އެންމެ ފުރަތަމަ ރޯވީ ގަރާޖުގައި ކަމަކަށް ނުބެލެވޭ: ގަރާޖުގެ ވެރިޔާ
އެންމެ ފުރަތަމަ ރޯވީ ގަރާޖުގައި ކަމަކަށް ނުބެލެވޭ: ގަރާޖުގެ ވެރިޔާ

މ. ސެންރޯޒް ހުޅަނގުބައިގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ ރޯވީ ގަރާޖުގައި ކަމަށް ނުބެލެވޭ ކަމަށް، އެ ގަރާޖުގެ ވެރިފަރާތުން ބުނެފި އެވެ.

އެންމެ ފުރަތަމަ ރޯވީ ގަރާޖުގައި ކަމަކަށް ނުބެލެވޭ: ގަރާޖުގެ ވެރިޔާ
އެންމެ ފުރަތަމަ ރޯވީ ގަރާޖުގައި ކަމަކަށް ނުބެލެވޭ: ގަރާޖުގެ ވެރިޔާ

ނަން ހާމަނުކޮށް އޭނާ ބުނީ، ގަރާޖު ރޭ ނުއެއް ޖަހާކަން ހާއިރު ބަންދު ވެސް ކުރީ އޭނާ ކަމަށެވެ.

ތިން ބުރި އަށް ހަދާފައި ހުރި އެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 11 މީހުން މަރުވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ އަދަދު އަދިވެސް މައްޗަށް ހިނގައިދާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ އެ އިމާރާތުގައި ވަރަށް ގިނަ ބިދޭސީން ދިރިއުޅެމުން ގެންދާތީ އެވެ.

"ރޭ ނުވައެއް ޖެހި އިރު ވެސް އެއްވެސް ކަހަލަ ކަމެއް ފާހަގައެއް ނުވޭ. އަދި އޭރު އެ އިމާރާތުގެ އެހެން ބަޔަކުން ވެސް އެއްވެސް ކަމެއް ފާހަގައެއް ނުވޭ،" އޭނާ ބުންޏެވެ.

އެ އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގި ކަމަށް ފުލުހުންނަށް އެނގިފައި ވަނީ 12:30 ހާއިރު އެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ގަޑިއެއްހާ އިރު ފަހުންނެވެ. މަރުގެ އަދަދަށް ބަލާއިރު، މިއީ އަލިފާނުގެ ހާދިސާއެއްގައި ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވި ހާދިސާ އެވެ.

އެ ގަރާޖް އެތަނުގައި އޭނާ ހިންގާތާ ގާތްގަނޑަކަށް ދޮޅު އަހަރުވެއްޖެ އެވެ. އޭނާ ބުނީ އިމާރާތް އަނދައި ހުލިވި އިރު، ސާވިސް ކުރަން ގާރަޖަށް ގެންދިޔަ ކުޑަ ދެ ޕިކަޕް ވެސް ގަރާޖު ތެރޭގައި އޮތް ކަމަށެވެ. އޭގެ އިތުރުން ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ސާމާނު ވެސް ގަރާޖުގެ ތެރޭގައި ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

"ގާތްގަނޑަކަށް އަށެއްކަ ލައްކަ ރުފިޔާގެ މުދާ އެތާނގައި ހުންނާނެ. އެއީ ގާތްގަނޑަކަށް އަޅުގަނޑުގެ އަށް އަހަރުގެ މަސައްކަތް،" އޭނާ ބުންޏެވެ.

އޭނާ ބުނީ، އެ ގަރާޖުގެ މަތީގައި ވަރަށް ގިނަ ބިދޭސީން ދިރިއުޅޭ ކަމަށާއި ކޮންމެ މީހަކު ވެސް އުޅެނީ ކިރިޔާ އެނދެއް ބަހައްޓާލެވޭ ވަރުގެ، ޕާޓްޝަން ޖަހާފައިވާ "ކޮޓަރިތަކެއް" ކަހަލަ ތަންތަންކޮޅުގައި ކަމަށެވެ.

"ކޮންމެ ބައެއްގައި ކައްކައި ކެވޭ ގޮތަށް ހުންނާނެ. ކޮންމެ ކޮޓަރިއެއްގައި ގޭސްފުޅިއެއް ހުންނާނެ،" އޭނާ ބުންޏެވެ.

"ގޭތެރެއަށް ވަންނަ އިރު ވެސް ގޭސްފުޅި ހުންނާނެ."

އޭނާ ބުނި ގޮތުގައި، އެ ގޭގެ މަތީގައި މީގެ ކުރިން ވެސް އަލިފާނުގެ ދެ ހާދިސާއެއް ވަރު ވަނީ ހިނގައިފަ އެވެ.

"އެކަހަލަ ކަންކަން ދޭތެރެދޭތެރެއިން ހިނގާ ކަމަށް ވަނީ،" އޭނާ ބުންޏެވެ.