ރާއްޖޭން އަންނަ މަހު މެލޭޝިއާ އާއި ސިންގަޕޫރާ ވާދަކުރާނެ
ރާއްޖޭން އަންނަ މަހު މެލޭޝިއާ އާއި ސިންގަޕޫރާ ވާދަކުރާނެ

ގައުމީ ފުޓްބޯޅަ ޓީމުން އަންނަ މަހު މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ދެ މެޗު ވެސް އޮންނާނީ ސިންގަޕޫރުގެ ޖަލަން ބެސަރް ސްޓޭޑިއަމުގަ އެވެ.

ޑިސެމްބަރު 14 ވަނަ ދުވަހު މެލޭޝިއާއާ ދެކޮޅަށް ކުޅުމަށް ފަހު ސިންގަޕޫރާ ދެކޮޅަށް ނުކުންނާނީ އެ މަހުގެ 17 ވަނަ ދުވަހު އެވެ.

މި މެޗުތަކަށް ގައުމީ ޓީމުގެ ސްކޮޑް އިއުލާންކުރާނެ ތާރީހަކާއި ޕްރެކްޓިސް ފަށާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

އެނގިފައިވާ ގޮތުގައި އެފްއޭއެމުން އަންނަނީ އަންނަ ހަފުތާގައި ޕްރެކްޓިސް ފެށޭތޯ މަސައްކަތްކުރަމުންނެވެ.

މިއީ ރާއްޖޭގެ ކްލަބް ފުޓްބޯޅައިގެ އޮފް ސީޒަން ކަމުން މިވަގުތު ކުޅުންތެރިން ތިބީ ޗުއްޓީގަ އެވެ.

ރާއްޖޭން ވަނީ މިހާތަނަށް މެލޭޝިއާއާ ދެކޮޅަށް ހަތަރު މެޗު ކުޅެފަ އެވެ. އެ ހަތަރު މެޗުން ވެސް ރާއްޖެ ބަލިވީ އެވެ. އެގޮތުން 2000 ވަނަ އަހަރު ބައިނަލްއަގްވާމީ އެކުވެރިކަމުގެ ދެ މެޗެއްގައި ރާއްޖެ ވަނީ 2-0 އިން އަދި 3-0 އިން ބަލިވެފަ އެވެ. އޭގެ ދެ އަހަރު ފަހުން އޭޝިއަން ގޭމްސްގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު މެލޭޝިއާ އަތުން ބަލިވީ 3-1 އިންނެވެ. މި ދެ ޓީމު 2018 ވަނަ އަހަރު ކުޅުނު މެޗު މެލޭޝިއާ ކާމިޔާބުކުރީ 3-0 އިންނެވެ.

ރާއްޖޭން ސިންގަޕޫރާ ދެކޮޅަށް ހަ މެޗު ކުޅުނުއިރު އެ ހަ މެޗުން ވަނީ ވަނީ ބަލިވެފަ އެވެ. އޭޝިއަން ކަޕް ކޮލިފައިންގައި 1996 ގައި 2-0 އިން އަދި 5-2 އިން ބަލިވީ އެވެ. އޭގެ ފަހުން 2002 ގައި 2-0 އިން، 2003 ގައި 4-1 އިން ބަލިވީ އެވެ. އަދި 2011 ގައި 4-0 އިން ބަލިވިއިރު 2018 ގައި ބަލިވީ 3-2 އިންނެވެ.

އެކަމަކު ކްލަބް ލެވެލްގައި ރާއްޖޭގެ ޓީމުތަކުން ވަނީ މެލޭޝިއާ އާއި ސިންގަޕޫރު ޓީމުތަކުގެ މައްޗަށް ކުރި ހޯދައިފަ އެވެ.

އިޓަލީގެ ރޮބާޓޯ މޮރިއޭރޯ ކޯޗުކޮށްދޭ ރާއްޖޭގެ ގައުމީ ޓީމު އެންމެ ފަހުން މެޗުތަކެއް ކުޅުނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ބުރުނާއީގައި ރާއްޖޭން ވަނީ އެ ގައުމު އަތުން 3-0 އިން އަދި ލާއޯސް އަތުން 3-1 އިން މޮޅުވެފަ އެވެ.

ގައުމީ ޓީމަށް މި އަހަރު މުބާރާތެއް ނެތެވެ. އެކަމަކު އަންނަ އަހަރު މުހިއްމު މުބާރާތްތަކެއް އޮންނާނެ އެވެ.

އެގޮތުން އަންނަ އަހަރުގެ އޮކްޓޫބަރު މަހު، 2027 ގެ އޭޝިއަން ކަޕް ކޮލިފައިން ކެމްޕެއިން ރާއްޖޭން ފަށާނެ އެވެ. ފުރަތަމަ ލެގު އޮކްޓޫބަރު 12 ގައި ކުޅުމަށް ފަހު ދެ ވަނަ ލެގު އޮންނާނީ އެ މަހުގެ 17 ގަ އެވެ. ގްރޫޕް ސްޓޭޖުގެ ގޮތުގައި ކުރިއަށްދާ ދެ ވަނަ ބުރަށް ކޮލިފައިވެއްޖެ ނަމަ އެ މެޗުތައް ނޮވެމްބަރު 16 އިން 2024 ގެ ޖޫން 11 އާ ހަމައަށް ކުރިއަށްދާނެ އެވެ.

އަންނަ އަހަރު ސާފް ޗެމްޕިއަންޝިޕް ވެސް އޮންނާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މުބާރާތް އޮންނާނީ ކުރިއާ ހިލާފަށް ހޯމް އެންޑް އަވޭ އުސޫލުންނެވެ.