11 ޖެނުއަރީ 2017 - 10:31

ސީރިޔާގައި ރަޝިޔާ ސިފައިން ހިންގާ އަސްކަރީ ހަރަކާތްތައް މަދުކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށް، ރަޝިޔާގެ އަސްކަރީ ހަރަކާތްތައް ސީރިޔާގައި އަނެއްކާ ވަރުގަދަ ކުރަން ފަށައިފި އެވެ.

އެ ގޮތުން އަސްކަރީ އިތުރު ސާމާނު ހިފައިގެން އައި ރަޝިޔާގެ މުދާ އުފުލާ މަނަވަރުތަކެއް އިއްޔެ ވަނީ ސީރިޔާ ކައިރިން ފެނިފަ އެވެ. ނަމަވެސް ސީރިޔާ ހަނގުރާމައިގައި ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް މަދަދު ފޯރުވުމަށް ގޮސް އޮތް، ރަޝިޔާގެ މަތިންދާބޯޓު އުފުލާ މަނަވަރު އެނބުރި ގައުމަށް އައުމަށް ރަޝިޔާ އިން މިހާރު ވަނީ އަންގައިފަ އެވެ.

މެޑިޓެރޭނިއަން ކަނޑުގެ އުތުރުގައި މަޑުކޮށްގެން އޮތް ނަމަވެސް މި މަނަވަރު ސީރިޔާ ހަނގުރާމައިގައި އަސްކަރީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އެއީ ރަޝިޔާގެ ބާރު ދެއްކުމަށްޓަކައި ކުރި ކަމެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
މިދިޔަ ހުކުރު ދުވަހު ރަޝިޔާ އިން ބުނި ގޮތުގައި ސީރިޔާގައި ހަރަކާތްތެރިވަމުންދާ ރަޝިޔާ ސިފައިން މަދުކުރުމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް އިތުރު ސިފައިންނާއި އަސްކަރީ ސާމާނުތައް ސީރިޔާ އަށް އަލުން މި ގެންދަން ފެށީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ނޭނގެ އެވެ.
އޭގެ އިތުރުން ރަޝިޔާގެ އެންމެ ޒަމާނީ ފައިޓަރު ބޯޓުތައް ވެސް މިދިޔަ ހޯމަ ދުވަހު ވަނީ ސީރިޔާގެ ލަތާކިއާ އަސްކަރީ މަރުކަޒަށް ގެންގޮސްފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސުކޯއީ-25 މަރުކާގެ ހަތަރު ފައިޓާ ޖެޓާއި އައިއެލް-78 މަރުކާގެ ހަތަރު ޓޭންކަރު ވަނީ ލަތާކިއާ އަށް ގެންގޮސްފަ އެވެ.
ފައިޓާ ޖެޓްތަކާއި މަނަވަރުގައި ގެނައި ސާމާނުގެ އިތުރުން ބެލިސްޓިކް މިސައިލްތަކެއް ވެސް މިހާރު ވަނީ ސީރިޔާގައި ރަޝިޔާ ސިފައިން ގާއިމުވެ ތިބޭ ލަތާކިއާ އަސްކަރީ މަރުކަޒަށް ގެންގޮސްފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ރަޝިޔާ ސިފައިން ސީރިޔާގައި ފާޅުކަން ބޮޑު ގޮތެއްގައި ހަރަކާތްތެރިވާން ފެށީ ސެޕްޓެމްބަރު 2015 އިން ފެށިގެންނެވެ.