10 ނޮވެމްބަރ 2022 - 13:52

ޗައިނާގެ ވެރިކަންކުރާ ޕާޓީ، ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ 20 ވަނަ ކޮންގްރެސްގެ ކާމިޔާބީ އަކީ ރާއްޖެ-ޗައިނާގެ ގުޅުން ހަރުދަނާ ކުރުމަށް ލިބުނު އާ ބާރެއް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލިޝިންގް ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 16 އިން 22 އަށް ބޭއްވި އެ ކޮންގްރެސް އަކީ ސީޕީސީގެ ފަރާތުން ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މަޝްވަރާ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ޗައިނާގެ އެކި ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، މިދިޔަ ފަސް އަހަރުގެ މަސައްކަތްތަަކާއި މިދިޔަ 10 އަހަރު އައި ބޮޑެތި ބަދަލުތައް މުރާޖާކޮށްފައިވެ އެވެ.
މި އަހަރުގެ ސީޕީސީ ކޮންގްރެސްއާ ގުޅޭގޮތުން ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވަންގް ލިޝިންގް ވިދާޅުވީ، ޗައިނާ-ރާއްޖެ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ސަގާފީ އެކުވެރިކަން ކުރިއަށް ގެންދިއުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ދެކެންޖެހޭ ކަމަށެވެ.
"....އެއީ ދެ ގައުމުގެ ސަގާފީ އެކުވެރިކަން ކުރިއަށް ގެންދަން ލިބުނު ފުރުސަތެއްގެ ގޮތުގައި ދެކިގެން، ސިޔާސީ އިތުބާރު ވަރުގަދަކުރުމާއި، އަމަލީ އެއްބާރުލުން ވަރުގަދަކުރުމާއި، ދެ ގައުމުގެ ރައްޔިތުންގެ ގުޅުން ހަރުދަނާކުރުމާއި، މަލްޓިލޭޓަރަލް މަސައްކަތްތައް އިތުރުކުރަން ރާއްޖެއާ އެކު މަސައްކަތްކުރަން ޗައިނާ އޮތީ ތައްޔާރަށް،" ވަންގް ލިޝިންގެ ވިދާޅުވި އެވެ.
ރާއްޖޭގެ އިޖުތިމާއީ އަދި އުމްރާނީ ތަރައްގީއަށް ޗައިނާއިން ގިނަ މަސައްކަތްތަކެއް ކޮށްދީފައިވެ އެވެ. އޭގެ ތެރޭގައި ސިނަމާލެ ބްރިޖުގެ މަސައްކަތާއި، ހިޔާ ފްލެޓު މަޝްރޫއުގެ އިތުރުން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފާހަގަކޮށްލެވެ އެވެ.
"އެކަހެރިކޮށް އޮވެ ޗައިނާއަށް އަމިއްލަ ތަރައްގީ ނުގެނެވޭ ފަދައިން، ދުނިޔޭގެ ތަރައްގީ އަށް ޗައިނާ ބޭނުންވާނެ،" ސަފީރު ވިދާޅުވި އެވެ.
ޗައިނާ އަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އުމްރާނީ އަދި އިޖުތިމާއީ ތަރައްގީގެ ބޮޑު ރޯލެއް އަދާކުރާ ގައުމެކެވެ. އެކި ގައުމުތަކާ އެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވެ، "ބެލްޓް އެންޑް ރޯޑު"ގެ ދަށުން 140 އަށް ވުރެ ގިނަ ގައުމުގެ ޓްރޭޑިން ޕާޓްނަރަކަށް ވެފައިވާ ކަމަށް ވަންގް ލީޝިންގް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްކެވި ވާހަކައާ ގުޅޭ ގޮތުން ވަންގް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައި ވަނީ މީގެ ކުރިން ނުފެންނަ ގޮންޖެހުންތަކެއް ކަމަށެވެ.
"އަޅުގަނޑުމެން އެކުގައި ހިނގާހާ ހިނދަކު، ހުރިހާ ގައުމުތަކަށް އެއްބައިވަންތަކަމާ އެކު އުޅެވޭނެ، އެއްބާރުލުންދީ، އެކީގައި ކާމިޔާބު ހޯދައިގެން ދުނިޔެއަށް ރަނގަޅު މުސްތަގްބަލެއް އުފެއްދުމުގެ ފުރުސަތު ލިބޭނެ،" ޗައިނާ ސަފީރު ވިދާޅުވި އެވެ.
ޗައިނާގެ އިގްތިސާދާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަންގް ވިދާޅުވީ 40 އަހަރަށް ވުރެ ގިނަ ދުވަހުގެ މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުން، އެ ގައުމަށް އިގްތިސާދީ ހަލުވި ކުރިއެރުމާއި، ދިގުމުއްދަތުގެ އިޖުތިމާއީ ހަމަޖެހުން ހޯދައިފައިވާ ކަމަށެވެ.
"ޗައިނާގެ މިހާރު އޮތް އިގްތިސާދަކީ ވަރަށް ހަރުދަނާ، އަދި ރަނގަޅު މުސްތަގުބަލެއް އޮތް އިގްތިސާދެއް. އޭގެ ވަރުގަދަ އަސާސީ ކަންކަމަށް ބަދަލެއް ނާންނާނެ. އަދި ޗައިނާގެ ދޮރު ފުޅާކޮށް ބޭރު ދުނިޔެ އަށް ވެސް ހުޅުވާލާނެ،" ވަންގް ވިދާޅުވި އެވެ.
ވަންގް ވަނީ ސީޕީސީ ކޮންގްރެސްގައި މަޝްވަރާކުރި، ޗައިނާގެ މުސްތަގުބަލާ މެދު ގެންގުޅޭ ވިސްނުންތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ.