12 ނޮވެމްބަރ 2022 - 15:34

ގދ. ވާދޫ ކައިރިއަށް މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި މީހަކު ގެއްލިގެން މިއަދު ހޯދަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ވާދޫ ކުޑަ ކަނޑާ ދިމާލުން 12 މޭލު ބޭރުން މުދާ އުފުލާ ދޯނި ބަންޑުން ޖަހާލައިގެން މެންދުރު ފަހު 1:25 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އަތޮޅު ފަރެސްމާތޮޑާއިން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް "ލިއޯ ސަކްސަސް" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލިއިރު އޭގައި ހަތަރު މީހުން ތިއްބެވެ. ތިން މީހުން ސަލާމަތްކުރީ ވާދޫ ސީވީޑް ނަމަކަށް ކިޔާ ދޯނިން ކަމަށް ފުލުހުން ބުންޏެވެ.
ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ އެ ބޯޓުގެ ބެޓެރީ ފެއިލްވެ، ދިޔަވުމުގެ ސަބަބުންނެވެ.