މޯޗަރީ ކުރިމަތިން ފެންނަނީ ހިތްދަތި މަންޒަރުތަކެއް
މޯޗަރީ ކުރިމަތިން ފެންނަނީ ހިތްދަތި މަންޒަރުތަކެއް

ގަލޮޅު މޯޗަރީ ކުރިމަތީގައި އިންޑިއާގެ ވަރަށް ގިނަ ބަޔަކު ތިބީ ވާނުވާ ނޭނގިފަ އެވެ. މޯޗަރީ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު ފަސް މީހަކު މަޑުކޮށްލައިގެން ތިބި ތަން ފެނުނެވެ. އެ އެންމެންގެ މޫނުމަތިން ވެސް ފެންނަނީ މޮޅިވެރިކަމެވެ. އެ މީހުން އެ ތިބީ ޖަވާބެއްގެ އިންތިޒާރުގަ އެވެ. މޯޗަރީގެ ބޭރުގައި ދަތްދޮޅި އަށް އަތްވިއްދާލައިގެން ސައިކަލެއްގެ ސީޓްމަތީގައި އިންޑިއާގެ އަންހެނަކު އިނީ އޭނާގެ ދެބޭންގެ ދެދަރިއަކު ގެއްލިގެން އުޅޭތީ އެވެ.

މޯޗަރީ ކުރިމަތިން ފެންނަނީ ހިތްދަތި މަންޒަރުތަކެއް
މޯޗަރީ ކުރިމަތިން ފެންނަނީ ހިތްދަތި މަންޒަރުތަކެއް

މ. ސެންޑްރޯޒް ހުޅަނގުބައިގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި 11 މީހުން މަރުވި އިރު އެ އެންމެންގެ ހަށިގަނޑު ވެސް އޮތީ މޯޗަރީގަ އެވެ. އިންޑިއާ ހައިކޮމިޝަނުގެ އޮފިޝަލުން މޯޗަރީ ތެރޭގައި ހަރަކާތްތެރިވާ އިރު ދިވެހި ފުލުހުން ވެސް އެތާނގައި އެބަތިއްބެވެ.

މޯޗަރީ ކުރިމަތިން ފެންނަނީ ހިތްދަތި މަންޒަރުތަކެއް
މޯޗަރީ ކުރިމަތިން ފެންނަނީ ހިތްދަތި މަންޒަރުތަކެއް

11 މީހުންގެ ހަށިގަނޑު އެތާނގައި އޮތް އިރު، އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި ވަނީ، މަރުވީ ކޮންބައެއްކަން ދެނެނުގަނެވުމެވެ. އަނެއްކޮޅުން އިތުރު ބައެއްގެ ހަށިތައް އެނދި ތަނުގައި ހުރުމަކީ ވަރަށް ބޮޑަށް ބެލެވޭ ކަމަކަށް ވާއިރު، އެތައް ބަޔަކު ގެއްލިގެން އުޅޭ މީހުން ވެސް މޯޗަރީ ސަރަހައްދުގައި އެބަތިއްބެވެ.

މޯޗަރީ ކުރިމަތިން ފެންނަނީ ހިތްދަތި މަންޒަރުތަކެއް
މޯޗަރީ ކުރިމަތިން ފެންނަނީ ހިތްދަތި މަންޒަރުތަކެއް

ސެންޑްރޯޒް ހުޅަނގުބައިގައި ތިންބުރި އަށް ހަދާފައިވާ އިމާރާތުގައި ދެ ބުރީގައި އުޅެނީ ބިދޭސީންނެވެ. ގިނަ އަދަދަކަށް ބިދޭސީ އަންހެނުން ވެސް އުޅެ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި މަސައްކަތް ކުރާ ހައުސް މެއިޑުން ވެސް ހިމެނެ އެވެ. މޯޗަރީގައި ތިން އަންހެނެއްގެ ހަށިގަނޑު އެބައޮތެވެ.

މޯޗަރީ ކުރިމަތިން ފެންނަނީ ހިތްދަތި މަންޒަރުތަކެއް
މޯޗަރީ ކުރިމަތިން ފެންނަނީ ހިތްދަތި މަންޒަރުތަކެއް

ސެންޑްރޯޒްގައި ދިރިއުޅޭ މީހުންގެ ތެރެއިން ހަބަރު ނުވެގެން އެތައް ބަޔަކު އެ މީހުންގެ ފޮޓޯ އާއި ޕާސްޕޯޓް ކޮޕީ ހިފައިގެން ވެސް މޯޗަރީ ކައިރީގައި އެބަތިއްބެވެ. އެ މީހުން ދެނެގަނެވޭތޯ އޮފިޝަލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

"ބައެއް ހަށިތައް ދެނެގަނެވޭ ވަރަށް ވުރެ މާ ބޮޑަށް އޮތީ އަނދައިފައި. ހަމަ އެއްގޮތަކަށް ވެސް ކާކު ކަން ވަކި ނުކުރެވޭ ވަރުގެ ހަށިތައް އެބަހުރި،" ހަށިތައް ދުށް އިންޑިއާގެ އޮފިޝަލަކު ބުންޏެވެ.

އިންޑިއާގެ ރައްޔިތުން މުއާމަލާތު ކުރަނީ އެ ގައުމުގެ އެމްބަސީގެ އޮފިޝަލުންނާ އެވެ. ގެއްލިގެން ހުށަހަޅާ ޝަކުވާތައް އަޑުއެހުމަށް ފަހު މޯޗަރީގެ އެތެރެއަށް ވަނުމަށް ފަހު ދޭތެރެދޭތެރެ އިން ނުކުމެ އޭގެ އަޕްޑޭޓް ދެ އެވެ. އަދި ގެއްލިގެން އުޅޭ މީހުންގެ ފޮޓޯ ފޯނުން ދައްކަމުން އެ މީހުން ދަންނަ މީހުން މޯޗަރީ ސަރަހައްދުގައި ތިބިތޯ ވެސް އޮފިޝަލުން ދޭތެރެދޭތެރެއިން ސުވާލު ކުރެ އެވެ.

"ތިޔައީ އަހަރެންގެ ދެބޭންގެ ދެދަރި މީހެއް،" އޭގެ ތެރެއިން އެކަކުގެ ފޮޓޯ އޮފިޝަލުން ދެއްކުމުން، އިންޑިއާގެ ރައްޔިތަކު ބޭރުގައި ހުރެ ތަމަޅަ ބަހުން ބުންޏެވެ.

"މިއީ ގެއްލިގެން އުޅޭ މީހެއް. މީނައާ ގުޅޭނެ ގޮތެއް ވެއްޖެތަ؟"

އިންޑިއާގެ އޮފިޝަލަކު މޯޗަރީން ހަމަ ނުކުންނަ އިރަށް އެތާނގައި ތިބޭ މީހުން އޭނާއާ ދިމާއަށް ދުއްވައިގަނެ އެވެ. ސުވާލުތައް އޮއްސާލަ އެވެ. ކޮންމެ މީހަކުހެން ވެސް އަހަނީ އެވެނި މިވެނި މީހަކު އޮތްތޯ އެވެ. އޭނާގެ ފޮޓޯ ދައްކަ އެވެ. އެއަށް ގިނަ ފަހަރު ދޭނެ ޖަވާބެއް އޮފިޝަލުގެ ނޯވެ އެވެ.

މެއިޑްގެ ހަބަރެއް ނުވެގެން ދިވެހި ދެ އަންހެނަކު ވެސް މޯޗަރީ ކައިރީގައި ތިއްބެވެ. އެ މީހުން ބުނި ގޮތުގައި މެއިޑް އުޅެނީ ރޭ އަލިފާން ރޯވި ގޭގަ އެވެ.

"މިއަދު ފޯނު އޮތީ ނިއްވާލައިފައި. އެހެންވެ، މޯޗަރީ އަށް މި އައީ. މަރުވީ ކަމެއް ވެސް، އެހެން ކަމެއް ވީކަމެއް ވެސް އަދި ނޭނގެ. އަޅުގަނޑުމެން ބަލައިފިން ހާލުގައި ޖެހުނު މީހުން ތިބި ގެސްޓް ހައުސް ވެސް. އެތަނަކު ވެސް ނެތް،" ފުލުހުންނަށް ޕާސްޕޯޓް ދައްކަމުން އަންހެން މީހާ ބުންޏެވެ.

ބައެއް މީހުންގެ ލޮލުން ފެނުނީ ކަރުނަ އެވެ. އިއްޔެ ވެސް ވަރަށް އެކުވެރިކޮށް އުޅެމުން އައި މީސްމީހުން ހަމަ ކުއްލިއަކަށް ގެއްލުނު ކަމުގެ ފުން ހިތާމަ އެ މީހުންނަށް ވަނީ ކޮށްފަ އެވެ.

"ހުކުރު ދުވަހު ހުޅުމާލެ އަށް ވެސް ދާން އޮތީ ރާވައިފައި،" މަރުވިކަން ޔަގީންވި އެކަކުގެ ރަހުމަތްތެރި އިންޑިއާގެ އަންހެނަކު ބުންޏެވެ.

"ގަބޫލެއް ވެސް ނުކުރެވޭ. ވަރަށް ބޮޑު ދެރައެއް މިއީ. ވަރަށް ދެރަވެފައި މިހިރީ."

ފެނުނު ހިތްދަތި އަނެއް މަންޒަރަކީ، ވީޑިއޯ ކޯލްތަކުން އިންޑިއާ އިން އަންނަ ކޯލްތަކެވެ. ބައެއް ފޯނުތަކުން މޯޗަރީ ސަރަހައްދު އެ މީހުންނަށް ދައްކާލާއިރު، ފޯނުން ފެންނަނީ އިންޑިއާގައި އާއިލާގެ މީހުން ރޯން ތިބޭ ތަނެވެ.

އެއަށް ވުރެ ވެސް ބޮޑަށް އެ މީހުންނަށް ލިބިފައިވާ އެންމެ ބޮޑު ދެރައަކީ، މަރުވީ ކާކުކަން، ދިރިހުރީ ކާކުކަން ވެސް ނޭނގުމެވެ. އެތައް ބަޔަކު ގެއްލިގެން އުޅޭއިރު، ސަލާމަތުން ތިބިކަން ކަށަވަރު ނުވާ އެތައް ބަޔަކު އެބަތިއްބެވެ.