11 ނޮވެމްބަރ 2022 - 09:06

މިހާރު ކުރިއަށްދާ "ލިޓަސް ގައުމީ ބިލިއާޑް މުބާރާތް 2022" ގެ މިކްސްޑް ޑަބަލްސް އިވެންޓްގެ ސެމީ ފައިނަލްގައި ފަޔާޒްގެ ދެބެންގެ ޕެއާ ކުއިމަތިލާން ޖެހިއްޖެ އެވެ.

އަލީ ފަޔާޒް އާއި ދީނާ އަހުމަދުގެ ޕެއާ އަކީ މިދިޔަ އަހަރު ބޭއްވި އެންމެ ފުރަތަމަ ގައުމީ ބިލިއާޑް މުބާރާތުގެ މިކްސްޑް ޑަބަލްސް ޗެމްޕިއަނެވެ. ސެމީ ފައިނަލް ގައި މިއަދު މި ޕެއާ ބައްދަލުކުރާނީ ހުސެއިން ފަޔާޒް އާއި އާމިނަތު ފާތީގެ ޕެއާ އެވެ. މޮޅުވާ ޕެއާ އަކަށް ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީން ވާނެ އެވެ.
އަލީ ފަޔާޒްގެ ކޮއްކޮ، ހުސެއިން ފަޔާޒަކީ، މިދިޔަ އަހަރުގެ ފިރިހެން ސިންގަލްސް ޗެމްޕިއަނެވެ. މި އަހަރު އޭނާ ނިންމާލީ ތިން ވަނައިގަ އެވެ. ބުދަ ދުވަހުގެ ރޭ ނިމުމު ޑަބަލްސް އިވެންތުގައި ވެސް މި ދެ ކުޅުންތެރިން ވާދަކުރީ ދެ ޕެއާއެއްގަ އެވެ. ދެ ކުޅުންތެރިންގެ ޕެއާ، ސެމީ ފައިނަލް ޕްލޭއޮފް ގައި ވާދަ ކުރި އިރު، ކާމިޔާބު ކުރީ ހުސެއިން ފަޔާޒްގެ ޕެއާ އެވެ. ހުސެއިން ފަޔާޒް އާއި ޝަޒީން އަބްދުއް ސަމަދުގެ ޕެއާ ވަނީ ޑަބަލްސް އިވެންޓްގެ ތިންވަނަ ހޯދައިފަ އެވެ.
ހުސެއިން ފަޔާޒާއި ފާތީގެ ޕެއާ މި އަހަރުގެ ސެމީ ފައިނަލަށް ދަތުރު ކުރީ ހަސަން ޝާޒް މުހައްމަދާއި އާމިނަތު އަޒްރާގެ ޕެއާއާ ދެކޮޅަށް ވަރުގަދަ ވާދައެއް ކޮށް، 5-4 ފްރޭމުން މެޗު ކާމިޔާބު ކޮށްގެންނެވެ. އޭގެ ކުރިން ފުރަތަމަ މެޗުގައި ފަތުހުﷲ ޖަމީލާއި އާމިނަތު އަޒީމާގެ ޕެއާ ވެސް ބަލިކުރީ 5-4 ފްރޭމުންނެވެ.
އަލީ ފަޔާޒާއި ފާތީ ވަނީ ފުރަތަމަ މެޗުގައި 5-2 ފްރޭމުން މުހައްމަދު ސާހިލް އަހުމަދާއި ފަޒްނާ މޫސާގެ ޕެއާ ބަލި ކޮށްފަ އެވެ. އަދި ސެމީ އަށް ދަތުރު ކުރީ އަހުސަމް ހާޝިމް އާއި އާއިޝަތު އަލީގެ ޕެއާ 5-3 ފްރޭމުން ބަލި ކޮށްފަ އެވެ.
ގައުމީ ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ މި މުބާރާތުގެ މިކްސްޑް ޑަބަލްސް އިވެންޓްގެ، ވިނާސް ބްރެކެޓްގެ ސެމީ ފައިނަލް ގައި މި ދެ ޕެއާ ވާދަކުރާ މެޗް ފަށާނީ މިއަދު މެންދުރު 3 ޖަހާއިރެވެ. ހަމަ އެ ވަގުތު ލޫޒާސް ބްރެކެޓްގެ ސެމީ ފައިނަލް ޕްލޭއޮފް ވެސް ކުޅޭނެ އެވެ. ބައްދަލު ކުރާނީ ޝާޒް އާއި އަޒްރާގެ ޕެއާ އަދި އަހުސަން އާއި އާއިޝަތުގެ ޕެއާ އެވެ. މޮޅުވާ ޕެއާ އަކަށް ލޫޒާސް ބްރެކެޓްގެ ސެމީ އިން ޖާގަ ލިބޭނެ އެވެ.
ޖުމްލަ 10 ޕެއާ އާއެކު ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށް ގެންދާ މުބާރާތުގެ ލޫޒާސް ބްރެކެޓްގެ ސެމީ ފައިނަލް ގައި ދެން ވާދަ ކުރާނީ، ވިނާޒް ބްރެކެޓްގެ ސެމީ ފައިނަލުން ބަލިވާ ޓީމެކެވެ. މި މެޗް ފަށަން ހަމަޖެހިފައި ވަނީ އިރު އޮއްސި 6:30 ގަ އެވެ.
މިކްސްޑް ޑަބަލްސް ފައިނަލް މެޗު އޮންނާނީ މިރޭ 10 ޖަހާއިރެވެ.