10 ނޮވެމްބަރ 2022 - 12:54

ޔޫކްރޭންގެ އިރުމަތީގައި އޮންނަ މުހިންމު ސަހަރެއް ކަމަށްވާ ޚެރްސޯން ހިފައިގެން ތިބި ރަޝިޔާ ސިފައިން އެ ސަހަރު ދޫކޮށް ފޭބުމަށް، ރަޝިޔާ ސަރުކާރުން އެ ލަޝްކަރަށް އިއްޔެ އަންގައިފި އެވެ.
ރަޝިޔާ އިން އެ ގައުމުގެ ސިފައިން، ޚެރްސޯން އިން މި ބާލަނީ، އެ ސަހަރު ހިފައިގެން ތިބޭތާ މަހަކަށް ވުރެ ގިނަ ދުވަސްވީ ފަހުން، އެ ސަހަރު މިނިވަންކުރުމަށް ޔޫކްރޭން ސިފައިން ދޭން ފެށި ވަރުގަދަ ހަމަލާތަކުގައި ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނިކޮށެވެ. ޚެރްސޯންއަކީ މިދިޔަ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ރަޝިޔާ ސިފައިން ހިފި ޔޫކްރޭންގެ އެންމެ މުހިންމު އެއް ސަރަހައްދެވެ.
މި ހަނގުރާމައާ ބެހޭ ރަޝިޔާގެ އެންމެ އިސް ކޮމާންޑަރު ސެރްގޭ ސުރޮވިކިން އިއްޔެ ދެއްވި ޓީވީ އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ޔޫކްރޭން ސިފައިން މިހާރު ކުރިއަށް ޖެހިފައިވާ މިންވަރަށް ބަލާއިރު، ޚެރްސޯންގައި ތިބި ރަޝިޔާ ސިފައިންނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެހެންކަމުން، މިވަގުތަށް އެންމެ ރަނގަޅީ ޚެރްސޯނުން ރަޝިޔާ ސިފައިން ބޭލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޚެރްސޯނުން ސިފައިން ފޭބުމުގެ އަމުރު ނެރުމުގެ ކުރިން، އެ ސަރަހައްދުގެ ހާލަތު ހުރި ގޮތް ވަރަށް ގާތުން ބަލައި ވަޒަންކުރެއްވި ކަމަށެވެ. އަދި މިހާރުގެ ހާލަތު ހުރި ގޮތުން، ދާނޫބް ކޯރުގެ އިރުމަތީ އައްސޭރިފަށުގެ ސަރަހައްދުގައި ތިބި ރަޝިޔާގެ ހުރިހާ ސިފައިން އެ ސަރަހައްދުން ބާލަން ނިންމީ، މިވަގުތަށް އެނޫން ގޮތެއް ނެތުމުންނެވެ.
"އަޅުގަނޑަށް އެނގޭ މިއީ ވަރަށް އުނދަގޫ ނިންމުމެއްކަން. އެހެން ނަމަވެސް، އެންމެ މުހިންމު ކަމެއް ދޭންޖެހެނީ އަޅުގަނޑުމެންގެ ސިފައިންގެ ފުރާނައިގެ ރައްކާތެރިކަމަށް. އަދި ރަޝިޔާ ލަޝްކަރުގެ ސިފައިންގެ ކިބައިގައި ހުރި ހަނގުރާމަ ކުރުމުގެ ގާބިލުކަން ދެމެހެއްޓުމަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް އަޅުގަނޑުމެން ދޭންޖެހޭ."
ރަޝިޔާގެ ދިފާއީ ވަޒީރު ސެރްގޭ ޝުއިގޯ މިއަދު ވިދާޅުވީ ޚެރްސޯން ސަރަހައްދުން ރަޝިޔާ ސިފައިން ބޭލުމަށް ކޮމާންޑަރު ނިންމެވި ނިންމެވުމަށް އޭނާ ތާއީދުކުރައްވާ ކަމަށެވެ.