10 ނޮވެމްބަރ 2022 - 16:20

ރިސޯޓެއްގައި ހުރެފައި އޭނާ މާލެ އައީ ދުވަސްކޮޅަކަށެވެ؛ މާލޭގައި އޭނާ އާންމުކޮށް ހުންނަ މ. ސެންޑްރޯޒްގެ ހުޅަނގުބައިގައި ހަދާފައި ހުރި ލޭބާ ކުއާޓާގައި، އެ ޒުވާނާ ރޭ ނިދަން އޮއްވާ ކުއްލިއަކަށް އިވުނީ ހަޅޭކުގެ އަޑެވެ. އެއީ ދަންވަރު 12:30 ހާއިރެވެ.

"ކީއެއްޗެއް ވެސް ހަނދާނެއް ނެތް. އަހަރެން ވެސް ތެދުވީ. މުޅި އެޕާޓްމަންޓް ތެރޭގައި އޮތީ ހުސް ދުން،" ނަން ހާމަނުކުރަން ނޭދި، އޭނާ ބުންޏެވެ.

ގަލޮޅު މޯޗަރީ ކައިރީގައި ހުރެ، "މިހާރު" އާ ވާހަކަ ދައްކަމުން، އިންޑިއާ އަށް އުފަން އެ ޒުވާނާ ބުނީ ބާރުގަދަ އަޑަކާ އެކު އަލިފާން ރޯވި ވާހަކައާ އެކު، ހަމަކުޑައިރުކޮޅެއްގެ ތެރޭގައި އެތާނގެ ތެރޭގައި ދުންބޯވެއްޖެ ކަމަށެވެ. އެކި މީހުން ހަޅޭއްލަވައި ހަދާނެ ގޮތެއް ނެތި ތިއްބާ އަލިފާންގަނޑު މަޑުމަޑުން ވަންނަން ފެށި ކަމަށް އޭނާ ބުންޏެވެ.
"ލޮލަށް މީހަކު ވެސް ނުފެންނަހާ ވަރަށް ދުންބޯވެއްޖެ. ދޮރު ހުރީ ކޮން ތަނެއްގައި ކަން ވެސް ނޭނގި ދުވެދުވެތިބީ،" އޭނާ ބުންޏެވެ.
"އަލިފާންގަނޑާ އެކު އެންމެން ރޯން ފަށައިފި. އަނެއް ބަޔަކު ހަޅޭއްލަވަނީ. އަހަރެން ވެސް އެހެން މީހުންނެކޭ އެއްގޮތަށް ނުކުންނަން ދުއްވައިގަތީ. ދެން ވީގޮތެއް އަހަރެން ހަނދާނެއް ނެތް. އެތަނުން ނުކުމެވިފައި ހުރެވުނީ،" އޭނާ ކިޔައިދިނެވެ.
އޭނާ އަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނެތެވެ.
އެކަމަކު އޭނާ އަށް ވަނީ ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފަ އެވެ. އޭނާ ބުނާ ގޮތުން، ރޭ ދިމާވި ކަންތަކުން އޭނާ އަށް ވަރަށް ބޮޑަށް އަސަރުކޮށްފި އެވެ.
"އަހަރެންގެ ދެބޭންގެ ދެދަރި މީހަކު ވެސް ގެއްލިގެން މިއުޅެނީ."
ރެއިން ފެށިގެން ބަނޑަށް އެއްޗެއް ނުލައި، މޯޗަރީ ކައިރީގައި އޭނާ ހުރީ ވެސް އޭނާގެ ތިމާގެ މީހާގެ އިންތިޒާރުގައި ކަމަށް އޭނާ ބުންޏެވެ. އޭނާގެ ރަހުމަތްތެރިން، ކާން ހިނގާށޭ ބުނުމުން ވެސް އެކަމަށް އޭނާ އިންކާރުކޮށް "އަހަރެން އޯކޭ" އޭ ބުނެ އެވެ.
އޭނާ ބުނާ ގޮތުން އެ ގޭގައި މީހުން ތިބެނީ ދެ ފްލޯގަ އެވެ. އެއީ ފުރަތަމަ ފްލޯގައި ފިރިހެނުން އަދި ދެވަނަ ފްލޯގައި އަންހެނުންނެވެ. ދެ ފްލޯގައި ވެސް ގިނައިން ތިބެނީ އިންޑިއާ މީހުންނެވެ. އޭގެ ތެރޭގައި ލޭބަރުންނާއި ހައުސް މެއިޑުންނާއި އެހެނިހެން ބައެއް އާދައިގެ ވަޒީފާތަކަށް ގެނެސްފައި ތިބޭ މީހުން ހިމެނެ އެވެ. މި ޒުވާނާ ބުނާ ގޮތުން، ކޮންމެ ބޮލަކަށް ޗާޖް ކުރަނީ މަހަކު 2500ރ. އެވެ.
އޭނާ އަށް ސަލާމަތްވެވުނަސް، މިހާތަނަށް 10 މީހުން މަރުވި ހާދިސާގައި އެތައް ބަޔަކު ގެއްލިގެން ވެސް އެބައުޅެ އެވެ. އަދި އެކަކު، ސިފަ ވަކިނުވާ ވަރަށް ފިހިގެން ފަރުވާ ވެސް ހޯދަމުން އެބަދެ އެވެ. އެ އިމާރާތުގައި ދިރިއުޅެނީ ކިތައް މީހުންކަން އަދި ޔަގީނެއް ނޫނެވެ. އެއް ބަޔަކު ބުނަނީ ދެ ފްލޯގައި އުޅޭ މީހުންގެ އަދަދު 50 އާ ގާތްކުރާނެ ކަމަށެވެ.
ސަލާމަތްވި މީހުންނަށް ސަރުކާރުން ވަނީ ގެސްޓް ހައުސްތަކުން ކޮޓަރި ހަމަޖައްސައިފަ އެވެ. އަދި އެ މީހުންނަށް ރެޑް ކްރެސެންޓް މެދުވެރިކޮށް ނަފުސާނީ އެހީތެރިކަން ދޭން ފަށައިފަ އެވެ. "މިހާރު"ގެ ނޫސްވެރިން ދިޔައިރު، ރެޑްކްރެސެންޓްގެ އޮފިޝަލުން އެ މީހުންނަށް އެހީތެރިވަމުން ދިޔަ އެވެ. ސަލާމަތްވި ބައެއް އަންހެނުން އެނދުމަތީގައި ވަރަށް ދެރަވެފައި ތިބި ތަން ފެނުނެވެ.
"އެ މީހުން އެ ތިބީ ވަރަށް ބޮޑު ޝޮކެއްގައި،" އެ މީހުންނާ ވާހަކަ ދައްކަން ފުރުސަތު ދޭން ދެކޮޅު ހަދަމުން، ރެޑް ކްރެސެންޓްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އިންޑިއާގެ މި ޒުވާނާ ބުނާ ގޮތުން، އެއީ ބިރުވެރި ހާދިސާއެކެވެ. ހިތުން ފިލައިގެންދާނެ ވަގުތުކޮޅެއް ނޫނެވެ. އޭނާ އަށް ސަލާމަތް ވެވުނަސް، އެ ދެ ފްލޯގައި ސަލާމަތް ނުވެވުނު އެތައް ބަޔަކު ދެން އުޅޭނެ ގޮތް ހިތަށް ގެނައުން އެއީ ކުޅަދާނަ ކަމެއް ނޫނެވެ.