ފުރަތަމަ ލެގުން މޮޅުވެ ޔުނައިޓެޑް ފައިނަލާ ގާތަށް
ފުރަތަމަ ލެގުން މޮޅުވެ ޔުނައިޓެޑް ފައިނަލާ ގާތަށް

މެންޗެސްޓާ (ޖެނުއަރީ 11) - އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި 2-0 އިން ހަލް ސިޓީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

ރޭގެ މެޗުގައި ޔުނައިޓެޑްގެ އެންމެ ކުރިޔަށް ކުޅުނީ ޒަލަޓަން އިބްރަހިމޮވިޗްގެ ބަދަލުގައި ޒުވާން ފޯވާޑް މާކަސް ރަޝްފޯޑް އެވެ. ޔުނައިޓެޑްގެ ދެ ލަނޑު ވެސް އެ ޓީމުން ކާމިޔާބު ކުރީ މެޗުގެ ދެ ވަނަ ހާފްގަ އެވެ.

ދެ ވަނަ ހާފް ފެށިގެން 11 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ޖެހީ ސްޕެއިންގެ މިޑްފީލްޑަރު ހުއާން މަޓާ އެވެ. މަޓާ މި ލަނޑު ޖެހީ އެންޓޯނިއޯ ވެލެންސިއާ ނަގައިދިން ހުރަހަކުން ހެންރިކް މިކިތާރްޔަން ބޮލުން ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި މަރުއާން ފެލައިނީ ޔުނައިޓެޑްގެ ދެ ވަނަ ލަނޑު ޖެހީ މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓަ އެވެ. އޭނާ މި ލަނޑު ޖެހީ މަޓެއޯ ޑާމިން ނަގައިދިން ހުރަހަކުން ބޮލުންނެވެ.

ހަލް ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގު އޮންނާނީ މި މަހު 26 ވަނަ ދުވަހު އެވެ. ރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ދެ ލަނޑުގެ ލީޑެއް ލިބުމަކީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"އަހަރެމެންނަށް އަދި ވެމްބްލީ އަށް ނުދެވޭ (ފައިނަލުގެ ޖާގަ ނުލިބޭ). އެކަމަކު ދެ ވަނަ ލަނޑަކީ ވަރަށް މުހިއްމު ލަނޑެއް. އެއީ އެ ލަނޑުން އެޑްވާންޓޭޖެއް ލިބޭތީ،" މޮރީނިއޯ ބުންޏެވެ.

"އަހަރެން އުއްމީދުކުރީ ވެސް އުނދަގޫ މެޗެއް. ފަސް ލަނޑު ނޫނީ ހަ ލަނޑު ޖަހަން އުއްމީދެއް ނުކުރަން."

ހަލް ސިޓިގެ ކޯޗު މާކޯ ސިލްވާ ބުނީ އޭނާގެ ޓީމުން މެޗު ފަށައިގެން ރަނގަޅަށް ކުޅުނު ކަމަށާއި ފުރަތަމަ ލަނޑާ އެކު ޓީމުގެ ހިތްވަރު އެލުމުން އަލުން ފަށައިގަންނަން އުނދަގޫވީ ކަމަށެވެ.