10 ނޮވެމްބަރ 2022 - 21:39

ހ. ކަޅުހުރާ މަގުގައި ހުންނަ ފަޅު ގެއެއްގައި ދެންމެ އަލިފާން ރޯވެއްޖެ އެވެ.
ހ. ސާޒް ގޭގައި ރޯވިތާ އިރުކޮޅެއްގެ ތެރޭގައި ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައި، އިރުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފަ އެވެ.
އެ ގެ ކައިރީގެ ބައެއް ގެތަކުން މީހުން ވެސް ހުސްކުރި އެވެ.
އެމްއެންޑީއެފުން ބުނީ ރޯވީ ސާޒް ގޭގައި ހުރި ކުނިތަކެއްގައި ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 9:23 ގައި ކަމަށާއި އަލިފާންގަނޑު ނިއްވާލެވުނީ 9:42 ގައި ކަމަށް ސިފައިން ބުންޏެވެ.
އެ ގޭގައި މީގެ ކުރިން ވެސް ކުޑަކޮށް ރޯވި އެވެ.
އެ ސަރަހައްދުގައި އުޅޭ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެ ގޭގައި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ޖަރީމާތައް ދޭތެރެދޭތެރެއިން ހިންގަ އެވެ.
"ކޮންމެ ފަހަރަކު ފުލުހުން އައިސްފައި ބުނަނީ އެއީ އާންމު މީހެއްގެ ތަނެއް ވީމާ ކުރެވޭނެ ކަމެއް ނެތޭ. ޑްރަގް އައްޑާއެއްގެ ގޮތަށް އަހަރެމެން ބަލާ ތަނެއް އެއީ،" ނިސްރީނުވިލާ ކައިރީގައި ދިރިއުޅޭ މީހަކު ބުންޏެވެ.
އެއް ބުރިއަށް ހަދާފައި ހުންނަ ސާޖުގެގޭ ފުރާޅު ނަގައި، ރޫޅާލީ ވެސް އެ މީހުންގެ އުނދަގޫ ބޮޑުވެގެން ކަމަށް ވެ އެވެ. ފުރާޅު ނެގީ ގޭގެ ވެރިފަރާތުންނެވެ.