަނައަށް ވެއްޓިފަ އެވެ. އަދި މިއީ މި ސީޒަންގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ޗެލްސީ ބަލިވި ހަތަރު ވަނަ މެޗެވެ. ރޭގެ ކުރިން ޗެލްސީ ވަނީ ސިޓީ އަތުން ބަލިވެ ލީގު ކަޕުން ވެސް ކަޓައިފަ އެވެ.
ނިއުކާސަލް އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު 67 ވަނަ މިނިޓުގައި މިގޭލް އަލްމިރޯންގެ މޮޅު ހުނަރާ އެކު ލިބުނު ފުރުސަތުގައި ޖަހައިދިނީ ޖޯ ވިލޮކް އެވެ.
ނިއުކާސަލް އަށް ވުރެ ޕޮއިންޓެއް މަދުކޮށް، ހަތަރު ވަނައިގައި އޮތީ ޓޮޓެންހަމެވެ. ޓޮޓެންހަމް ވަނީ 4-3 އިން އަމިއްލަ ދަނޑުގައި ރޭ ލީޑްސް ޔުނައިޓެޑް ބަލި ކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމުނު އިރު ލީޑުގައި އޮތީ ލީޑްސް އެވެ. ކްރައިސެންސިއޯ ސަމާވިލް މެޗުގެ 10 ވަނަ މިނިޓުގައި އެޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް 25 ވަނަ މިނިޓުގައި ހެރީ ކޭން ނަތީޖާ އެއްވަރު ކޮށްދިނެވެ. އެކަމަކު ރޮޑްރިގޯ މޮރޭނޯ ވަނީ ހާފް ނިމުމުގެ ކުރިން ލީޑްސް އަށް އަލުން ލީޑް ހޯދައިދީފަ އެވެ.
ދެ ވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ޓޮޓެންހަމުން އަނެއްކާ ވެސް ނަތީޖާ އެއްވަރު ކުރި އެވެ. މި ހާފުގައި އެއްވަރު ކުރަން އެޓީމަށް ލަނޑު ޖަހައިދިނީ ޑިފެންޑަރު ބެން ޑޭވިސް އެވެ. ލީޑްސް އިން ތިން ވަނަ ފަހަރަށް ލީޑު ހޯދި ލަނޑު ވެސް ޖެހީ ރޮޑްރިގޯ އެވެ.
ޓޮޓެންހަމް މޮޅުވީ މެޗުގެ އިތުރު ވަގުތު ހަމަވާން 10 ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ރޮޑްރިގޯ ބެންޓެންކޫ ޖަހައިދިން ދެ ގޯލުންނެވެ. އެއްވަރު ކޮށްދިން ލަނޑު 81 ވަނަ މިނިޓުގައި ޖަހައިދިން އިރު، އޭގެ ދެ މިނިޓު ފަހުން ޑިޔާން ކުލުސެވްސްކީ ނަގައިދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން ބެންޓެންކޫ ވަނީ މި ސީޒަންގައި އޭނާގެ ހަތް ވަނަ ގޯލު ކާމިޔާބު ކޮށްފަ އެވެ.
މެޗުގައި ލީޑްސްގެ ޓައިލާ އެޑަމްސް އަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ. ނަމަވެސް އެއީ މެޗުގައި ފެނުނު ހަތް ގޯލަށް ފަހު، 87 ވަނަ މިނިޓުގަ އެވެ.
ލިވަޕޫލް ވަނީ ރޭ އަމިއްލަ ދަނޑުގައި 3-1 އިން ސައުތެމްޓަން ބަލިކޮށް، 14 މެޗުން 22 ޕޮއިންޓް ހޯދައި، ލީގުގެ ހަ ވަނައަށް ކުރިއަށް ޖެހިލައިފަ އެވެ.
މެޗުގެ ހަ ވަނަ މިނިޓުގައި ރޮބާޓޯ ފިރްމީނޯ ލިވަޕޫލަށް ގޯލު ޖަހައިދިން ނަމަވެސް، އޭގެ ތިން މިނިޓު ފަހުން ޗޭ އެޑަމްސް ސައުތެމްޓަން އަށް އެއްވަރު ކޮށްދިނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުގެ ކުރިން ލިވަޕޫލްގެ ދެ ގޯލު ވެސް ޖަހައިދިނީ ޑާވިން ނޫނޭޒް އެވެ.
ޕްރިމިއާ ލީގުގައި ރޭ ބޯންމަތުން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން އެވަޓަން ބަލި ކޮށްފަ އެވެ. އަދި ލެސްޓާ ސިޓީ އިން ރަށުން ބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑް ބަލިކުރީ 2-0 އިންނެވެ.