ސިޔާސީ ހަމަޖެހުމާއި އިންސާފަށް މަގުފަހި ކޮށްދީފިން: ރައީސް
ސިޔާސީ ހަމަޖެހުމާއި އިންސާފަށް މަގުފަހި ކޮށްދީފިން: ރައީސް

ސިޔާސީ ހިޔާލު ތަފާތުވުން އެއްފަރާތްކޮށް އަދުލް އިންސާފަށް ވާސިލްވެވޭނެ މަގު މި ސަރުކާރުން ތަނަވަސް ކޮށްދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން ރައްޔިތުން ބޭނުންވީ އިންސާފުގެ މަގަށް ވެރިކަން ހިންގުން ރުޖޫއަ ކުރުމާއި ޖަވާބުދާރީ ކުރުވާ ފަދަ ގާނޫނުއަސާސީގެ ތަރަޙައިގެ މައްޗަށް ދައުލަތް ބިނާވުން ކަމަށެވެ.

އެކަންކަން ހައްލު ކުރުމަށް ވައުދުވެ މި ސަރުކާރަށް، ދައުލަތް ހިންގުމުގެ އަސާސްތައް ގާނޫނުއަސާސީގެ ތަރަހައިގެ ތެރެއަށް ގެނެވިއްޖެ ކަމަށާއި ޑިމޮކްރެޓިކް ވެއްޓެއްގައި އެ ބައެއްގެ ދައުރު އަދާކުރާނެ ޖާގަ ހޯދައިދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދުލު އިންސާފާ މެދު ގެއްލިފައި އޮތް އިތުބާރު އިއާދަ ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ބަދަލު ކޮށްފައިވާ ކަމަށާއި ސުޕްރީމް ކޯޓަށް ވެސް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ފުރުސަތު ތަނަވަސްކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އޯގާތެރިކަމާއެކު ހަމަ މަގުން ދައުލަތެއް ހިންގާނެ ހުރިހާ ހަމަތައް އެންމެ ހަތަރު އަހަރުން ފުރިހަމަ ވެ ނިމޭނެ ކަމަށް ބަލައިގެން ނުވާނެ. އެނގި ހާމަވެ ސާފުވި އެންމެ ބޮޑު ހަގީގަތަކީ އިންސާފުގެ މަގަށް ރާއްޖެ ރުޖޫއަ ކުރެވޭނެ ކަމުގެ އުންމީދު މި ހަތަރު އަހަރުން އިންތިހާ އަށް ބޮޑުވެފައިވާކަން،" ރައީސް ވިދާޅުވި އެވެ.

ސިޔާސީ ފިކުރާއި ވިސްނުން ބައްޓަން ކުރާ ގޮތުން އެ މީހަކާ މެދު އަމަލު ކުރާ ގޮތް ތަފާތުވުމަކީ ވެސް މީގެ ކުރިން ރައްޔިތުންގެ ތެރޭގައި އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް އެ ތަފާތު ކުރުން މާޒީވެފައިވާ ކަމަށާއި ސިޔާސީ ކުލައެއް ތަފާތު ނުކޮށް ހަމަހަމަ ކަމާއެކު ރަށްތަކުގެ ރައްޔިތުންނަށް މިހާރު ހިދުމަތް ލިބޭނެ ކަމަށް ރައީސް ވެސް ވިދާޅުވި އެވެ.

"ކުރިއާ އަޅާ ބަލާނަމަ މިހާރު އެތައް ގުނައަކުން ރާއްޖެ އަމާން ކުރެވިއްޖެ. އެ އިހުސާސް މުޖުތަމައުގާ މިހާރު އެބަހިނގާ، ޒަމާންތަކަކަށް ފަހު ސިޔާސީ ހަމަޖެހުން ރާއްޖެ އަށް ގެނެވޭ ކަމުގެ ހިތްހަމަޖެހުން މިއަދު އެބަ ލިބޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމު ވާސިލްވެފައިވާ ހުރިހާ ކާމިޔާބީއެއްގެ ސިއްރަކީ މިހާރު އޮތް ހަމަޖެހުން ކަމަށެވެ. އެންމެން އެކުގައި އެއް އަމާޒަށް ދިޔުމަށް މަސައްކަތް ކޮށްފި ނަމަ ހުރަސްތައް ހުރަސްތައް ގިރާކުރެވި، މާ އުފާވެރި ފާގަތި މާދަމާއެއް ހޯދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.