11 ނޮވެމްބަރ 2022 - 13:21

ސަން ސިޔާމް ކ. އޮޅުވެލީގަައި އާ ރިސޯޓެއް ހުޅުވައިފި އެވެ.

މި މަހު އެކެއްގައި ހުޅުވި އެ ރިސޯޓުގެ ނަމަކީ "ޓުއި ބްލޫ އޮޅުވެލި ރޮމޭންސް އައިލެންޑް" އެވެ.
އޮޅުވެލީގައި މިހާރު އޮންނަ ދެ ރިސޯޓު ވެސް ހިންގަނީ ސަން ސިޔާމް ކުންފުނިންނެވެ.
އަލަށް ހުޅުވި ރިސޯޓާއި، ސަން ސިޔާމްގެ ކުރީގެ ދެ ރިސޯޓު އޮންނަނީ ބްރިޖަކުން ގުޅާލައިފަ އެވެ. އެ ރިސޯޓު މެނޭޖުކޮށް ހިންގާނީ ސަން ސިޔާމް އޮޅުވެލީގެ ޓީމާއި ޖަރުމަނުގެ "ޓުއި" ކުންފުނީގެ "ޓުއި ބްލޫ ފޮ ޓޫ" ބްރޭންޑާ ގުޅިގެންނެވެ.
އާ ރިސޯޓުގައި ބީޗް ވިލާގެ އިތުރުން ޕްރައިވެޓް ޕޫލް ހުންނަ ވިލާތަކާއެކު 111 ވިލާ ހުރެ އެވެ.
ތިން ރަށަކަށް ބެހިފައި އޮންނަ އޮޅުވެއްޔަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ލޯންޗުގައި 45 މިނިޓުން ދެވޭނެ އެވެ.