10 ނޮވެމްބަރ 2022 - 12:36

ފްރާންސްގެ ލިއަލިޓީ ޝޯ ހުށަހަޅައި ދޭ މަޝްހޫރް މޮޑެލް މަރީން އެލް ހިމާ އިސްލާމްވެ އުމްރާއަށް ހިނގައްޖެ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން އޭނާ އިސްލާމް ދީން ގަބޫލުކުރި ނަމަވެސް، އޭނާ މި ކަން ސޯޝަލް މީޑިއާގައި ހާމަކުރީ މި މަހުގެ ދެ ވަނަ ދުވަހު އެވެ.
ހިމާ ވަނީ ހަރަމްފުޅަށް ގޮސް ގެފުޅުގައި އަތް ލައިގެން ހުރެ ނަގާފައިވާ ފޮޓޯތަކެއްގެ އިތުރުން މިސްކިތެއްގައި ޝަހާދަތް ކިޔަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވެސް، އޭނާގެ 1.5 މިލިއަން ފޮލޯވަރުންނާ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
"ހަޔާތުގައި އައި އެންމެ ހިތްގައިމު، އުފާވެރި ދުވަސް މިއީ،" ވީޑިއޯގެ ކެޕްޝަންގައި ޖަހާފައިވެ އެވެ.
ފްރާންސަށް އުފަން މޮރޮކޯ-މިސްރު ދަރިކޮޅު މީހެއް ކަމަށްވާ ހިމާ ބުނީ ހެޔޮ ގޮތް ވިސްނި އަލުން އެނބުރި ދީނަށް ވަނުމަށް ލަދު ގަންނަން ނުޖެހޭ ކަމަށެވެ. އިސްލާމް ދީނުން ހިތާއި ނަފްސަށް ހަމަޖެހުން ލިބޭ ކަމަށް އޭނާ ބުނެފައިވެ އެވެ.
ފްރާންސްގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްލާމް ދީނަށް ހިމާ ޝައުގުވެރިވީ އޭނާގެ އަސްލު ބައްޕަ އަކީ ކާކުކަން ހޯދައި އާއިލާއާ ބެހޭ މައުލޫމާތު އެއްކުރުމުގެ ތެރޭގަ އެވެ.